ޚަބަރު

މުއިއްޒުގެ ސަބަބުން ޑޮލަރު މާރުކުރަން ޖެހި، ދުނިޔޭގެ އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ފައިދާ ނުވާނެތީ، ޓީއެމްއޭ ވިއްކާލަނީ

ދިޔަވަރު
މުއިއްޒުގެ ސަބަބުން ޑޮލަރު މާރުކުރަން ޖެހި، ދުނިޔޭގެ އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ފައިދާ ނުވާނެތީ، ޓީއެމްއޭ ވިއްކާލަނީ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވިއްކާލަން ނިންމައިފި އެވެ. މި ނިންމުމަށް މަގުފަހިވެގެން ދިޔައީ ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެން، އެއާލައިނަށް ލިބެމުންދިޔަ ފައިދާ އިންތިހާއަށް ދަށްވުމާ ގުޅިގެންނެވެ.

2021 ވަނަ އަހަރުން ފެށިގެން އެއާލައިން ހިންގަމުން އަންނަ ކާލައިލް ގްރޫޕުން މަޢުލޫމާތު ދޭގޮތުގައި، އެންމެ ދަށްވެގެން 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ) އަށް ޓީއެމްއޭ ވިއްކާލުމަށް މަޝްވަރާތައް ފަށައިފި އެވެ. މިހާރުވެސް މި އެއާލައިން ގަތުމަށް ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުރިން ވެސް ޓީއެމްއޭގެ ހިއްސާ ގަނެފައިވާ ބްލެކްސްޓޯން ގްރޫޕް ހިމެނެ އެވެ.

65 ޓްވިންއޮޓާ މަތިންދާބޯޓާއެކު، އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން އުފުލައި، ދުވާލަކު 400 އަށްވުރެ ގިނަ ދަތުރު ކުރާ މި އެއާލައިންއަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިވެރިއެކެވެ.

ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ޑޮލަރާ ގުޅޭގޮތުން ގެނައި އައު ސިޔާސަތުތަކާ ގުޅިގެން، އެއާލައިންގެ އާމްދަނީ ރާއްޖެއިން ބޭރަށް ގެންދިއުމަށް ދަތިވެ، އޮޕަރޭޝަނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. މި ގޮންޖެހުންތަކުގެ ސަބަބުން އެއާލައިންގެ ފައިދާ އިންތިހާއަށް ދަށްވެ، އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އުނދަގޫވެފައިވާ ކަމަށް އެއާލައިންގެ އިސް ވެރިން ބުނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ މި އެއާލައިން ވިއްކާލުމަށް މަޝްވަރާކުރަން ފެށުމާ ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މި ބަދަލާ ގުޅިގެން ރިސޯޓުތަކުގެ ހިދުމަތަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރުކުރާނެ ކަމަށް އެފަރާތްތަކުން ބުނެ އެވެ. ކޮންމެ ކުންފުންޏަކުން ޓީއެމްއޭ ގަތް ނަމަވެސް، މުއިއްޒުގެ ސަރުކާރުން ޑޮލަރު މާރު ކުރުމަށް ގެނައި ބަދަލާއި ގުޅިގެން ޓީއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހިފައި ވުމުން، އެ ކުންފުނީގެ މަސައްކަތް ހުއްޓާލުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި ރާއްޖޭގެ %80 ޓުއަރިސްޓް ރިސޯޓްތަކަށް ގެސްޓުން ނުގެންދެވި ދަތުރުފަތުރު ކުރުން ހުއްޓިގެން ހިނގައިދާނެއެވެ.

ރައީސް މުއިއްޒުގެ ނާގާބިލު ކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ވަނީ ދުވަހަކުވެސް ކުރިމަތިނުވާ ވަރުގެ އިޤްތިޞާދީ އަދި މާލީ ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.