އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު މުއިއްޒު ފޮނުއްވި ހެޔޮއެދުމުގެ މެސެޖަށް ޖަވާބު ދެއްވަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާ ތައްޔާރަށް ހުރި ކަމަށެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި، އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ދުރޫޕަދީ މުރުމޫ އަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.
"އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާމެދު ތިޔަ ވިދާޅުވި ވާހަކަތަކަށް އަޅުގަނޑު އެއްބަސްވަން،" މޯދީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު، އޭރުގެ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް އައި ހީނަރު ކަން އަޔެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރުމަހު ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރައީސްގެ ދަޢުވަތަކަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުންތައް ދަނީ މިހާރު ރަނގަޅުވަމުންނެވެ.