ޗައިނާއިން ގެނައި ފެންކޭސްތަކުން ބައެއް ހުޅުމާލެ މިސްކިތެއްގައި ބެހެއްޓުމަށްފަހު 1500 ޓަނުގެ ބޯފެން އެންމެ ފަހުން ހަމަ ގެންދިޔައީ އާރަށަށް ކަމަށް ދިޔަވަރު ނޫހަށް ހާމަވެއްޖެއެވެ.
އާރަށުގައި މަސައްކަތް ކުރާ ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ނަމާދު ކުރަމުން ދިޔަ މިސްކިތެއް ބަންދުކޮށް، ބައެއްް ފެންކޭސްތައް މުއިއްޒު އެތާގައި ގުދަން ކޮށްފައި ބެހެއްޓުމަށްފަހު، އެ ފެންކޭސްތައްވެސް ވަނީ އާރަށަށް ގެންގޮސްފައެވެ.
ޗައިނާއިން ވަނީ ޖުމްލަ 1500 ޓަނުގެ ފެން ކޭސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިއީ ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިތަކެކެވެ. އަދި އެތައް ކޮންޓެއިނަރެއް ފުރާ މިފެން ގެނެސްފައިވާއިރު، މިފެން ގެނެސްފައިވަނީ މުއިއްޒު ފެންވެރުމަށް ކަމަށް މާލެތެރޭގައި ވާހަކަ ދެކެވުނަސް އެކަން ދިޔަވަރު ނޫހަށް ކަށަވަރު ވެފައި ނުވެއެވެ.
ރާއްޖޭގެ ތާރީޚުގައި މިނަރަލް ފެނުން އެއްވެސް ރައީސް އެއް ފެންވަރާފައި ވާކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް 1500 ޓަނުގެ ފެނަކީ ބޮއެ ހުސްވާނެ އަދަދެއް ނޫންކަމުން މިފެން ރައީސް މުއިއްޒު ފެންވެރުމަށް ބޭނުން ކުރަނީ ބެލެވެއެވެ.
މި ފެން މުއިއްޒަށް ހަދިޔާ ކޮށްފައިވަނީ، ޗައިނާގެ ޒިޒަންގ އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔާން ޖިންހައި އެވެ.
މީގެ އިތުރުން ޗައިނާއިން ވަކި ހާއްސަ ފެނެއް މުއިއްޒު ބުއިމަށް ވަނީ ގެނެސްފައެވެ. ’ޓިބެޓް 5100‘ ލަގްޒަރީ ފެން ބުއިމުން އުމުރު ދިގުވާނެ ކަމަށް ޗައިނާ މީހުން ގަބޫލު ކުރެއެވެ. މުއިއްޒު ބުއިމަށް މިފެން ގެނައި ކަމަށް މީގެ ކުރިން ކަސްޓަމްސް އިން މައުލޫމާތު ލިބިފައިވެއެވެ.