ޚަބަރު

މެމްބަރޝިޕް ފޯމުން ވައްކަން ކުރިކަމަށް ޕީއެންސީން އެންމެފަހު އެއްބަސް ވެއްޖެ

ދިޔަވަރު
މެމްބަރޝިޕް ފޯމުން ވައްކަން ކުރިކަމަށް ޕީއެންސީން އެންމެފަހު އެއްބަސް ވެއްޖެ

ޕާޓީއަށް މެމްބަރުން ވެއްދުމަށްޓަކައި ސައްހަ ނޫން ފޯމްތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ވެރިކަންކުރާ ޕީއެންސީން އެއްބަސް ވެއްޖެއެވެ. ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އެކަން ބަލަމުންދާކަމުގައެވެ.

ޕީއެންސީން މިފަދައިން ބުނީ، ކޮންގްރެސް ޕާޓީއަށް މީހުން ވެއްދުމުގައި ސައްހަ ނޫން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހެޅިފައިވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މިގޮތުން ޕީއެންސީން ބުނީ، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ހިންގި "މެމްބަރޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި އެތައް ހާސް ފޯމެއް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް "މަދުން ނަމަވެސް" ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެ ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް ފޯމުތަށް އަޕްލޯޑްކުރަމުން ދިޔަ ނަމަވެސް ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީއަށް ލިބިފައިނުވުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަކަމާއި މެދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައި ސުވާލު އުފެއްދުންކަމަށެވެ. މިއީ ހަމައެކަނި އެ ޕާޓިއަށް އޮތް ގޮންޖެހުމެއް ނޫންކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ.

އެހެންނަމަވެސް ޕާޓީތަކަށް މީހުން ވެއްދުމުގައި މިއުސޫލުން ވައްކަން ކޮށްފައިވާކަމެއް މީގެކުރިން އެނގިފައެއް ނުވެއެވެ.

ޕީއެންސީން ބުނީ، މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކއް އެ ޕާޓީގެ ނަމުގައި އީސީ އަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށް ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ ކޮމިޝަނުންނާއި ފުލުހުންވެސް މައްސަލަ ބަލަމުންދާކަން އަންގާފައިވާކަމަށާއި އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ޕާޓީގެ ފަރާތުން ދޭނެކަމަށެވެ.

މިއާއިއެކު، މިކަން ހިނގާދިޔަ ގޮތް ބެލުމަށް ޕާޓީ އިން ވެސް ފޯމުތައް ހުޅަހެޅިފައިވާގޮތް ބަލަމުންދާކަމަށާއި، ސައްހަ ނޫން ފޯމުތަކެއްގެ މުގާބިލުގައި ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ޕާޓީގެ ރައީސް އަދި ލީޑާޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށްވެސް ޕީއެންސީން ބުނެފައި ވެއެވެ.

އެހެންކަމުން ޕީއެންސީން ވަނީ ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީގެ ރަސްމީ މެއިލްކަމަށްވާ info@pnc.mv އަށް އީމެއިލް ކުރުމަށް އެދިފައެވެ.

ޕީއެންސީން ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރު ފިއްޓޭވެސް އެޕާޓީއަށް ވަގަށް ވައްދާފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީންވަނީ އީސީގައި އިހުތިޖާޖު ކޮށްފައެވެ.