ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ޗައިނާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުން އެ ގައުމަށް 3.7 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހޯދައި ދެއްވުމާ ގުޅިގެން، އެއްވެސް އެއްޗެއް ނުލިބި އެނބުރި ވަޑައިގެންނެވި ރައީސް މުޢިއްޒުގެ ޗައިނާ ދަތުރާ މެދު މީސްމީޑިޔާގައި ފާޑުކިޔުންތައް އިތުރުވެއްޖެއެވެ.
ސްރީލަންކާގެ ރައީސްގެ ދަތުރުފުޅުގައި ހަމްބަންޓޯޓާގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް އެޅުމަށް ޗައިނާގެ ސިނޮޕެކް ކޯޕަރޭޝަނުން އެއްބަސްވެ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އިންވެސްޓްމަންޓަކީ އިގުތިސާދީ ގޮތުން ދަތި ހާލުގައި އޮތް ސްރީލަންކާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.
ޗައިނާއަށް ކުރެއްވި ދަތުރުގައި މުއިއްޒު އެހީއަށް އެދިފައިވެއެވެ. އަދި ލޯނުތައް ރީފައިނޭންސް، ނުވަތަ ރީޝެޑިޔުލް ކޮށް ދިނުމަށް ވެސް އެދުނެވެ. މިކަން ވެގެން ދިޔައީ ބޮޑު ޖޯކަކަށެވެ. ޗައިނާއަށް ފެނުނީ މުއިއްޒުގެ ކިބާގައި ސަރުކާރެއް ހިންގުމުގެ އެއްވެސް ޤަބިލު ކަމެއް ނެތްތަނެވެ. އޭގެ އިތުރުން މުއިއްޒަށް އިޤްތިޞާދީ އަދި މާލީ ކަންކަން ސާފު ނުވާކަމެވެ. ޗައިނާގެ ލޯނުތައް އެވަރަށް އިތުރުވެފައިވާ ޤައުމަކަށް އެ ޤައުމުން، ފައިސާގެ އެހީ ދޭނަމަ، އިތުރަށް ރީ ފައިނޭންސް ކޮށެއް ނުދޭނެއެވެ. ކުރެވޭނީ ދެކަމުން ކޮންމެވެސް އެއްކަމެެވެ. މިކަންވެސް މުއިއްޒަށް އެނގި ނުލެއްވުން ވެގެން ދިޔައީ، ޗައިނާގެ ވެރިންގެ ކުރިމަތީ ރާއްޖޭގެ ގަދަރުވެރިކަން ގެއްލިގެން ދިޔަ އެތައް ކަމެއްގެ ތެރެއިން އެއްކަމަށެވެ.
މުއިއްޒުގެ ދަތުރުން އެއްވެސް އެއްޗެއް ނުލިބި، ސްރީލަންކާގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުން އެ ގައުމަށް 3.7 ބިލިއަން ޑޮލަރު ލިބުމުން މުއިއްޒުގެ ނާގާބިލުކަމުގެ ވާހަކަ މީސްމީޑިޔާގައި ގުގުމާލައިފައެވެ. އެކި ފަރާތްތަކުން މުއިއްޒަށް ދަނީ ފާޑު ކިޔުން އަމާޒު ކުރަމުންނެވެ.
"ރައީސް މުޢިއްޒު ބޭރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެނބުރި ވަޑައިގަންނަވަނީ ހުސްއަތާ. ދޮގުހެދުން ހައްދުފަހަނައަޅައި ދިޔައީމާ، އެއްޗެއް ދޭނެ މީހަކު ނުހުންނާނެ" މިފަދައިން އަލިސަން ނަމަކަށް ކިޔާ ފަރާތަކުން ޓްވިޓަރގައި ލިޔެފައިވެއެވެ.
"މުޢިއްޒު ފޮނުވާލީ ބުރަކަށީގައި އަތްހާކާލާފައި، ޗައިނީސް ސާފަތް ޕެކެޓެއް ދީފައި" މިހެން ލިޔެ އަބްދުﷲ ނަމަކަށް ކިޔާ ފަރާތަކުން މަލާމާތްކޮށްފައިވެއެވެ.
"މުޢިއްޒަކީ މަނީ ލޯންޑަރކޮށް، އަމިއްލަ ޖީބު ބޮޑުކޮށް، ޒައެނިސްޓުންނާއި ޔޫކްރެއިންގެ ފައިބުޑަށް ވެއްޓިފައި އޮތް މީހެއް" މިފަދައިން ރަންނަ މާރިއަން ނަމަކަށް ކިޔާ ފަރާތަކުން ޓްވިޓަރގައި ފާޑުކިޔާފައިވެއެވެ.
މީގެއިތުރުން، މުހައްމަދު ޖިނާހު މަނިކު ފޭސްބުކްގައި ލިޔުއްވާފައިވަނީ ރައީސް މުޢިއްޒުގެ ޗައިނާ ދަތުރުން ލިބިވަޑައިގެންނެވީ އަނބިކަނބަލުންނާއެކު ޗައިނާގެ ބޮޑު ފާރުގައި ނެންގެވި ފޮޓޯއެއް އެކަނި ކަމަށެވެ. އަދި މާލެ އެނބުރި ވަޑައިގެން އިންޑިއާއަށް ފާޑުކިޔުއްވި ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.