ޚަބަރު

ދިޔަވަރު ނޫހުން މި މަހު ކުރީ ކޮޅު ރިޕޯޓް ކޮށްފައިވާ ގޮތަށް ރާޖޫއަށް ފުށި ދިއްގަރުފަޅުން ބަދަލުދޭން ނިންމައިފި، އާބިޓްރޭޝަންގައި އެދުނީ 4 ބިލިއަނަށް، %80 މުއިއްޒަށް ލިބޭހެން 21 މިލިއަން ޑޮލަރު ނަގައިދޭން ނިންމީ އުޝާމު އާއި، ރާޖޫ ވާހަކަ ދައްކައިގެން

ދިޔަވަރު
ދިޔަވަރު ނޫހުން މި މަހު ކުރީ ކޮޅު ރިޕޯޓް ކޮށްފައިވާ ގޮތަށް ރާޖޫއަށް ފުށި ދިއްގަރުފަޅުން ބަދަލުދޭން ނިންމައިފި، އާބިޓްރޭޝަންގައި އެދުނީ 4 ބިލިއަނަށް، %80 މުއިއްޒަށް ލިބޭހެން 21 މިލިއަން ޑޮލަރު ނަގައިދޭން ނިންމީ އުޝާމު އާއި، ރާޖޫ ވާހަކަ ދައްކައިގެން

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފިއެވެ. ސިންގަޕޫރު އާބިޓްރޭޝަން ކޯޓަށް ރާޖޫ މައްސަލަ ހުށައެޅީ 4 ބިލިއަން ޑޮލަރު ނަގައި ދިނުމަށެވެ. މިކަން ކޮށްފައިވަނީ ރޭވިގެން މުއިއްޒުއަށް މި ވައްކަމުން %80 ލިބޭ ގޮތަށް ކަން ދިޔަވަރު ނޫހަށް ވަނީ ސީއެމްސީ ތެރެއިން މައުލޫމާތު ލިބިފައެވެ.

ކޯޓުން ބޭރުން މި މައްސަލަ ނިންމީ ރައީސް މުއިއްޒު އާއި، އުޝާމުއާއި، ރާޖޫ ވާހަކަ ދައްކައިގެންނެވެ.

ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކައި ތަރައްޤީކުރުމަށް ރޭވިފައިވާ ރަސްމާލެ މަޝްރޫޢު އެންމެ ފުރަތަމަ އެޗްޑީސީން ހަވާލުކުރީ ސީއެމްސީއާއެވެ. އެ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު މަސައްކަތް ފަށައި، އަށް މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ސީއެމްސީއާ ހަވާލުކުރެވުނީ، ބިން ހިއްކުމުގެ އަގުގެ ގޮތުގައި ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރު ފަޅުން ހިއްކާ ސަރަހައްދުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަށެވެ. މިއީ ދައުލަތުގެ ބަޖެޓުންނާއި އެޗްޑީސީގެ ބަޖެޓުން އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ސީއެމްސީން ވަނީ ފުރަތަމަ ހިއްކަން ފެށި "ސައިޓް ޖޭ" ގެ 29 ހެކްޓަރުގެ ބިން މުޅިން ހިއްކައި ނިންމާފައެވެ. އޭގެފަހުން މަޝްރޫޢުގެ މަސައްކަތް މަޑުޖެހިފައި އޮއްވައި، މިދިޔަ އަހަރު ތެރޭގައި އެޗްޑީސީން ވަނީ އެއްބަސްވުން ބާޠިލުކޮށްފައެވެ.

އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން ސީއެމްސީއިން ހަތަރު ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް އާބިޓްރޭޝަނަށް ދާން އުޅޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، އިތުބާރުހުރި މަޞްދަރުތަކުން މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ދެ ކުންފުނިން ވަނީ އާބިޓްރޭޝަނަށް ނުދާގޮތަށް ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، "ސައިޓް ޖޭ" އިން ހިއްކާފައިވާ 29 ހެކްޓަރުގެ ބިމަށް ސީއެމްސީއަށް 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ބައިބަޔަށް ބަހާލައިގެން ދެއްކުމަށް އެޗްޑީސީން ވަނީ އެއްބަސްވެފައެވެ. މީގެ ކުރިން މަސައްކަތާ ގުޅޭގޮތުން 77 މިލިއަން ރުފިޔާ ސީއެމްސީއަށް ދީފައިވެއެވެ.

ސީއެމްސީއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، ރަސްމާލެ ހިއްކުމުގެ ބާކީ އޮތް 11 ސައިޓު ހިއްކުމަށް އެޗްޑީސީން ވަނީ ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ކުންފުނިތަކަކީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރްސީސީ)، ޗައިނާ ހާބަރ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެޗްއީސީ)، އަދި މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އެވެ.

މި ތިން ކުންފުންޏާއެކު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތަފްޞީލު ސަރުކާރާއި އެޗްޑީސީން ވަނީ ހާމަނުކޮށެވެ. އެނގިފައިވާ ގޮތުގައި މިހާރު މި މަޝްރޫޢު ކުރިއަށްދަނީ އެޗްޑީސީން ލޯނު ނަގައިގެން މި ކުންފުނިތަކަށް ފައިސާ ދޭގޮތަށެވެ. ނަމަވެސް މިއީ ކިހާ އަދަދެއްގެ ލޯނެއްކަމެއް އަދި މުޅި މަޝްރޫޢުއަށް ޚަރަދުވާނީ ކިހާ ފައިސާއެއްކަމެއް އަދި ވަނީ ހާމަނުކުރެވިއެވެ.

މި ތިން ކުންފުނީގެ ތެރެއިން މިހާތަނަށް މަސައްކަތް ފަށާފައިވަނީ އެމްއެމްއީއިންނެވެ. އެ ކުންފުންޏާ ހަވާލުކުރި ސައިޓުތަކުގެ ތެރެއިން އެއް ސައިޓުން 40 ހެކްޓަރުގެ ބިން ހިއްކާފައިވާކަން މި ނޫހުން ބެލި ސެޓެލައިޓް ފޮޓޯތަކުން ދައްކައެވެ. އަނެއް ދެ ކުންފުންޏާ ހަވާލުކޮށްފައިވާ ސައިޓުތަކުގައި އެއްވެސް މަސައްކަތެއް ފަށާފައިވާކަން އެ ފޮޓޯތަކުން ނުދައްކައެވެ.

ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" އެއްކަމަށް ބުނާ ރަސްމާލެ ހިއްކުމުގެ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢު އަށް ވެގެންދާނެއެވެ. މި މަޝްރޫޢުގެ ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 700 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. އަދި ދިރިއުޅެވޭ ފެންވަރަށް އެ ރަށް ތަރައްޤީކުރުމަށް ހަމަ އެހާވަރު ނުވަތަ އެއަށްވުރެވެސް ގިނަ ފައިސާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

މި އަދަދުތަކުން ހިސާބުކުރާއިރު، މުޅި މަޝްރޫޢުއަށް 1.4 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާނެކަމަށް ބެލެވެއެވެ.