ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ވަނީ ގޮސްފައެވެ. ކޮވިޑުގެ އާލަމީ ވަބާގައި، ދުނިޔޭގައި ދަތުރުފަތުރު ކުރުން މަޑުޖެހި، ސަޕްލައި ޗެއިންތަކަށް ބުރޫ އަރައި، ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެގެން ދިޔަ މިންވަރަށްވުރެ މިއަދު ތަކެތީގެ އަގު ރާއްޖޭގައި ބޮޑެވެ.
ދެމަފިރިން މަސައްކަތް ކޮށް، މުޅި އާއިލާ ވެގެން އެޕާރޓްމެންޓެއް ނަގައިގެން ކުލި ދައްކައިގެން ކިރިޔާ ހަރަދު ޗަލާ ވަރުގައި ތިބި ދިވެހިން މަދެއް ނޫނެވެ. ކުރިން މިހާލުގައި އުޅުނު ދިވެހިން މާލޭގައި އަގުބޮޑު ކަމުން ނޫޅޭވިގެން އަމިއްލަ ރަށަށް މުއިއްޒުގެ ދައުރުގައި ވަނީ ބަދަލު ވެފައެވެ.
ނަމަވެސް ފަގީކު ކަމާއި، ނިކަމެތި ކަމަކީ ދިވެހިންނަށް މާބޮޑު މައްސަލައެއް ނޫނެވެ. މުޅި އަހަރު ގަނަތެޅުމަށް ފަހު، ރޯދައަށް ރަސްގެފާނު މަސްދަޅު ކޭހެއް ދިނީމާ، ޝުކުރުވެރި ވެލީމާ އެއޮތީ ހައްޤު މިންވަރަށް ވުރެވެސް އިތުރަށް ލިބިފައޭ މި މީހުންނަށް ހީވާ ކަހަލައެވެ.
އެއްކަލަ ސިނގިރެޓް އަގު ބޮޑު މީހާއަށް ވެސް އެގޮތް ރަނގަޅެވެ. އެއްކަލަ، ތަރުކާރީ ކޮޅު އަގު ބޮޑުވީ މީހާއަށްވެސް އެކަން ރަނގަޅެވެ. އެއްކަލަ ކިރު ދަޅު އަގު ބޮޑުވީ މީހާއަށްވެސް މަސްދަޅެއް ދިނީމާ އިންނާނީ ހަމަ ހެއްލިފައެވެ.
ހެޔޮ މިނިވަން ވެރިކަމަކަށްވުރެ، ދިވެހިންނަށް ކަމު ދަނީ، މޫސާގެ ފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ފިރުއައުނު ކުޅަކަހަލަ އަނިޔާވެރި ވެރިކަމެކެވެ. ނުވަތަ މިޒަމާނުގެ ތެރެއިން ފެންނަ މިކަހަލަ ދެއުޅިއެއް ނުވާ، ނާގާބިލު ވައްކަމާއި، ދޮގުހެދުން އިންތިހާއަށް އިތުރު ވެރިކަން ތަކެވެ. އެއްކަލަ މަސްދަޅު ކޭހުން ދިވެހިން ތިބޭނީ ނިކަން ރަނގަޅަށް ހެއްލިފައެވެ. ޝައިތާނާގެ ވަސްވާހަށް ވުރެ ފަސޭހައިން، ދޭ މަސްދަޅު ކޭހަށް ދިވެހިން ކަޓާނެއެވެ. ދެން ކޮންމެ ރައްޔިތަކަށް ރަސްގެފާނު ދެއްވާ 5000ރ ރޯދައަށް ލިބިއްޖިޔާ އެ ނިމުނީއެވެ.
ވޯޓު ގަތީ އެވެ. ރެޝަނަލް ސިކުޑިއަކުން ހެޔޮ މުސްތަޤްބަލަކަށް، ކުރިމަގަށް ޓަކައި ވިސްނާފައި ދިން ވޯޓެއް ނެތެވެ. ދެން ހެދީ އޭގެ ތެރެއިން ބަޔަކު ވަޒީފާގެ އަޅުންނަށެވެ. އަނގަމަތި ގަހު މުލުން ބަނދެ ނިކަން ރަނގަޅަށް ފަރުދީ މިނިވަންކަން ފޭރިގަންނަމުންނެވެ. ދިވެހިންނަށް އަދި އެއީ މާ މޮޅު ގޮތެކެވެ. ނަފްސާއި، އަމިއްލަ މުޖްތަމާއަށް އޮތް ހޮޔޮކަމުގެ ފަރުދީ ޒިންމާ އަދާކުރުން ބަރީއަވުމަށް ދެއްކެން އޮތް "ވަޒީފާ"ގެ އުޒުރު ނުލާހިކު ރަނގަޅުތާއެވެ.
ރަސްގެފާނު ހެޕީއެވެ. ރަސްގެފާނުގެ އައުވާނުން ހެޕީއެވެ. ރަސްގެފާނުގެ ވަޒީފާގެ އަޅުންވެސް އެހާމެ ގެޕީއެވެ. އާންމު ރައްޔިތުން ގަނަތެޅުމުގައި ތިއްބާ މަސްދަޅު ކޭހަކާއި 5000ރ އަހަރަކު އެއްފަހަރު ރަސްގެފާނު ހެޔޮފުޅު ކަމުން ދިނީމާ އާންމު ރައްޔިތު މީހާ ހެޕީއެވެ. ދެން އަޅުގަނޑު މިވާހަކަ ދެއްކުމުގައި އޮތީ ކޮން ބޭނުމެއް ތޯއެވެ؟