ސްކޫލްތައް އޭސީ ކުރުމުގެ ޕްރޮޖެކްޓް ރަސްމީކޮށް ފެށީ ކ. މާފުށީ ސުކޫލުން 2024 ވަނަ އަހަރު ޖޫން 2 ގަ އެވެ. "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ނަމުގައި ބަޖެޓް ނުކޮށް މި މަޝްރޫޢު ފަށާފައިވަނީ، ސްކޫލްތަކުގައި ފަންކާ ހަލާކުވެ، ހޫނުވެ، ބެލެނެވެރިންގެ ޝަކުވާ ބޮޑުވެގެން، އަމިއްލަ އަށް ސްކޫލް އޭސީ ކުރަން ބެލެނެވެރިންނަށް ޖެހި އެކަން މީޑިޔާ ތަކަށް ތިލަވުމުންނެވެ.
މި މައްސަލަ މީޑިޔާގެ ސަމާލު ކަމަށް އައީ، ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކުގެ ހޫނުގަދަވުމުގެ ސަބަބުން ފަންކާ ހަރުކުރުމަށް މުއިއްޒުގެ ސަރުކާރުން، ބެލެނިވެރިންގެ އެހީތެރިކަމަށް އެދުނު ހިސާބުންނެވެ.
ކ. މާފުށީ ސްކޫލް އޭސީ ކޮށްދިނީ އެ ރަށު ކައުންސިލުންނެވެ. އެ މަސައްކަތް ކުރީ މާފުށީގައި އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުންޏަށް މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކޮށްގެންނެވެ. މިކަމުގައި ސަރުކާރުގެ އެއްވެސް ހިއްސާއެއް ނުވެއެވެ. ނަމަވެސް މިކަން ބޮޑު ހަފްލާއަކަށް ހަދައި، އެޑިޔުކޭޝަން މިނިސްޓަރ ވަޑައިގެން އެއީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރި ކަމެއް ކަމަށް ބުނެ ދޮގު ހެދިއެވެ.
އެފަހުން، 6 ނޮވެމްބަރ 2024 ގައި ބޭރު ޤައުމަކުން ވަނީ ރާއްޖޭގެ ސްކޫލްތައް އޭސީ ކުރުމަށް އޭސީ ހަދިޔާ ކޮށްފައެވެ. ނަމަވެސް އަދާއި ޖެހެންދެން އެއިން އެއްވެސް އޭސީ އެއް ނުފެނެއެވެ. ހަރު ކުރި ސްކޫލެއް ނެތެވެ. އަދި އޭސީ ތަކަށް ވީ ގޮތެއްވެސް ނޭނގެއެވެ. އެފަހުން، މަޖީދިއްޔާ ސްކޫލް އޭސީ ކޮށްފައިވަނީ ބެލެނެވެރިންނާއި، ހެޔޮ އެދޭ މީހުން އަތުން ސަލާންޖަހައިގެން ފައިސާ ހޯދައިގެންނެވެ.
އެމްޑީޕީ ސަރުކާރުން ހިނގާލުމެއް ބާއްވަން އުޅޭތީ، މުއިއްޒު، ރ. އަތޮޅަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ސެޕްޓެމްބަރު މަހުގެ ކުރިން ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނެ ކަމަށެވެ.
އެންމެފަހުން، އެމްޑީޕީއިން ޖަލްސާ ބޭއްވުމަށް ގަސްތު ކުރުމުން މުއިއްޒު ވަނީ ރަށްރަށަށް ވަޑައިގެން އިތުރު ދޮގު ވައުދުތައް މަތިމަތިން ވެފައެވެ. މިއިން އެއްވެސް ވައުދެއް ނުފުއްދައި، ދޮގަކަށް ފަހު ދޮގެއް ހަދަމުން ދާތީ މުއިއްޒަށް ކުރާ އިތުބާރު ރައްޔިތުން ކުރިމަތީ ވަނީ ގެއްލިފައެވެ.