ރައްޔިތުންގެ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް، ޑިމޮކްރެޓްސްއިން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދާތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް ވެއްދީ، އެމްޑީޕީންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައަކީ އެ ކޯޓުގެ އަސްލީ އިހުތިސޯސް ލިބިގެން ނުވާ މައްސަލައެއް ކަމަށެވެ.
ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.
ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތް ގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އޮންނަ އިޖުރާއަތެވެ. އެ ކަން ކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންނެވެ.
ޖަވާބުގައި އެމްޑީޕީ، އެޓާނީ ޖެނެރަލް، އަދި ޕީޕީއެމް/ޕީއެންސީން ވެސް ފާހަގަ ކުރި ކަމަކީ ހުށަހެޅިފައިވަނީ މަޖިލީހުގެ އިދާރާގެ ނިންމުމެއްގެ މައްސަލައެކެވެ. އެއީ ސީދާ މަޖިލީހުގެ ތަޅުމުން ނިންމާފައިވާ ކަމަކަށް ނުވާތީ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.
ރައީސް ނަޝީދާއި، މަޖިލިސް އިދާރާ ގުޅިގެން ގާނޫނުތައް ތަފާތުކޮށް މާނަ ކޮށް، ރަޝީދަށް އިތުބާރުނެތްނަމަވެސް، އެ ގޮނޑީގައި ގަދަބާރުން އިނދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.