ޚަބަރު

މުއިއްޒު ރަށްރަށަށް އެރުން ކުރިމަތިވާ ބޮޑު ގިލަންވެރި ކަމަކަށް! ރަތްދަކަ އަވީގައި ރައްޔިތުން ނެރެ މުޅި ރަށް ދޮވެ ސާފުކޮށް, ނުވިތާކަށް އިދިކޮޅު އެކްޓިވިސްޓުން ޕޮލިހަށް ދަމާ,ހައްޔަރުވެސް ކުރަން ފަށައިފި!

ދިޔަވަރު
މުއިއްޒު ރަށްރަށަށް އެރުން ކުރިމަތިވާ ބޮޑު ގިލަންވެރި ކަމަކަށް! ރަތްދަކަ އަވީގައި ރައްޔިތުން ނެރެ މުޅި ރަށް ދޮވެ ސާފުކޮށް, ނުވިތާކަށް އިދިކޮޅު އެކްޓިވިސްޓުން ޕޮލިހަށް ދަމާ,ހައްޔަރުވެސް ކުރަން ފަށައިފި!

ރާއްޖޭގެ ރަށްރަށް ރައީސުން ވަޑައިގެންނެވުމަކީ އަބަދުވެސް އެރަށެއްގެ ރައްޔިތުންނަށް އީދެއް އައުން ފަދަ ކަމެކެވެ. އެއީ ގައުމުގެ ވެރިންނާއި ބައްދަލުވުމާއި, ރައީސުލްޖުމުހޫރިއްޔާއާއި ސަލާމް ކޮށްލަން ފުރުސަތު ލިބުމަކީ އަބަދުވެސް ރައްޔިތުންނަށް ލިބޭ އުފަލަކަށް ވާތީއެވެ. އެއީ ދިވެހިން ވެރިންނަށްކުރާ އިހުތިރާމްގެ ވަރަށް ފުރިހަމަ ރަމްޒަކަށްވެސް ތާރީޚީގޮތުން ވެގެން ގޮސްފައި ވެއެވެ.

އެހެންނަމަވެސް ތާރީޚީ ގޮތުން ބަލާއިރު ރައީސުން ރަށްރަށަށް ވަޑައިގެންނެވުމަކީ ރައްޔިތުންނަށް އުފާވެރިކަންގެނުވައިދޭ ކަމަކަށް ވިނަމަވެސް, ޒަމާނުއްސުރު މިކަން ހިމެނިގެން ގޮސްފައިވަނީ ވެރީން ރައްޔިތުން އަޅުވެތިކޮށް, ރައްޔިތުން ލައްވާ ގުލާނުކޮށް ދީގެން, ރަށްރަށަށް އަރާވަޑައިގެން މީރުކެއުންތައް ކައި, ދޮގު ވައުދުތައްވެސް, ނިކަމެތި ރައްޔިތުންގެ ނާޖާއިޒު ފައިދާ ނެގުމުގެ އާދައެއްގެ ގޮތުގައެވެ.

މި އާދަ މިގޮތުގައި އެންމެ ބޮޑަށް ވަޒަން ކުރެވިގެންދިޔައީ ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި ރައީސް މައުމޫން ރަށަކަށް ވަޑައިގަންނަވާނަމަ, ރަށުގެ ރައްޔިތުން ރަތްދަކަ އަވީގައި މަގުތަކަށް ނެރެ, މުޅިރަށް ސާފުކޮށް, މުޅި ރަށުގައި ދޮންވެލިލާ, މުޅި ރަށުގައި ދިދަ ފޮތިތައް ދަމާ ހަދައެވެ. މައުމޫން ހިންގަވާފަ ވަޑައި ނުގަންނަވާ މަގުތަކުގައިވެސް ހުންނަނީ ދޮންވެލި ލާފައެވެ. ހަގީގަތުގައިވެސް މައުމޫންގެ ދަތުރުތަކަށް ތައްޔާރުވުމަށް ރައްޔިތުންގެ ބޭނުން ކޮށްފައިވަނީ އަޅު މަސައްކަތު މީހުންގެ ގޮތުގައެވެ.

