މުއިއްޒު އަރާ ކޮންމެ ރަށަކުން ރައްޔިތުން ނުކުމެ މުއިއްޒާއި ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލަން ޖެހޭއެވެ. ޕާޓީތަކުން މިކަމުގައި ރައްޔިތުންނަށް ހިތްވަރުދީ އެއްބާރުލުން ދޭން ޖެހެއެވެ.
ވައްކަންކޮށް، ރައްޔިތުންނަށް އެވަރަށް ދޮގު ހެދުމަށްފަހު، ބަޖެޓް އެއްކޮށް ދިރުވާލުމަށްފަހު، ތިމަންނާއަށް މިދިޔައަހަރު ލިބުނު ބަޖެޓަކީ ބޭނުން ކުރެވޭ ކަހަލަ ބަޖެޓެއް ނޫނޭ ބުނެ، ރައްޔިތުންނަށް މުތުލަގަށް ދޮގު ހެދުމަށް އެ ރައްޔިތުން ބޭނުން ނުވާކަން މުއިއްޒަށް ހާމަ ކޮށްދޭން ޖެހެއެވެ.
55 ބިލިއަން ރުފިޔާއިން ކޮށްފައިވަނީ ކޮންކަމެއް ކަން ނުބުނެ ދިނަސް، ގިނަ ފައިސާ ތަކެއް ހަރަދު ކޮށްފައި ހުރީ، މުއިއްޒުގެ ދަތުރު ތަކަށާއި، ސިޔާސީ މީހުންގެ ވަޒީފާތަކަށާއި، އެޑްމިނިސްޓްރޭޓިވް ކަންކަމުން ވައްކަން ކުރުމަށްކަން ސާފުކޮށް އެ އޮތީ ފިނޭންސް މިނިސްޓްރީއިން އާންމު ކުރި ހިސާބުތަކުން ފެންނާށެވެ.
ބެނާ ތަކާއިގެން ރައްޔިތުން ނުކުންނަށް ޖެހެއެވެ. ބޯޑުތަކުގައި ޝުއޫރުތައް ލިޔެގެންނެވެ. އަޑު ގަދަ ކުރާއިން އިސްތިއުފާ ގޮވަމުންނެވެ. ރައްޔިތުން ތިބީ ރުޅި ގަދަ ވެފައެވެ. ބަޖެޓަށް ފައިސާ ހޯދަން ރައްޔިތުން ފެލުމަށް ސިނގިރެޓް އަގު ބޮޑުކޮށްގެނެވެ. ކާބޯތަކެތީގެ އަގު އިންތިހާއަށް އިތުރު ކޮށްގެނެވެ. އެންސްޕާއިން އަމިއްލަ ޓީވީ ހަދައި ވައްކަން ކޮށް، އާސަންދަ ނުދީ ބަލިތަކުގައި ރައްޔިތުން މަރުވާން ދޫކޮށްލައިގެންނެވެ. ގޯއްޗާއި ފްލެޓުން ވެސް ކުރަމުންދަނީ ވައްކަމެވެ. އެތައް ހާސް ރައްޔިތުންގެ ސޮޔާއި، އިނގިލީގެ ނިޝާނުން ވެސް ވައްކަން ކޮށްގެންނެވެ. ރައްޔިތުންނަށް ޤާނޫނު އަސާސީއިން ދީފައިވާހާ ބާރެއް ފޭރިގަނެގެންނެވެ. އީސީ އާއި، އޭސީސީގެ ބާރުތައްވެސް އަމިއްލަ ކޮށްލައިގެންނެވެ.
ޕްރޮޖެކްޓްތައް ހިންގި ފަރާތްތަކަށް މިދިޔަ އަހަރު (2024) އެކަނިވެސް، 6 ބިލިއަން ރުފިޔާ ނުދީ އެހެރީ 55 ބިލިއަން ރުފިޔާ ދިރުވާލައިގެންނެވެ. މަސައްކަތް ކުރުމުން ދަނީ ޤާނޫނުގައި އޮތްވަރަށްވުރެ 4 ގުނަ އިތުރަށް ފައިސާ ޕްރިންޓް ކޮށް، ޑޮލަރުގެ އަގު 30ރ އަށް އަރުވާލުމަށެވެ.
ކޮޓަރި އޭސީ ޖައްސަނީ މިމަހު ކަރަންޓް ބިލަށް އަރާނެ ވަރެއް ނޭނގި ހާސް ކަން މަތީ ހުރެގެންނެވެ. އޭސީގެ ފިނިން ލިބޭ ހިތްހަމަ ޖެހުމަށްވުރެ ބޮޑީ ހާސް ކަމެކެވެ. ފެންބިލްވެސް ދަނީ މައްޗަށެވެ. ވަށައިގެން ކަނޑުއޮތް ގައުމެއްގައި ފެންބިލް ބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ޓެކްސް ބޮޑުކޮށްފިއެވެ. ވިޔަފާރިތަކަށް ވާ ކޮންމެ ދަތިކަމެއްގައި އާހިރު ހިތި ބޯން އަބަދުވެސް ޖެހޭނީ އާންމު ރައްޔިތުންނެވެ. ވިޔަފާރިތަކަށް ސަރުކާރުން ދޭ ގެއްލުންތަކާއި، އެމީހުންގެ ފައިސާތައް ހިފަހައްޓައިގެން އެމީހުން ބަނގުރޫޓުވެގެން އާންމު ދިރިއުޅުމުގެ ހާލަތު ގެއްލިގެން ދިޔުމުން ނިކަމެތިވާނީ ހުރިހާ ރައްޔިތުންނެވެ.
މުއިއްޒުއާއި ދެކޮޅަށް ކޮންމެ ރަށަކުން ނުކުމެ އިޖްތިޙާދު ކުރަންވީ އެރަށްރަށުގެ ހުރިހާ މަޝްރޫޢުތަކެއް ހުއްޓާލާފައިވާތީއެވެ. މިގޮތުން ރައްޔިތުން މުއިއްޒު ބޭރު ކުރަންވީ އެއްހާސް އެތައް ސަބަބެއް ކިޔައި ދެވިދާނެއެވެ. ޔަޤީން ކޮށް އެނގޭ ކަމަކީ މިއަދު ރައްޔިތުން ގޭގައި ތިބެގެން ލިބޭނެ މަންފާއެއް ނެތްކަމެވެ.