އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ހިންގާ ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލައިގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހޫނުވެ، އެންމެ ފަހުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ނޫސްވެރިންނަށް ދޮގު ހަދާފައި ފިލައިފި އެވެ.
މިއަދު ހެނދުނު ޑީއެންއާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރީ ޑީއެންއާރު ހިންގާ އޮފީހުގެ ތެރޭގައި ކަމަށް އެތަނުގެ ވެރިން އިއުތިރާފުވި އެވެ. މި ފޯމުތައް ފުރުމުގެ މަސައްކަތް ކުރި މަންޒަރުގެ ފޮޓޯތައް ނެގިފައިވަނީ އެތަނުގެ މީޓިން ރޫމުގައި ކަމަށް ވެސް އެތަނުން ކަށަވަރުކޮށްދިން އެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ސަމާލުކަން ދެވުނު އެއް ކަމަކީ، ވަގު ފޯމުތައް ފުރި މަންޒަރުގެ ފޮޓޯތަކުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރުގެ ވެރިޔާ އަހުމަދު އާލީ ހުރި މަންޒަރުތައް ފެންނަން ހުރުމެވެ. ނަމަވެސް، އާލީ ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ ހަމައެކަނި ޕިއްޒާ ކެއްކެވުމަށް ކަމަށެވެ.
"އަޅުގަނޑު ފެންނަ ފޮޓޯގައި އިންނާނީ ޕިއްޒާއާ އެކު. އިތުރު ފޮޓޯއެއް ނުފެންނާނެ" މިހެން ވިދާޅުވެ އާލީ ދެއްކެވި ވާހަކަތަކާ މެދު ނޫސްވެރިން ސުވާލު އުފެއްދި އެވެ. އެއީ ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރި މަންޒަރުގެ އިތުރު ފޮޓޯތަކެއް ލީކުވެފައިވާތީ އެވެ. އެ ފޮޓޯތަކުގައި އާލީ ހުންނެވީ ފޯމުތަކާ އެކުގައި އެވެ.
ނޫސްވެރިންގެ ސުވާލުތައް އިތުރުވަމުން ދިޔުމާ އެކު، އާލީ އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ކުއްލިއަކަށް އޮފީސްތެރެއަށް ވަދެވަޑައިގަތެވެ. އޭގެ ފަހުން އެ ދެ ބޭފުޅުން ފެނިވަޑައިގަތީ ވަލު ދޮރާށިން ނުކުމެވަޑައިގަންނަވަނިކޮށެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެ ދެ ބޭފުޅުން އިޚްތިޔާރު ކުރެއްވީ ފިއްލެވުމެވެ. ހައިރާންކުރުވަނިވި ކަމަކީ، އެ ދެ ބޭފުޅުން ފިއްލެވީ ނޫސްވެރިން އެ ބޭފުޅުންގެ ގަމީސްކޮޅުގައި ހަރުކޮށްފައި ހުރި ވަޔާލެސް މައިކުތަކާ އެކުގައި ކަމެވެ.
މި ހާދިސާއާ ގުޅިގެން ޑީއެންއާރުގެ އެހެން މުވައްޒަފަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، މަޖީދު އާއި އާލީ ނޫސްވެރިންނާ ވާހަކަ ދެއްކެވުން ނިމުނީ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަޑައިގެންނެވި ކޮޓަރިއަކުން އިތުރަށް ނުނިކުމެވަޑައިގަތެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، މި ނޫހާ ވާހަކަ ދެއްކެވި ޕީއެންސީގެ އިސް އޮފިޝަލުން ވިދާޅުވީ ވަގަށް ފުރި ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. އަދި މިއީ އިންތިހާއަށް ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ސަބަބުން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އޭގެ އެތައް މައްސަލައެއް ފުލުހުންނަށް ވެސް ވަނީ ހުށަހެޅިފަ އެވެ. ނަމަވެސް، މި މައްސަލަތައް ތަހުގީގު ކުރަމުންދާކަން ފުލުހުން އަދި ވަނީ ހާމަނުކޮށެވެ.
ވަގު ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރުމަށް އެދި އިދިކޮޅު އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ އެވެ. އިހުސާނުގެ މައްސަލަ ހުށަހަޅަން ޖެހުނީ، ފޮޓޯތައް ލީކުވިއިރު، ވަގު ފޯމުގެ މަސައްކަތް ކުރި ތަނުގައި އިހުސާނު ވެސް ހުންނެވި ކަމަށް ފާހަގަކުރެވިފައިވާތީ އެވެ.
މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެ އެވެ.