ކޮރަޕްޝަނުގެ ތެރެއިން ނުގަވާއިދުން، އިސްލާމިކް މިނިސްޓަރ ޝަހީމަށް ހުޅުމާލެ ފޭސް 1 އިން ދީފައިވާ ބިމުގައި ހުރި މިސްކިތް އެބިން ޝަހީމަށް ދިނުމަށް މުއިއްޒު އަންގައިގެން ތަޅާލައިފިއެވެ.
މި މިސްކިތް ހުންނަނީ ފޭސް 1 ގައި ހުންނަ ރެޑްވޭވް ފިހާރަ ކައިރީއެވެ. ޝަހީމަށް ބިން ދިނުމަށްފަހު މި މިސްކިތް ފުރަތަމަ ބަންދު ކުރީ ރައީސް މުއިއްޒަށް ޗައިނާއިން ދިން، ފެން ބެހެއްޓުމަށެވެ. މިސްކިތުގެ ހުރުމަތް ކަނޑާލައި، ފެން ބަހައްޓަން މިސްކިތް ބަންދު ކުރުމަށްފަހު، އެ ފެން އާރަށަށް ގެންގޮސް ނިމުމުން، ޝަހީމަށް ބިން ސާފުކޮށްދިނުމަށް އެ ބިމުގައި ހުރި ވަގުތީ މިސްކިތް ތަޅާ ކުދިކުދި ކޮށްލިއެވެ.
ހުޅުމާލޭގެ މި މިސްކިތަކީ ފުރި ބާރުވެފައި އޮންނަ މިސްކިތެކެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވެފައިވާ މިންވަރާއި ބަލައި، ނަމާދުކުރުމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑެވެ. އަދި އެކަން ހައްލުކުރުމަށް ހަދާފައިވާ މި މިސްކިތް ރާއްޖޭގެ އިސްލާމިކު މިނިސްޓަރ ހަރާން ގޮތުގައި ހޯދާފައިވާ ބިން ސާފުކުރުމުގެ ނަމުގައި ތަޅައި ސުންނާފަތި ކޮށްލީ އެވެ.
ޝަހީމް މި ބިން ހޯދާފައިވަނީ އެއްވެސް ފައިސާއެއް ނުދީ، ހަމައެކަނި އިންޝްއަރެންސް އަށް 10،000ރ ދައްކައިގެން ހޯދި ޕާފޯމަންސް ގެރެންޓީއެއް ބާއްވައިގެން، އެތާ މިސްކިތެއް އަޅާނެ ކަމަށް އެޗްޑީސީއާއި އެކު އެއްބަސްވެގެންނެވެ. މި އެއްބަސްވުން ހަސަން ކުރުސީ ވަނީ މީގެ ކުރިން ލީކް ކޮށްލާފައެވެ. މިސްކިތެއް އެތާގައި އަޅަން ބޭނުންވާ މީހަކު އެއްވެސް އެދެވޭ ސަަބަބެއް ނެތި، ނަމާދު ކޮށްކޮށް ހުރި މިސްކިތެއް ބަންދުކޮށް، ތަޅާ ތިރިއަރުވާ ނުލާނެއެވެ.
ޝަހީމުގެ އިސްލާމިކް މިނިސްޓަރު ކަމުގައި އަދި މުއިއްޒުގެ ވެރިކަމުގައި ތ.ވިލުފުށީގެ މިސްކިތެއްގައި އަންހެނުން ފިރިހެނުން އެއްވެ، ވަނީ ކުޅިވަރު ކުޅެފައެވެ. މީގެ އިތުރުން މިސްކިތްތަކަށް އަޅާ ނުލުމުގެ ސަބަބުން އެތައް މިސްކިތެއް ދަނީ ފަނާވެ، ހާލާކު ވަމުންނެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ މިފަދަ އެއްވެސް މައްސަލައެއް ނުފެންނަ ކަމަށް ހެދިގެން އުޅޭ ސިޔާސީ ޖަމިއްޔާ ސަލަފު އޮތީ ފައިސާގެ ޖާހަތުގައި ގަދަ ނިދީގައި ނިދާފައެވެ.
ޝަހީމަކީ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަން ހެޔޮވާ ވަރުގެ މީހެއް ނޫނެވެ. އޭނާގެ ފަރާތުން ފެނިފައިވާ މުންކަރާތްތަކާއި، ފާހިޝް އަމަލު ތަކަކީ ދިވެހިންގެ ލޯތަކަށް ވަންހަނާވެގެންވާ ކަންކަމެއް ނޫނެވެ. ނަމަވެސް މުއިއްޒަށް މިނޫން މީހަކު އިސްލާމިކް މިނިސްޓަރު ކަމަށް ވެސް އައްޔަން ކުރަން ނުފެނުނެވެ. ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މިސްކިތް ތަޅާލުމުގެ ކޯފާ މާތްﷲ މުއިއްޒު އަށާއި، ޝަހީމުގެ މައްޗަށް ލަވާނެއެވެ. އާމީން.