ޚަބަރު

މިއީ ރައްޔިތުންގެ ހަގީގީ ބާރު މުއިއްޒުއަށް ދައްކަންވީ ވަގުތު! މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ރައްޔިތުން ނިކުމެ, މުތުލަގަށް ދޮގު ހެދުންމަތީ ދެމި ނުހުރެވޭނެކަން މުއިއްޒުއަށް އަންގަން ޖެހޭ!

ދިޔަވަރު
މިއީ ރައްޔިތުންގެ ހަގީގީ ބާރު މުއިއްޒުއަށް ދައްކަންވީ ވަގުތު! މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ރައްޔިތުން ނިކުމެ, މުތުލަގަށް ދޮގު ހެދުންމަތީ ދެމި ނުހުރެވޭނެކަން މުއިއްޒުއަށް އަންގަން ޖެހޭ!

މިނިވަން ޑިމޮކްރަސީއެއްގައި, ވެރިކަމެއް ޚުދުމުޚްތާރު ވެގެން ދިޔަ ނުދިނުމުގެ ހަގީގީ ޒިންމާ އުފުލާން ތިބޭ ބަޔަކީ އެގައުމެއްގެ ރައްޔިތުންނެވެ. އެ ޒިންމާއަކީ ދައުލަތުގެ މިނިވަން މުވައްސަސާތަކުން އެ އުސޫލުން އުފުލާން ޖެހޭ ޒިންމާއެއްގެ ގޮތުގައި ގާނޫނު އަސާސީގައާއި ގާނޫނުތަކުގެ ލިޔެވި ބަޔާން ކުރެވިފައި އޮތް ނަމަވެސް, ރާއްޖެފަދަ, ކޮރަޕްޝަނުން މޫލާފަ އޮތް, އަދި ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއްގައި އެވާޖިބު އެންމެ ބޮޑަށް މަތިވެފައި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަނީ, ވެރިކަމުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައެވެ. އަދި ވެރިކަމުގެ އެންމެހާ ބާރުތަކެއް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައެވެ. ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މި މަހުފޫންގެ ހަގީގީ މާނައަކީ, ވެރިކަމެއް ފާލުން ކައްސާލައިގެން ދިޔަ ނުދިނުމުގެ ބާރުތައް ސީދާ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިނުމެވެ. އެ ރައްޔިތުން އިންތިޚާބުކުރާ ވެރީން ޒިންމާދާރު ކުރުވުމުގެ އެންމެހާ ޒިންމާއެއް ސީދާ ގާނޫނު އަސާސީން ރައްޔިތުންނާއި މަތި ކުރުމުވެ.

ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ މިޒިންމާ އަދާކުރުމަށް ސީދާ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުތަކާއި އިޚްތިޔާރުތަކެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަަށް ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އިޚްތިޔާރަކީ ނުވަތަ ހައްގަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި, ޚިޔާލު ފާޅުކުރުމުގެ ހައްގެވެ. އެހެން ގޮތަކަށް ދަންވަނީނަމަ އިހުތިޖާޖު ކުރުމުގެ ހައްގެވެ.

އެއީ ވެރިޔަކުން ޚުދުމުޚްތާރު ވެގެންދިޔަ ނުދިނުމަށް ގާނޫ އަސާސީން ޖަހާދީފައިވާ ކަޑަތަކެވެ. ވެރިމީހާ ޒިންމާދާރު ކުރުވުމަށް ގާނޫނު އަސާސީން މުތުލަގަށް ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި, މުއިއްޒުގެ އަނިޔާވެރިކަމާއި, ދޮގާއި މަކަރާއި, ކޮރަޕްޝަނާއި ފަސާދަ މިވަނީ ހައްދު ފަހައަޅާ ގޮސްފައެވެ. ދިވެހި ތާރީޚު މީގެކުރިން ދެކެފައި ނުވާ މިންވަރަށް, މި ނުރައްކާތެރި ވަބާތައް މިވަނީ މިއަދު މޫލާފައެވެ.

މުއިއްޒުއަށް ބައި އަޅައިގެން, ގޯތި ގެދޮރުންވެސް މިސަރުކާރުގެ ވެރިން ވައްކަން ކުރަނީއެވެ. ރައްޔިތުންގެ ފްލެޓް ލިބުނަ ނުދީ ހިފައްހައްޓާ, އާދައިގެ ނިކަމެތި ރައްޔިތު މީހާގެ މައްޗަށް އަނިޔާވެރި ވަމުންދަނީއެވެ. ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި, ވަޒީރުން, ނުއަގުގައި, އުސޫލާ ޚިލާފަށް ހުޅުމާލެއިން ގޯތި ގަނެ, ރައްޔިތުންގެ ހައްގުތަކަށް ވަނީ އަރައިގެންފައެވެ.

އެއާއެކު, ބޮޑެތި ވަފުދުތަކާއެކު ގައުމުން ބޭރަށާއި އަދި ރާއްޖެ ތެރޭގެ ރަށްތަކަށްވެސް ދައުލަތުގެ ޚަރަދުގައި ދަތުރުކޮށް, މުއިއްޒުގެ ސިޔާސީ ކުރިމަގަށް ދައުލަތުގެ މުޅި މާލިއްޔަތު ދަނީ ގުރުބާން ކުރަމުންނެވެ.