އޭގެ އިތުރަށް, ރައީސް މައުމޫން ރަށްރަށަށް އަރާވަޑައިގަންނަވަން ވާއިރަށް, ވަކީން ޚާއްސަކޮށް ސިޔާސީގޮތުން އިދިކޮޅު ފިކުރުމުގެ މީހުން ޕޮލިހަށް ގެންދިއުމާ ހިފާ ހައްޔަރުކުރުން ވެގެންދިޔައީ އެ ސަގާފަތުގެ އެންމެ އެނިޔާވެރި ސޮފުހާތަކުގެ ގޮތުގައެވެ.

އެހެންނަމަވެސް, އެ އާދަ އެންމެ ބޮޑަށް ބަދަލު ކުރެއްވީ ރައީސް ނަޝީދުވެރިކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. ރައީސުންގެ ދަތުރުތައް އެއީ ރައްޔިތުންނަށް ބޮޑު ގިލަންވެރިކަމަށް ވެގެން ގޮސްފައިވާވުން ރައީސް ނަޝީދު ބަދަލު ކުރެއްވިއެވެ. ރައީސަކު ރާއްޖެ ތެރޭގެ ރަށަކަށް ވަޑައިގެންނެވުން އެއީ ރައްޔިތުން އަޅު މަސައްކަތަށް ނިކުންނަށް ޖެހޭ ސަބަބެއްގެ ގޮތުގައި އޮތް އޮތުން އެހާތަނުން އެމަނިކުފާނު ބަދަލު ކުރެއްވިއެވެ.

އެއަށްފަހު ޖެހިގެންއައި ހުރިހާ ރައީސުންނަށް ބެލި ކަމުގައިވި ނަމަވެސް, އެކި ރައީސުން ރަށްރަށަށް ވަޑައިގަންނަވަން ވާއިރަށް ރައްޔިތުން ނުހަނު ހޫނު މަރުހަބާއެއް އޭރަކު ހުންނަވާ ރައީސަކަށް ކިޔުއްވި ނަމަވެސް, މިއަދާއި ހަމައަށްވެސް ރައީސް މައުމޫނުގެ ވެރިކަމުގައި އެ ގެންގުޅުއްވު ބޯދާ އަނިޔާވެރި ސަގާފަތް އިއާދަ ކޮށްފައެއް ނުވެއެވެ.

އަމުދުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް ސާލިހު ގެންގުޅުއްވީ މާބޮޑުތަނުންވެސް ހިތްތިރި ސިޔާސަތެއްކަން ފާހަގަ ކޮށްލެވެއެވެ. އަމަނިކުފާނު ރަށްރަށަށް އަރާ ވަޑައިގެންފައިވަނީ އާދައިގެ ރައްޔިތު މީހެއްގެ ގޮތުގައެވެ. ރައްޔިތުން ނެރެ މުޅިރަށުގައި އިލޮށިފަތި އަޅުވާ, ރަށުގެ އެކޮޅުން މިކޮޅަށް ދޮންވެލިލާ ހަދާފައެއްވެސް ނުވެއެވެ.

އެހެންނަމަވެސް ހިތާމައަކީ, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ހާލަތު ބަދަލުވެގެންދިޔަ ދިއުމެވެ. މުއިއްޒު ރަށްރަށް ވަޑައިގަންނަވަންވާއިރު މުޅިރަށުގެ ރައްޔިތުންގެ ނެރެގެން ރަށްތައް ސާފުކުރުވަން ފަށައިފިއެވެ. ރަށުގެ ހުރިހާ ފާރުތަކެއްގައި ކުލަލާ, މުޅި ރަށުގެ އެކޮޅުން މިކޮޅަށް ދޮންވެލިލާ, އަދި ނުވިތާކަށް އިދިކޮޅު އެކްޓިވިސްޓުން ހިފާ ހައްޔަރުކޮށް ޕޮލިހަށްވެސް ހާޒިރު ކުރުވަން ފެށީއެވެ.

