ޗައިނާއިން އަންނަ މުދާ ޑިޔުޓީ ފްރީ ކުރުމުގެ ސަބަބުން ޓެކްސް އާމްދަނީ ދަށަށް ދާން ފަށައިފިއެވެ. ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން މިވަގުތު ތަންފީޒު ކުރުން އެކަށީގެންވާ އެއްބަސް ވުމެއް ނޫނެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ބޭނުންވެފައިވާ މި ވަގުތުގައި، ސަރުކާރުން ދައުލަތުން އާމްދަނީ ގެއްލޭ ފަދަ އެއްބަސް ވުމެއް ހެދުމުން، އެ އާމްދަނީ އެހެން ގޮތަކުން ނަމަވެސް ހޯދައި، ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ހޯދަން ޖެހެއެވެ.
މިނިވަން ޤައުމެއް ގޮތުގައި އޮވެ، މުސްތަގިއްލު ކަމާއި އެކު ޤައުމުގެ އިޤްތިޞާދަށް ފައިދާވާގޮތަށް އަމިއްލަ އަށް މިކަމުގައި ގޮތެއް ނުނިންމި ޗައިނާއާއި އެކު ދައުލަތުގެ އާމްދަނީއަށް ގެއްލުންވާހެން އެއްބަސްވުމެއްގައި ސޮއެ ކުރުމަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލާއި މެދު ސުވާލު އުފެދޭ ކަމެކެވެ.
ޓެކްސް އާމްދަނީއިން މަދުވި މިންވަރު ހަމަ ޖައްސަނީ ސިނގިރެޓް އަގު ބޮޑުކޮށްގެން އާންމު ރައްޔިތު މީހާ ގެ ޖީބުންންނެވެ. ރައްޔިތު މީހާ ހުރި ނިކަމެތި ހާލުން އިތުރު ނިކަމެތި ހާލަކަށް ގެން ގޮސްގެންނެވެ. ސިނގިރެޓަކީ ސިއްޙަތައް ނުރައްކާތެރި އެއްޗެއް ކަމަށް ވީ ނަމަވެސް، ސިނގިރެޓް ބުއިމަކީ ރައްޔިތުންގެ މާލީ ނިކަމެތި ކަމަށް ސަރުކާރުން އަދަބެއް ދޭންޖެހޭ ކަމެއް ނޫނެވެ.
އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ފެށި ބަންކަރިން ޚިދުމަތާއި، އުފެއްދި އިންވެސްޓްމެންޓް ބޭންކުން ފައިދާ ނެރޭށެވެ. ރައްޔިތުން ގަނަތަޅުވައި ނިކަމެތިކޮށް، ރައްޔިތުން ނުފެލާށެވެ.