ޚަބަރު

ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް ތައާރަފްކޮށްފިކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު, ބޭންކު ހުޅުވީ ނަމެއްގަ, ބޭންކު ހިންގާކަމަށް ބުނާ އިމާރާތްވެސް ހުންނަނީ ބަންދުކޮށްފަ!

ދިޔަވަރު
ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް ތައާރަފްކޮށްފިކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު, ބޭންކު ހުޅުވީ ނަމެއްގަ, ބޭންކު ހިންގާކަމަށް ބުނާ އިމާރާތްވެސް ހުންނަނީ ބަންދުކޮށްފަ!

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވިތާ ދެ މަސްދުވަސްވީއިރު ވެސް އެތަނުން ހިދުމަތް ދެން ނުފަށާކަން އެނގިއްޖެ އެވެ.

ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ. އެ ބޭންކު ހުޅުވިކަމަށް ބުނާ ތަންވެސް ހުންނަނީ ބަންދު ކޮށްފައެވެ.

ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެ އެވެ.

ޑިވެލޮޕްމަންޓު ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13 2023، ގަ އެވެ. ލައިސެންސް ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށްފަހެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމެންޓް ބޭންކެއް ވައްދަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޑިވެލޮޕްމަންޓު ބޭންކުގެ ޗެއާޕާސަނަކަށް އައްޔަނުކޮށްފައި ވަނީ އޭޝިއާގެ ބޭންކިން ސެކްޓަރުގެ ތަޖުރިބާކާރެއް ކަމަށްވާ އަރުނީ ގުނަތިލެކެ އެވެ. އޭނާއަކީ ސްރީ ލަންކާއަށް އުފަން ސިންގަޕޫރު ރައްޔިތެކެވެ. އޭނާ ޑިގްރީއާ ހަމައަށް ކިޔެވީ ލަންކާގެ ކޮލޮމްބޯ ޔުނިވާސިޓީންނެވެ. އެއަށްފަހު މާސްޓާސް ހެދީ އެމެރިކާގެ ހާވާޑު ޔުނިވާސިޓީންނެވެ.

އެ ބޭންކުގެ ސީއީއޯއަކަށް އައްޔަނުކުރީ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު މާސްޓާސް ހެދީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. އޭނާއަކީ ވެސް ބޭންކިން ދާއިރާގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ބޭންކަރެކެވެ.

ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހުވެސް މުއިއްޒު ގެންދަވަނީ ވައުދު ފުއްދުމުގެ ނަމުގައި ބޮޑެތި ދޮގުތައް ހަދަމުންނެވެ.