މުއިއްޒު ރަށްރަށް ވަޑައިގަންނަވަންވާއިރު މުޅިރަށުގެ ރައްޔިތުންގެ ނެރެގެން ރަށްތައް ސާފުކުރުވަން ފަށައިފިއެވެ. ރަށުގެ ހުރިހާ ފާރުތަކެއްގައި ކުލަލާ, މުޅި ރަށުގެ އެކޮޅުން މިކޮޅަށް ދޮންވެލިލާ, އަދި ނުވިތާކަށް އިދިކޮޅު އެކްޓިވިސްޓުން ހިފާ ހައްޔަރުކޮށް ޕޮލިހަށްވެސް ހާޒިރު ކުރުވަން ފެށީއެވެ.

އެގޮތުން މުއިޒް ދިއްދުއަށް ވަޑައިގަންނަވާތީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ނައިބް ރައީސް އައްފާން އަލީ އަދި ހިންގާ ކޮމެޓީގެ މެންބަރ މަހްމޫދް ސަފީގް ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ. އެ ދެމީހުން ޕޮލިހަށް ހާޒިރު ކޮށްފައިވަނީ, ގާނޫނު އަސާސީން ފޯރުކޮށްދިން ޚިޔާލުފާޅުކުރުމުގެ ހައްގުގެ ބޭނުންކޮށް, ރައްޔިތުންނަށް ދޮގު ވައުދުވުމަށް, އަދި މުތުލަގަށް ދޮގު ހެދުމަށް މުއިއްޒު އެރަށަށް ނޭރުމަށް އެރަށުގެ ރައްޔިތުން އަޑު އުފުލަމުންދާތީކަމަށް ވަނީ އެނގިފައެވެ.

ގާނޫނު އަސާސީވެސް, ރައްޔިތުންގެ ގާތުގައި ”ހޭވެސް“ އަހާ ނުލާ, އެންމެ 12 ގަޑިއިރުތެރޭ ބަދަލު ކޮށްލީއެވެ. މުއިއްޒުގެ އަމިއްލަ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމުގެ މަގުސަދުގައެވެ.

ނަތީޖާއެއްގެ ގޮތުން, ރައްޔިތު މީހާ ނިކަމެތި ވެއްޖެއެވެ. އަނގަޔާ އަތާ ދިމާނުވާ ހާލަތަށް, ރައްޔިތުން ނިކަމެތި ވެއްޖެއެވެ. ފްލެޓްތައްވެސް ބަހާލަމުން ދަނީ ސާޖިދާގެ ލިސްޓަށާއި, މަޖިލިސް މެމްބަރުންގެ ލިސްޓުތަކަށެވެ.

މިއީ ހަގީގައިވެސް މިރާއްޖޭގެ ތާރީޚު މިއުސޫލުން މީގެ ކުރީން ދެކަވައިވާ ކަންކަން ނޫންކަމުގައި ދަންނަވާން ޖެހެއެވެ.

މިހާލަތަށް ގައުމެއް ދިއުމުން, އަދި އެގައުމެއްގެ ސަރުކާރު ފަސާދަވެ އަނިޔާވެރި ވުމުން, އެސަރުކާރެއް ޒިންމާދާރު ކުރުމުގެ ޒިންމާ އުފުލާން ތިބޭނީ ރައްޔިތުންނެވެ. ރައްޔިތުން ނިކުމެ އެރައްޔިތުންގެ ބާރު ދައްކާލުމުން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވާން މަޖުބޫރުވާނެއެވެ. ރަށްރަށް ވަޑައިގަންނެވުމުގެ ކުރިން ރައްޔިތުންގެ ގުދާރު ބިންދައިގެން, އެރައްޔިތުން ލައްވާ އަޅު މަސައްކަތް ކުރުވުންވެސް ހުއްޓުމަކަށް އަންނާނެއެވެ.

އަވައްޓެރި ސްރީލަންކާއިންނާއި ބަންގްލާދޭޝްއިންނާއި އަދި އެނޫނަސް ދުނިޔޭގެ އެތައް ގައުމަކުން މިހަގީގަތުގެ ދިރިހުރި މިސާލުތައް ދަނީ ފެންނަމުންނެވެ. މިކަންކަމުން މިސާލު ނަގާ, އައްޔަކަން އަނދިރިއަކަސް ވާނީ އެއްވަރޭކަމުގައި ނުބުނެ, އަނިޔާވެރި އަދި ދޮގުވެރި މުއިއްޒު ޖަވާބުދާރީ ކުރުވުމަށް އިހުތިޖާޖަށް ނިކުތުން މިއަދު މިވަނީ ރައްޔިތުންގެ މައްޗަށް ވާޖިބުވެފައެވެ.

އާދޭހެވެ! މުއިއްޒު ރަށްރަށަށް ދޮގު ވައުދުވާން ވަޑައިގަންނަވަން ފުރުސަތު ދީގެން ނުވާނެއެވެ. މުއިއްޒު ޖަވާބުދާރީ ކުރުވާ, މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަކަށް ގެނެސް, އަނިޔާވެރި މުއިއްޒު ”ސައިޒް“ ކުރުމަށް އެންމެހާ ރައްޔިތުންވެސް, މުއިއްޒު ވަޑައިގަންނެވުމުން, މިއުދާސްތައް މުއިއްޒުއަށް އިވަންވީއެވެ.

މުއިއްޒުގެ ބޮޑާ ކަމާއި ކިބުރުވެރިކަމާއި އަދި ދޮގުވެރިކަން ނިމުމަކަށް ގެނެވޭނީ ރަށްރަށަށް މުއިއްޒު ވަޑައިގަތުމުން, ރައްޔިތުން ނިކުމެ ރައްޔިތުންގެ ބާރު ދެއްކި ދުވަހަކުންނެވެ.