ޚަބަރު

ސްޓޭޓް މިނިސްޓަރުގެ އިއުތިރާފާއި އެކު، މިނިސްޓަރު އިހުސާނުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމަށް އިތުރަށް މަގުފަހިވެއްޖެ

ދިޔަވަރު
ސްޓޭޓް މިނިސްޓަރުގެ އިއުތިރާފާއި އެކު، މިނިސްޓަރު އިހުސާނުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމަށް އިތުރަށް މަގުފަހިވެއްޖެ

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުތިރާފުވެވަޑައިގަތް ކަންތައްތަކަކީ ހޯމް މިނިސްޓަރު އަލީ އިހުސާނުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމަށް ފުދޭ ހެކިތަކެއް ކަމަށް ޤާނޫނީ މާހިރުން ދެކެއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އަށް ނޫސްވެރިން ގެންގޮސް ބޭއްވި މި ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ވަނީ، މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން، ސަރުކާރު މުވައްޒަފުން ލައްވައި 1700 އެއްހާ ޕީއެންސީ ފޯމު ފުރުވި ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

ޑީއެންއާރުގެ މީޓިން ރޫމުގައި މިނިސްޓަރު އިހުސާން އިސްވެ ހުންނަވައިގެން މި މަސައްކަތް ކުރިއަށް ގެންދިޔަކަން އެނގޭ މަންޒަރުތަކެއް ފޮޓޯތަކުގެ ގޮތުގައި މިހާރު ވަނީ އާންމުވެފައެވެ. މި ފޮޓޯތަކުގައި މިނިސްޓަރު އިހުސާނާއި، ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އަދި ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ތިއްބެވި ކަން އެނގެއެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރުގެ މައްޗަށް ކްރިމިނަލް ކޭހެއް ބިނާކުރެވިދާނެ ކަމަށް ޤާނޫނީ މާހިރުން ފާހަގަކުރާ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • ސަރުކާރުގެ މުއައްސަސާއެއްގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން
  • ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޤާނޫނާ ހިލާފުވެފައިވުން
  • ސަރުކާރުގެ ވަގުތާއި މުވައްޒަފުން ސިޔާސީ މަސައްކަތެއްގައި ބޭނުންކުރުން
  • މިނިސްޓަރެއްގެ ހައިސިއްޔަތުން ބާރުގެ ނަހަމަ ބޭނުން ކުރުން

މި މައްސަލައިގައި އިއުތިރާފުތަކާއި ހެކިތަކުގެ ގޮތުގައި ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • ނޫސްވެރިންގެ ކުރިމަތީގައި ސްޓޭޓް މިނިސްޓަރު ދެއްވި ބަޔާން
  • މަސައްކަތް ހިނގަމުންދިޔައިރު ނެގިފައިވާ ފޮޓޯތައް
  • އެ ފޮޓޯތަކަކީ ޑީއެންއާރުގެ މީޓިން ރޫމުގައި ނެގިފައިވާ ފޮޓޯތަކެއްކަން ސްޓޭޓް މިނިސްޓަރު އިއުތިރާފުވެވަޑައިގަތުން
  • ލީކްވެފައިވާ ފޮޓޯޓަކުގެ އިތުރުން، މިނިސްޓަރު އިހުސާން އެ މަސައްކަތުގައި އިސްކޮށް ހުންނެވިކަން ސްޓޭޓް މިނިސްޓަރު ކަށަވަރުކުރެއްވުން

ސަރުކާރުގެ އެއްވެސް ވަސީލަތެއް، އޮފީހުގެ މަސައްކަތް ނޫން ކަންކަމަށް ބޭނުންކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި އެއީ ޖިނާއީ ކުށެކެވެ. ހަމައެހެންމެ ޑީއެންއާރުގެ ޑޭޓާބޭސްގައި ރައްޔިތުންގެ އަމިއްލަ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވެސް ޕްރައިވަސީއާބެހޭ ޤާނޫނާ ހިލާފު ކަމެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އެކަމާ ދެކޮޅު ހައްދަވާފައިވީ ނަމަވެސް، ފޮޓޯތަކާއި ސްޓޭޓް މިނިސްޓަރުގެ އިއުތިރާފުން، މިނިސްޓަރު އިހުސާން މި މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވިކަން ސާބިތުވެއެވެ.

މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންވާ ހުރިހާ އަސާސްތަކެއް މިހާރު ވަނީ ހަމަވެފައި ކަމަށް ޤާނޫނީ މާހިރުން ދެކެއެވެ. އެއީ މައްސަލައިގައި ހިމެނޭ ކުށުގެ ބާވަތާއި، އެކަން ހިނގިކަން ސާބިތުކޮށްދޭ ހެކިތައް އަދި އެކަމުގައި އިސްކޮށް މަސައްކަތްކުރި ފަރާތް އެނގޭތީއެވެ. އަދި ޚާއްސަކޮށް މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ދެއްވި ބަޔާނާއި އިއުތިރާފުތަކަކީ ގިނަ ނޫސްވެރިންގެ ހާޒިރުގައި ދެއްވި ބަޔާނެއް ކަމަށްވުމާއި، ފޮޓޯތަކުގެ ހަގީގަތް ވެސް އެ ބައްދަލުވުމުގައި ކަށަވަރުވެފައިވާތީއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ޑީއެންއާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭ މުއައްސަސާއެކެވެ. އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ މައުލޫމާތުތަކަކީ ޤާނޫނީ ގޮތުން ރައްކާތެރިކުރެވިފައިވާ މައުލޫމާތުތަކެކެވެ. އެފަދަ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ނުވަތަ ސިޔާސީ ބޭނުމަށް އޭގެ ބޭނުން ހިފުމަކީ ސީދާ މިނިސްޓަރަކު ކުރައްވައިފި ނަމަ، އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ.