ޚަބަރު

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ މުބީން ކުރާނެ މަސައްކަތެއް ނެތި މަސައްކަތުގަޑީގައި ކޮންމެ ދުވަހަކު ތާސް ކުޅުމުގައި

ދިޔަވަރު
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ މުބީން ކުރާނެ މަސައްކަތެއް ނެތި މަސައްކަތުގަޑީގައި ކޮންމެ ދުވަހަކު ތާސް ކުޅުމުގައި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ މުބީން ކުރާނެ މަސައްކަތެއް ނެތި މަސައްކަތުގަޑީގައި ކޮންމެ ދުވަހަކު ތާސް ކުޅުމުގައި އިންނަ ވާހަކަ ކުންފުނީގެ އާންމު ސްޓާފުން ވަނީ ދިޔަވަރު ނޫހަށް މައުލޫމާތު ހިއްސާ ކޮށްފައެވެ. ނަމަވެސް މިއީ ސަރުކާރު ކުންފުންޏެއްގެ ވެރިއަކު ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ ފަދަ ޚަބަރެއްގެ ތެދު ދޮގު ޔަގީން ނުކޮށް ނުގެނެސް ތިއްބާ، މިއަދު ވަނީ މި ނޫހަށް މުބީނާއި، ޗީފް ފައިނޭންޝިއަލް އޮފިސަރު ހުސާމާއި، ޗީފް އިންޓާރނަލް އޮޑިޓަރ އަކްރަމާއި އިތުރު ފަރާތްތަކާއެކު ތާސް ކުޅެން ހުރި ފޮޓޯތައް ލިބިފައެވެ.

ވައްކަންކުރުމުގެ އިތުރުން ރައީސް މުއިއްޒުގެ ސަރުކާރުގެ ކުންފުނިތަކުން ދެން ކުރާ ކަމަކީ މިފަދަ ނާޗަރަންގީ ކުޅުމެވެ. ޒިންމާދާރުކަމެއް ނެތި، މަސައްކަތުގެ ވަގުތުގައި ތާސް ކުޅެން އިނުމުން ރީޖަނަލް އެއަރޕޯޓްސް އެމްޑީ މުބީނުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ސާފުވެގެން ދާނެއެވެ.

މި މައްސަލައާ ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއީ ދައުލަތުގެ ކުންފުންޏެއްގެ އިސްވެރިންގެ ފަރާތުން ފެންނަންޖެހޭ އެކަށީގެންވާ ޒިންމާދާރު ކަމެއް ނޫނެވެ. ސަރުކާރު ކުންފުންޏެއްގެ އިސް ވެރިންތަކެއްގެ މަސައްކަތުގެ އަޚުލާގުން ބޭރުވެ، މިފަދަ އަމަލުތައް ތަކުރާރު ކުރަމުން ދާއިރު، ޒިންމާދާރު އެމްޑީއެއް ނެތުމުން ކުންފުންޏަށާއި، އާންމު ރައްޔިތުންނަށް މިކަމުން ނުހަނު ބޮޑު ގެއްލުމެއް ވެގެންދެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީ، ތިމަންނާއާއި ތިމަންނާގެ ސަރުކާރު 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ތިބޭނެ ކަމުގެ ޔަގީންކަން ދީގެންނެވެ. ނަމަވެސް ފަހުން ވަނީ ކުޅިވަރު ކުޅުމަށް (ނާޗަރަންގީ ކުޅުމަށް) މިނިސްޓަރުން ގޮވައިގެން އާރަށަށް ހަފްތާއަކު 3 ފަހަރު ދާ ކަމަށް ވިދާޅުވެފައެވެ. ހަފްތާއަކު 3 ރެއަކު އާރަށަށް މިނިސްޓަރުން ގޮވައިގެން ނާޗަރަންގީ ކުޅެން ދާ ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރަން ތިބޭނީ ތާސް ކުޅޭ ފެންވަރުގެ ފަރާތްތަކެވެ.

ދައުލަތުގެ އެހެން ކުންފުނިތަކުގެ ވެރިންވެސް މިފަދަ އަމަލުތައް ހިންގަމުންދާކަމުގެ މަޢުލޫމާތު މި ނޫހަށް ލިބެމުންދެއެވެ. މިއީ ހަމައެކަނި ރީޖަނަލް އެއަރޕޯޓްސް އެކަންޏެއް ނޫނެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކުގައި މިއަދު މި ތިބީ މިފަދަ ޒިންމާދާރުކަން ކުޑަ ބައެކެވެ.

މި ފޮޓޯތަކުން ފެނިގެންދަނީ ޤައުމުގެ އަސްލު ހާލަތެވެ. ރައީސް މުއިއްޒުގެ އަސްލު ސޫރައެވެ. މި ސަރުކާރުގެ ވައުދުތަކަކީ ހަމައެކަނި ދުލުން ބުނާ ވާހަކަތަކެއްކަން މިއަދު ވަނީ ސާބިތުވެފައެވެ.