ޚަބަރު

އަބުދުއްރަހީމްގެ މީހެއްކަމަށް ޝައްކު ކުރެވޭތީ, ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ޒީނާދު ވަކިކޮށް, މުއިއްޒުގެ އިތުބާރު އޮންނަ މުއާޒު ހަލީމު އެމަގާމަށް އައްޔަން ކޮށްފި

ދިޔަވަރު
އަބުދުއްރަހީމްގެ މީހެއްކަމަށް ޝައްކު ކުރެވޭތީ, ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ޒީނާދު ވަކިކޮށް, މުއިއްޒުގެ އިތުބާރު އޮންނަ މުއާޒު ހަލީމު އެމަގާމަށް އައްޔަން ކޮށްފި

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާން ވަކިކޮށް މުއާޒު ހަލީމު އެ މަގާމަށް މިއަދު އައްޔަނުކޮށްފި އެވެ.

ޕީއެންސީގެ އެސްޖީގެ މަގާމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ވަގު ފޯމު ހުށަހަޅައިގެން އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އަދު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މި ސަރުކާރުގެ އެޓޯލްސް މިނިސްޓަރ އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާދު ޕީއެންސީގެ އެސްޖީގެ މަގާމުން ވަކި ކޮށްފައިވަނީ އޭނާއަކީ "އަބުދުއްރަހީމްގެ މީހެއް"ކަމަށް ޝައްކު ކުރެވިގެންނެވެ.

އާދަމް ޝަރީފްއަކީ ޕީއެންސީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް މުއިއްޒުއާއި ވާދަކުރި ފަރާތެވެ. އަބުދުއްރަހީމް އޭރު ތާއީދު ކޮށްފައިވަނީ އާދަމް ޝަރީފަށް ރިޔާސީ ޓިކެޓް ކަށަވަރު ކޮށްދިނުމަށެވެ.

އެސްޖީގެ މަގާމާ ހަވާލުވިކަން "ދިޔަވަރު އޮންލައިން"އަށް މުއާޒު ކަށަވަރު ކޮށްދީފައި ވެއެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހަކީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރާ މަޖިލީހެވެ.

އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.

ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަނުކުރީ މެއި 24، 2024 ގަ އެވެ.

”ދިޔަވަރު އޮންލައިން“ މައުލޫމާތު ދިން ވެރިކަންކުރާ ޕީއެންސީގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި, ބައެއް ކަންކަމުގައި މުއިއްޒު އަބުދުއްރަހީމްއައި މަޝްވަރާ ކުރެއްވި ނަމަވެސް, އަބުދުއްރަހީމްގެ ފިޔަ ކޮށާލުމުގެ މަގުސަދުގައި ރައީސް މުއިއްޒު ގެންދަވަނީ އަބުދުއްރަހީމްގެ މީހުންގެ ގޮތުގައި ސިޔާސީ އިސް މަގާމްތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކި ކުރަމުންނެވެ. އޮފިޝަލް ވިދާޅުވީ ދާދިފަހުން ވެމްކޯގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ޝަހީދުއަކީވެސް އަބުދުއްރަހީމްގެ މީހެއްގެ ގޮތުގައި ލޭބަލްވެ އަބުދުއްރަހީމްއާއި ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމުގައެވެ.

އޭގެ އިތުރަށް ފާއިތުވެދިޔަ ޑިސެމްބަރުމަހު މުއިއްޒު ވަނީ މިސަރުކާރުގެ ފިނޭންސް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި ޝަފީގު މަގާމުން ދުރުކޮށްފައެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ ސީދާ މުއިއްޒު އަންގައިވައިގެންނެވެ. ޝަފީގުއަކީވެސް އަބުދުއްރަހީމްގެ ރުހުމާއެކު ވަޒީރުކަމަށް ވަޑައިންނެވި, އަދި އަބުދުއްރަހީމްގެ ރަށަށް ނިސްބަތްވާ ފަރާތެކެވެ. ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީރުކަމުން ވަކިކުރުމާމެދުވެސް މުއިއްޒު އަބުދުއްރަހީމްއައި މަޝްވަރާ ކޮށްފައެއް ނުވެއެވެ.

ވަކީން ޚާއްސަލޮށް ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ފާސްކުރުމާއެކު, މެމްބަރުންގެ ޑިމާންޑް ނެތި, މުއިއްޒު ސިޔާސީ މުހިންމު ނިންމުންތައް ނިންމެވުމުގައި އަބުދުއްރަހީމްއާއެކު އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އަބުދުއްރަހީމް މިހާރު ގެންދަވަނީ އަމިއްލައަށް ޚަރަދު ކޮށްގެން "މެންދުރު"ގެ ނަމުގައި ވަކީ ޓީވީ ޗެނަލްއެއް ހިންގަވަމުންނެވެ. އަބުދުއްރަހީމް ވަކި ޓީވީ ޗެނަލްއެއް ހިންގަމުންދަނީ ރައީސް މުއިއްޒުއަށް އިތުބާރުކަން ބޭނުން ނުވާތީއާއި, އަދި މި ސަރުކާރު ތެރޭގައި އޮތް އަބުއްރަހީމްގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓާ, ޕީޕީއެމްގެ ގްރާސް ރޫޓާއި މުއާމަލާތްކޮށް ރައީސް މުއިއްޒުއަށް ބޭނުންވާހާ ގޮތަކަށް ސިޔާސީ ކުޅިބާ އެތުރުމުގެ ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

”މެންދުރު“ގެ ނަމުގައި ހިގަމުންދާ މި ޓީވީ ޗެނަލް ހިންގުމުގައި އަމަލީގޮތުން ހަރަކާތެރި ވަނީ, ރީޖަނަލް އެއަރޕޯޓުސް މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމްގައި ހުންނެވި, ކުރީގެ މަޖިލިސް މެމްބަރު އަހުމަދު މުބީންގެ އިތުރުން ދާދިފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާ ދެއްވި, ކުރީގެ މަޖިލިސް މެމްބަރު މުއާޒު ރަޝީދެވެ.