ޚަބަރު

31 ޖެނުއަރީ ގައި މާލޭގެ މަގުތަކަށް މީހުން އެއްވާތީ، ކުރިން މަނާކުރި ރޯލިން ޓޮބޭކޯ މިވަގުތަށް މަނާ ނުކުރަން ނިންމައި ޝިޕްމެންޓްތައްވެސް ބިރުން ދޫކޮށްލައިފި

ދިޔަވަރު
31 ޖެނުއަރީ ގައި މާލޭގެ މަގުތަކަށް މީހުން އެއްވާތީ، ކުރިން މަނާކުރި ރޯލިން ޓޮބޭކޯ މިވަގުތަށް މަނާ ނުކުރަން ނިންމައި ޝިޕްމެންޓްތައްވެސް ބިރުން ދޫކޮށްލައިފި

31 ޖެނުއަރީ ގައި މާލޭގެ މަގުތަކަށް މީހުން އެއްވާތީ، ރޯލިން ޓޮބޭކޯ މަނާ ކުރުމަށް ފަހު، މަނާ ނުކުރަން ނިންމައި ޝިޕްމެންޓްތައްވެސް ރައީސް މުއިއއްޒު ބިރުފުޅުން ދޫކޮށްލައިފި ކަމަށް ރައީސް އޮފީހުން ދިޔަވަރަށް މައުލޫމާތު ދިން ފަރާތަކުން ހާމަ ކޮށްފިއެވެ.

ކަސްޓަމްސްއިން މިހާރު ވަނީ ހިފަހައްޓާފައި ހުރި ރޯލިން ޓޮބޭކޯ (އޮޅައިގެން ބޯ ދުންފަތް) އާއި އޭގެ އިތުރު ތަކެތި ދޫކޮށްލުމަށް ނިންމައިފައެވެ. ނަމަވެސް، ދުންފަތް އޮޅުމަށް ބޭނުންކުރާ މެޝިން ފަދަ އާލާތްތައް އަދިވެސް ވަނީ ހިފެހެއްޓިފައެވެ.

ދުންފަތާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، މި މަހުގެ ކުރީކޮޅު ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް އަންގާފައިވަނީ ދުންފަތް އޮޅުމަށް ބޭނުންކުރާ އެންމެހައި ތަކެތި އެތެރެކުރުން މަނާކުރުމަށެވެ. މިކަމާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ވިޔަފާރިވެރިން ގެނައި ޝިޕްމަންޓްތައް ވަނީ ހިފެހެއްޓިފައެވެ.

ދިޔަވަރަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި:

  • ދެ ހަފްތާއެއްހާ ދުވަހުގެ މަތިން ހިފެހެއްޓިފައި ހުރި ތިން ޝިޕްމަންޓެއް މިހާރު ވަނީ ދޫކޮށްލައިފައެވެ.
  • ދޫކޮށްލި ތަކެތީގެ ތެރޭގައި ރޯލިން ޓޮބޭކޯ، ފިލްޓަރު އަދި އޮޅާ ކަރުދާސް ހިމެނެއެވެ.
  • ނަމަވެސް ދުންފަތް އޮޅުމަށް ބޭނުންކުރާ މެޝިން ފަދަ ތަކެތި އަދިވެސް ވަނީ ހިފެހެއްޓިފައެވެ.

އަސަރު: މި ތަކެތި ދޫކޮށްލުމާ ގުޅިގެން، ރޭގެ ވަގުތުތަކުގައި ގިނަ ފިހާރަތަކެއްގެ ކުރިމަތީގައި ވަނީ ދިގު ކިއުތަކެއް އުފެދިފައެވެ.

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީ އަދި ކަސްޓަމްސްގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، މި ވަގުތާ ހަމައަށް އެ ދެ އިދާރާއަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި މިއީ 31 ޖެނުއަރީ 2025 ގައި މާލޭގެ މަގުތަކަށް މީހުން އެއްވާތީ ވަގުތީ ގޮތުން ގެނައި ހައްލެކެވެ. 31 ޖެނުއަރީގެ ފަހުން މިތަކެތި ވިއްކުމާއި ބޭނުން ކުރުމާއި، އިމްޕޯޓް މަނާ ކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއެވެ.