ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ޓޯކުރެވި، ވެރިފަރާތުން ނުގެންގޮސް ގިނަ ދުވަސްވެފައިވާ އުޅަދުތަކެއް ކަމަށް 446 އުޅަނދެއް ފުލުހުން ނައްތާލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ 378 ދެފުރޮޅުލީ އުޅަނދާއި، 40 ހަތަރު ފުރޮޅުލީ އުޅަނދު އަދި 28 ބައިސްކަލެވެ.
2024 ވަނަ އަހަރު ފުލުހުން ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ޖުމްލަ 15,514 އުޅަނދު ޓޯކުރެވުނެވެ. މީގެ ތެރޭގައި 11,645 ސައިކަލާއި، 2,567 ކާރާއި، 478 ޕިކަޕާއި، 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ. މި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު މިހާރުވަނީ ވަނީ ނައްތާލާފައެވެ.
މާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް, ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވުމަށްފަހު, މުއިއްޒު ގެންދަވަނީ މާލޭގެ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ލައްވާ ޓޯ ކުރަމުންނެވެ.
އެގޮތުން މާލޭ މަގުމަތީ ޕާކް ކޮށްފައި ވަނިކޮށް ފުލުހުން ޓޯކުރާ ކާރުތަކަށް ޓޯ ކުރުމުގެ ތެރޭގައި ބޮޑެތި ގެއްލުންތައް ލިބެމުމްދާކަމުގެ ޝަކުވާތައްވެސް ކާރުތަކުގެ ވެރިން ދަނީ ކުރަމުންނެވެ.
މާލޭގައި ޕާކް ކުރެވޭނެ ގޮތެއް ނެތި, މަގުމަތީގެ އެކި ހިސާބުތަކުގައި ޓޯ ކޮށްފައި ހުންނަ ކާރުތައް ފުލުހުން ޓޯ ކުރަނީ ފޯކުލިފްޓްތައް ބޭނުން ކޮށްގެން ނަގާ ބޮޑެތި ލޮރީތަކަށް އަރުވައިގެންނެވެ. އަދި ފޯކު ލިފްޓުން ކާރުތައް ނަގާ ލޮރީތަކަށް އަރުވާއިރު, ޓޯ ކުރުމުގެ ސަބަބުން ކާރުތަކު ދޮރުތަކާއި އަދި އެނޫނަސް ބޮޑީގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މިކަމުގެ ޝަކުވާ ކާރުތަކުގެ ވެރިން ކުރިން ނަމަވެސް ފުލުހުން މިގެއްލުންތަކުގެ ޒިންމާ ނަގަމުންނެއް ނުދެއެވެ.
އަދި ޓޯ ކުރުމަށްފަހު ފުލުހުން ޓޯ ޔާޑަށް ގެންދާ ކާރެއް އަނބުރާ ލިބެނީ 750 ރުފިޔާ ދެއްކުމަށް ފަހުއެވެ.
ފުލުހުން ކާރުތައް ޓޯ ކުރަމުންދަނީ, މާލޭގައި ޕާކު ކުރާނެ ތަން ނުދައްކާ, އެއްގަމު އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ ވެފައިވާ ވައުދާއި ޚިލާފް ނުވުމުގެ ގޮތުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައެވެ.
އެހެންނަމަވެސް މީގެ ކުރިން ފުލުން މަގުތަކުގައި ހުންނަ އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖެހުމުންވެސް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މިހާރުވެސް ޓޯ ކުރާ އުޅަނދެއް ޓޯ ޔާޑުން ނެރުމަށް 750 ރުފިޔާ ދައްކަން ޖެހޭއިރު, މިހާރު ކާރުތަކުގެ ވެރިން އުފުލަންޖެހޭ ތަކުލީފު ބޮޑުވެފައި, އަދި ކުރަންޖެހޭ ޚަރަދުވެސް މާ ބޮޑުތަނުން މިވަނީ އިތުރު ވެގެން ގޮސްފައެވެ.
ސަބަބަކީ ކާރެއް ޓޯ ޔާޑުން ނެރުމަށް 750 ރުފިޔާ ދެއްކުމަށްފަހު އަދި ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށް ލިބޭ ގެއްލުން ގަރާޖުން މަރާމާތު ކުރުމަށްވެސް ބޮޑު ހޭދައެއް ކުރާންޖެހޭތީއެވެ.
ފުލުހުން އާންމުންނަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް, ވެހިކަލްތައް ޓޯ ކުރަމުންދަނީ, ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި މުއިއްޒު ވެވަޑައިގެންނެވި ދޮގު ވައުދު ފޫބެއްދުމަށްޓަކައެވެ.
އެހެންނަމަވެސް މިހާރު ފުލުހުން އަމަލު ކުރަމުންދާ ގޮތަކީ ސްޓިކާ ޖެހުމަށްވުރެވެސް މާ ގެއްލުންބޮޑު އުސޫލަކަށް ވާއިރު, ރައީސް މުއިއްޒު ވެވަޑައިގެން ދޮގު ވައުދެއްގެ ޝިކާރައަކަށްވެ ހަނާވަމުން މިދަނީ ދިވެހި ނިކަމެތި ރައްޔިތުންކަން ފާހަގަ ކޮށްލެވެއެވެ.
މުއިއްޒު ފާހަގަވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ދޮގު ވައުދު ވުމަށްފަހު, ވެރިކަމަށް ވަޑައިގެންނެވުމުން ވީ ވައުދުތަކަށް ޚިޔާނާތްތެރި ވަމުންދާ ރައީސެއްގެ ގޮތުގައެވެ.