އަނެކުންގެ މުދާ ބާޠިލް ގޮތުގައި ކެއުމާއި, ރިޝްވަތާއި ކޮރަޕްޝަންގެ އަދަބުން ދުނިޔެމެތީގައި ސަލާމަތް ވެވުނު ނަމަވެސް, އޭގެ އުގޫބާތުން އާޚިރަތުގައި ސަލާމަތް ނުވާނެ ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާ އާންމު ވެފައި ވަނިކޮށް, "ބާތިލް ގޮތުގައި މުދާ ކެއުން" މިމައުޟޫއަށް އަލިއަޅުވާލައްވަމުން، މިއަދުގެ ޚުޡުބާގައި ވަނީ, ރިޝްވަތުގެ ނުރައްކާތެރިކަމާއި އޭގެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަރަށް ފުންކޮށް އިރުޝާދު ދީފައެވެ.
ރިޝްވަތަކީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ބައްޔެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މިއީ ކަންކަން ފާސިދުކޮށް، ޙައްޤު ބާޠިލަށް ބަދަލުކޮށް، އަދި ބާޠިލް ޙައްޤަށް ބަދަލުކުރުމުގެ ނުރައްކާތެރި އާލާތެއްކަންވެސް ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިޝްވަތަކީ ހަދިޔާ، ސައި އަދި އެހެނިހެން ނަންނަމުގައި އެކި ސިފަސިފައިގައި ދެވޭ އެއްޗެއް ނަމަވެސް، އޭގެ ޙަޤީޤަތަކީ އެއީ ރިޝްވަތްކަމެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގައި އަދަބުން ސަލާމަތްވި ނަމަވެސް، އާޚިރަތުގައި އޭގެ އަދަބުން ސަލާމަތްވުމެއް ނޯންނާނެކަން ކަށަވަރުކަމުގައި ވިދާޅުވިއެވެ.
އަދި ބާޠިލް ގޮތުގައި މުދާ ކެއުމުގެ ތެރޭގައި، މުވައްޒަފުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތުގައި އަދާނުކުރުމާއި، މަސައްކަތުގެ ވަގުތު ބޭކާރުކުރުންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފެއްގެ އީމާންކަމުގެ ފުރިހަމަކަން ދައްކުވައިދޭ އެއް ކަމަކީ އެމީހަކު ކުރަންޖެހޭ މަސައްކަތް ފުރިހަމައަށް އަދާކުރުންކަމުގައި ވިދާޅުވިއެވެ.
ރިޝްވަތާއި ކޮރަޕްޝަންގެ ނުބައި އަމަލުގެ މައްޗަށް މިއަދުގެ ޚުޡުބާގައި އަލިއަޅުވާލެއްވިއިރު, މުއިއްޒު ހިމެނޭހެން މިސަރުކާރުގެ އިސް ވެރިންގެ މައްޗަށް ވަނީ ރިޝްވަތާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައެވެ. އަދި ސީދާ މުއިއްޒު އަޑީގައި ހުންނަވައިގެން ރިޝްވަތުގެ ހަރާމް ފައިސާއަށް މަޖިލިސް މެމްބަރުން ގަތުމާއި, ހުޅުމާލޭގެ ގޯތިތަލާއި ފްލެޓްތައް ސަރުކާރުގެ އިސްވެރިންނަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ވަގަށް ދިނުމުގެ އިތުރުންވެސް, ރޯމާ ދުވާލު މިސަރުކާރުން ދަނީ ދައުލަތުގެ މާލިއްޔަތުން ބޮޑެތި ވައްކަންތައް ކުރަމުންނެވެ.
އަދި މިހުރިހާ ވައްކަމަކައި ކޮރަޕްޝަނަކަށްވެސް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.