މަރިޔަމް ޝިއުނާ، އެމްއޭސީއެލްގައި އަދާކުރާ ވަޒީފާއަށް ނުނިކުމެ، ގަވާއިދާ ޚިލާފަށް ރައީސް މުއިއްޒާއެކު ރ. އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
އެ ދަތުރުގައި ޝިއުނާ ކުރަންޖެހޭ ކަމަކީ ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ގޮސް ފޮޓޯ އާއި ވީޑިއޯ ނަގައި ޓްވީޓްކޮށް މުއިއްޒު ޕްރޮމޯޓް ކުރުމެވެ.
އެއީ މުއިއްޒުގެ އެންގުމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ހަމަޖައްސައިދިން ވަޒީފާއެކެވެ. ޝިއުނާގެ މުސާރައަކީ ޑޮލަރުންދޭ ބަޔާއެކު ޖުމްލަ 50،000 ރުފިޔާއެވެ.
ރައީސް މުއިއްޒުގެ ދަތުރުތަކުގައި ދާން ބޭނުން ނުވިއަސް ރ. އަތޮޅުގެ ބައެއް މީހުން ވެސް އެމްއޭސީއެލްގައި އެބަތިއްބެވެ. އެކަމަކު އެމީހުންނަށް އާއިލާ ކައިރިއަށް ވެސް ދެވެނީ އޮންނަ އުސޫލުގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރު ކުންފުންޏެއްގައި މަސައްކަތް ކުރާ ޝިއުނާ އާއި، މަލްޝާ ދަތުރުތަކުގައި ދަނީ ކުންފުނީގެ އުސޫލްތަކާއި ޚިލާފަށެވެ. ކުންފުނީގެ އެހެން މުވައްޒަފަކު އަމިއްލަ މަސްލަހަތަށް މިފަދައިން ދަތުރެއްކޮށްފިނަމަ އިންޒާރުދީ ވަޒީފާއިން ކަނޑާލާ އިރު، ޝިއުނާއަށް ވަޒީފާ އަދާ ނުކޮށް މި ކުންފުނިން ދަނީ މުސާރަ ދެމުންނެވެ.
ޝިއުނާ އަކީ އޭނާގެ ނުފޫޒުން، އެމްއޭސީއެލްގައި މަސައްކަތް ކުރަމުން ދިޔަ، ނުކުޅެދުންތެރިކަން ހުރި ފަރާތެއް ވަޒީފާއިން ވަކިކޮށް ނިކަމެތި ކޮށްލި މީހެކެވެ.
ޝިއުނާގެ އިތުރުން މަލްޝާ ޝަރީފަށް 35،000 ރުފިޔާގެ މުސާރަ މަސައްކަތް ނުކޮށް މުއިއްޒުގެ ފޮޓޯ ނަގައި ޓްވީޓް ކުރުމުން ލިބެއެވެ. ކުންފުނިތަކުގެ މުއައްޒަފުންނާއި ސިޔާސީ މުއައްޒަފުންނާއިވެސް ތަފާތެވެ.
ދައުލަތުން އެބައެއްގެ މައްޗަށް ބަލަދު އަރާފައިވާ ޝިއުނާ އާއި މަލްޝާ އަކީ ވަޒީފާއާ ބެހޭ ގާނޫނަށްވުރެ މަތިން، ވަޒީފާގެ އަހުލާގާއި ޒިންމާއެއް ނެތި ރައްޔިތުންގެ ފައިސާ ހަރާން ގޮތުގައި ހޯދަމުންދާ ދެ މީހުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ޝުއޫރު ފާޅުކުރަމުންދެއެވެ.