އެގޮތުން މުއިޒް ދިއްދުއަށް ވަޑައިގަންނަވާތީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ނައިބް ރައީސް އައްފާން އަލީ އަދި ހިންގާ ކޮމެޓީގެ މެންބަރ މަހްމޫދް ސަފީގް ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ. އެ ދެމީހުން ޕޮލިހަށް ހާޒިރު ކޮށްފައިވަނީ, ގާނޫނު އަސާސީން ފޯރުކޮށްދިން ޚިޔާލުފާޅުކުރުމުގެ ހައްގުގެ ބޭނުންކޮށް, ރައްޔިތުންނަށް ދޮގު ވައުދުވުމަށް, އަދި މުތުލަގަށް ދޮގު ހެދުމަށް މުއިއްޒު އެރަށަށް ނޭރުމަށް އެރަށުގެ ރައްޔިތުން އަޑު އުފުލަމުންދާތީކަމަށް ވަނީ އެނގިފައެވެ.

އާދޭހެވެ! ހަގީގަތުގައިވެސް މުއިއްޒު މިވަނީ 30 އަހަރުގެ ބޯދާ ސަގާފަތް އިއާދަ ކޮށްފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ގެންގުޅުއްވި ޚުދުމުޚުތާރު ވެރިކަމުގެ ސިފަތައް މިވަނީ އިއާދަ ވެފައެވެ. އަދި ރަށްރަށަށް މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވާތީ, މުއިއްޒުގެ އެންގުމަށް ސިޔާސީ ގޮތުން އިދިކޮޅު އެކްޓިވިސްޓުން ހިފާ ހައްޔަރުވެސް ކުރަން ފެށީއެވެ. މުޅި ރަށުގެ ފާރުތަކުގައި ކުލަލަނީއެވެ. އެކޮޅުން މިކޮޅަށް ދޮންވެލި ލާ ޒީނަތްތެރި ކުރުވަނީއެވެ. ރައްޔިތުން ރަތްދަކަ އަވީގައި ތިބެގެންނެވެ.

މުއިއްޒުގެ ބޮޑާ ކަމާއި ކިބުރުވެރިކަން އޭގެ އިންތިހާއަށް ގޮސް, ބުޅާ ގޯނިން ބޭރުވެ, މުއިއްޒުގެ ހަގީގީ ސިފަ މިއަދު މިވަނީ ހާމަވެގެން ގޮސްފައެވެ. އެހެންނަމަވެސް މުއިއްޒު ދަންނަންވީ އެއް ހަގީގަތަކީ, ޚުދުމުޚުތާރު ވެރިކަމަށް މިރާއްޖޭގެ ގާނޫނު އަސާސީ ފުރުސަތު ނުދޭކަމެވެ. ގާނޫނު އަސާސީން ލިބިދީފަ އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ރައްޔިތުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާނެކަމެވެ. ކިތަންމެ ޚުމުޚްތާރިވިޔަސްވެސް, ރައްޔިތުންގެ އަޑު އެ ރައްތިތުން މުއިއްޒުއަށް އިއްވާނެކަމެވެ.

އަދިވެސް މުއިއްޒު ގަބޫލުކުރަންވީ ހަގީގަތަކީ, ރައްޔިތުން އަޅު މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅެވުނު ޒަމާން މާޒީވެގެން ހިގައްޖެކަމެވެ. މުއިއްޒު ދޮގު ވައުދުވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަކީ ރައްޔިތުންނަށް އޮތް ގިލަންވެރިކަމެއްގެ ގޮތުގައި އޮތް އޮތުން ރައްޔިތުން ނިމުމަކަށް ގެންނާނެއެވެ.