މި ސަރުކާރުން ލޯނު ނުނަގާނެ ކަމަށް ވައުދުވެ ވެރިކަމަށް އައި ނަމަވެސް، ފުރަތަމަ އަހަރު އެކަނިވެސް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ގެ ލޯނު ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 9 ލޯނެއް ނަގާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ލޯނަކީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެވެ. ދެވަނައަށް އެންމެ ބޮޑު ލޯނަކީ ޗައިނާ އެގްޒިމް ބޭންކުން ނެގި 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނެވެ.
އަދި ތިންވަނައަށް އެންމެ ބޮޑު ލޯނު ނަގާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިންނެވެ. އެ ބޭންކުން ނެގި ދެ ލޯނަށް ޖުމްލަ 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އަރައެވެ. އައިޑީބީން މި ލޯނުތައް ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ނަމުގައެވެ. ނަމަވެސް އެފަދަ އެއްވެސް ފައިސާއެއް ވިޔަފާރިތަކަށް ދީފައި ނުވެއެވެ. އެފައިސާއަށް ވީ ގޮތެއްވެސް ނޭގެއެވެ.