ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެނސްގައި ބައިވެރިވުމަށް ދައުލަތުގެ ޚަރަދުގައި ރައީސް ނަޝީދު ދުބާއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވީނަމަވެސް، މިއީ ދުބާއީ ސަރުކާރުން ނުވަތަ މި އިވެންޓް އިންތިޒާމް ކުރި ފަރާތުން ރައީސް ނަޝީދަށް ރަސްމީކޮށް ދަޢުވަތު ދެއްވައިގެން ކުރައްވާ ދަތުރުފުޅެއް ނޫން ކަން މިނޫހަށް ސާފު ވެއްޖެއެވެ.
ރައީސް ނަޝީދު މި ކޮންފެރަންސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވަނީ އޮންލައިންކޮށް އަމިއްލަ އަށެވެ. މިގޮތުން މި ކޮންފަރަސްގައި ކޮންމެ މީހަކަށް އޮންލައިން ކޮށް ރަޖިސްޓްރީކޮށްގެން ބައިވެރިވުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައެވެ. އޮންލައިންކޮށް އަމިއްލަ އަށް އިވެންޓަށް ރަޖިސްޓްރީ ކުރުމަށްފަހު، ތިމަންނާއަކީ މަޖިލީސް ރައީސްކަމަށް ބުނެ، ވާހަކަ ދައްކަން ފުރުޞަތު ދިނުމަށް ނަޝީދު އެދިފައިވާކަން މިނޫހަށް ވަނީ އެނގިފައެވެ.
އަދި މި ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ ކީ ސްޕީކަރސް ތިބި އިރު ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިފައިވަނީ 46 ވަނައަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތް އިރު، މި އަމިއްލަ ދަތުރުފުޅުގެ ޚަރަދު ބަލަހައްޓވަނީ ދަޢުލަތުގެ ބަޖެޓުން، އުސޫލުތަކުގެ ބޭރުންނެވެ. މިގޮތަށް ރަސްމީ އެއްވެސް ދަޢުވަތެއް ނުލިބި، އަމިއްލަ ފުޅަށް ކުރައްވާ ދަތުރުތަކުގައި އަމިއްލަ ޓިކެޓާއި، ހުރުމާއި ކެއުން ދަޢުލަތުގެ ބަޖެޓުން ހަމަ ޖައްސައި، އެކީގައި އެހީތެރިވުމަށް ގެންދަވާ މަޖިލިސް ބޭފުޅުންގެ ޓިކެޓާއި ހުރުމާއި، ކެއުން ހަމަ ޖައްސަނީވެސް ދަޢުލަތުންނެވެ. މީގެ އިތުރުން 3 ސެކިޔުރިޓީންގެ ޓިކެޓް ބިޒްނަސް ކުލާހުން ނަގައިދީ، އެމީހުން އަގު ބޮޑެތި ހޮޓާތަކުގައި ތިބެނީވެސް ހަމަ ދަޢުލަތުގެ ޚަރަދުގައެވެ. މިފަދައިން ނަޝީދަށް ޚަރަދުތައް ދަޢުލަތުން ކުރާއިރު، ދަޢުލަތުގެ ޒިންމާދާރު މުއައްސަސާތަކުން ހަނު ހުރުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ.