މޯލްޑިވްސް ގޭސް އިން، ޕޭޕާ ކުންފުންޏަކަށް ގޭސް ގެނައުމުގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް ދީފިއެވެ. މި ފައިސާ އަނބުރާ ނުލިބޭ އިރު، މި ކުންފުންޏާއި އެކު ޑީލް ހަދާފައިވަނީ، 2 މިލިއަން ޑޮލަރު މޯލްޑިވިއަން ގޭސް އެމްޑީ ބޯފަން އަބްދުﷲ އަށް ދޭނެކަމަށް ބުނެގެން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެސްއޯއީ ތަކުން ހިނގާ ކޮރަޕްޝަނުން، ރައީސް މުއިއްޒަށް ބައި އަޅަމުންދާކަމާއި، އެޗްޑީސީ ފަދަ ތަންތަނުން ހިންގާފައިވާ ބޮޑެތި މަކަރާއި ހީލަތުގެ އަމަލުތަކަށްވެސް ފިޔަވަޅު ނާޅާކަން ރައްޔިތުންނަށް އޮތީ ދާދި ފަހުން ފެނިފައެވެ.
1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ބޭރުގެ ޕޭޕާރ ކުންފުންޏަކަށް 13.1 މިލިއަން ރުފިޔާ ދިނުމަށް ނިންމައި، އެޑްވާންސްގެ ގޮތުގައި 3.9 މިލިއަން ރުފިޔާ މޯލްޑިވްސް ގޭސް އިން ދައްކާފައިވެއެވެ. ނަމަވެސް މޯލްޑިވިއަން ގޭސްގެ އެމްޑީ ޑީލް ހަދާފައިވަނީ ޕޭޕާ ކުންފުންޏަކާއި ކަމުން، މިކުންފުނިން ގޭސް ޝިޕްމެންޓް ރާއްޖެ އައިސްފައި ނުވެއެވެ.
މިކަން ހިނގާފައިވަނީ 2024 ވަނަ އަހަރު އޯގަސް މަސްތެރޭގައެވެ. ރާއްޖެއަށް ގޭހުގެ ދަތިކަން ކުރިމަތިވެގެން ދިޔައީ މި ޝިޕްމެންޓް އޭރު ނައުމުގެ ސަބަބުންނެވެ. މިހާރުވެސް ރާއްޖެއަށް ގޭސް ގެންނަމުން ދަނީ ބޯފަން އަބްދުﷲ އަށް ބޮޑު ކަޓެއް ލިބޭހެން، ކޮރަޕްޓް ގޭސް މާނު މެދުވެރިކޮށްގެންނެވެ.
މި ފައިސާ އަނބުރާ ހޯދުމަށް ސަރުކާރުން، އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި މިކަން ވަނީ ރައީސް މުއިއްޒު ސިއްރު ކޮށްފައެވެ. ކޮވިޑްތެރޭ ކުރިމަތިވި ވެންޓިލޭޓަރުގެ ހާލަތާއި ގުޅިގެން އެމްޑީޕީ ސަރުކާރުން ވައްކަން ކުރި ކަމަށް ގޮވި، ރައީސް ނަޝީދުވެސް މިކަމާއި މެދު އެއްވެސް ބަހެއް ނުބުނެއެވެ. ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަނީ ރައީސް މުއިއްޒުގެ މިފަދަ ހުރިހާ ވައްކަމަކާއި، އަނިޔާވެރިކަމެއް ފޮރުވައި، މުއިއްޒުގެ އަނިޔާވެރި ވެރިކަން ދެމެހެއްޓުމަށެވެ. މުއިއްޒުގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.