ޚަބަރު

އުމްރާގެ އުސޫލާ ޚިލާފްވި ކުންފުނިތައް ސިއްރު ކޮށްގެން އުޅެނީ, އެކުންފުނިތަކަކީ އިސްލާމިކް މިނިސްޓްރީގެ އިސްވެރި ނިވަލުގައި ތިބެގެން ހައްޖާއި އުމްރާގެ އަޅުކަމުން ކޮރަޕްޝަން ހިންގާ ކުންފުނިތަކަށް ވާތީ!

ދިޔަވަރު
އުމްރާގެ އުސޫލާ ޚިލާފްވި ކުންފުނިތައް ސިއްރު ކޮށްގެން އުޅެނީ, އެކުންފުނިތަކަކީ އިސްލާމިކް މިނިސްޓްރީގެ އިސްވެރި ނިވަލުގައި ތިބެގެން ހައްޖާއި އުމްރާގެ އަޅުކަމުން ކޮރަޕްޝަން ހިންގާ ކުންފުނިތަކަށް ވާތީ!

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުތަކާ ހިލާފުވުމުގެ މައްސަލައިގައި ގިނަ އަދަދެއްގެ ކުންފުނިތަކެއް ޖޫރިމަނާކުރުމަށްފަހު އެކުންފުނިތަކުގެ ނަންތައް އިސްލާމިކް މިނިސްޓްރީން ސިއްރު ކޮށްފިއެވެ.

އުސޫލާ ހިލާފުވުމުގެ މައްސަލައިގައި, އިސްލާމިކް މިނިސްޓްރީން 19 ކުންފުންޏެއް 5,000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ނިންމުން ބައެއް މީހުން ބަލައިގަތް ނަމަވެސް، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަކީ އެ ކުންފުނިތަކުގެ ނަންތައް އިސްލާމިކް މިނިސްޓްރީން ސިއްރު ކުރުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި އެ ކުންފުނިތައް ޖޫރިމަނާކުރީ، އުމްރާއަށް މީހުން ގެންދިއުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމުގެ މައްސަލައިގައެވެ. މި މައްސަލައިގައި މިނިސްޓްރީން ބުނެފައިވަނީ މިއީ ފުރަތަމަ ފަހަރު ކަމަށްވާތީ އެކުންފުނީގެ ނަންތައް ހާމަނުކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި ޖޫރިމަނާ ނުދައްކައިފިނަމަ ނަންތައް އާންމުކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދެކޭ ގޮތުގައި، އުސޫލާ ހިލާފުވެ ޖޫރިމަނާކުރެވޭ ކުންފުނިތަކުގެ ނަންތައް އާންމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ކުރިއަށް އޮތް ރޯދަމަހު އުމްރާއަށް ދާން ގަސްދުކުރާ މީހުންނަށް ވެސް، އެ ކުންފުނިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ މަޢުލޫމާތެއް ކަމަށް އެ މީހުން ދެކެއެވެ.

އުމްރާ މައްސަލަތަކާ ގުޅިގެން މިހާރު ފެންމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަލްހިޖްރާ ނަމަކަށް ކިޔާ ކުންފުންޏަކުން ގެންދިޔަ މީހުންނަށް އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި ތާށިވި މައްސަލައެވެ. މި މައްސަލައިގައި އެ ކުންފުނި ވަނީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލުކޮށްފައެވެ.

މީގެ އިތުރުން، އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންސް ބޭނުންކޮށްގެން އެމްއެމްއޭއިން ޑޮލަރު ނަގައި، އުމްރާއަށް ނުދާ ކުންފުންޏެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އެ ކުންފުނި 30,000 ރުފިޔާއިން ޖޫރިމަނާކޮށް، ހުއްދަ ހިފަހައްޓާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މި މައްސަލައިގައި ވެސް އެ ކުންފުނީގެ ނަން ވަނީ ސިއްރުކޮށްފައެވެ.

ރާއްޖެއިން އުމްރާއަށް މީހުން ފޮނުވުމުގައި ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި އަމަލުތައް އަބަދުވެސް ހިންގައެވެ. އަދި މިފަދަ ގިނަ ކުންފުނިތަކުގެ ފަހަތުގައި ތިބީ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންކަން މިއީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮންނަ ކަމެކެވެ. އެގޮތުން މި ކުންފުނިތައް ހިންގަމުން ދަނީ މިނިސްޓްރީގެ އިސްވެރިން އާއިލީ މީހުންނާއި ގާތް ރައްޓެހިންގެ ނަންނަމުގައެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް ހިމެނެއެވެ.