ޚަބަރު

މުއިއްޒު އިހަވަންދޫ އަށް ދާއިރު، އެރަށަށް ވެފައިވާ 18 ވައުދުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދާފައެއް ނުވޭ، އެއްވެސް ކަމެއް ކުރުމަށް ބަޖެޓް ކޮށްފައި ވެސް ނުވޭ!

ދިޔަވަރު
މުއިއްޒު އިހަވަންދޫ އަށް ދާއިރު، އެރަށަށް ވެފައިވާ 18 ވައުދުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދާފައެއް ނުވޭ، އެއްވެސް ކަމެއް ކުރުމަށް ބަޖެޓް ކޮށްފައި ވެސް ނުވޭ!

މުއިއްޒު އިހަވަންދޫ އަށް ދާއިރު، އެރަށަށް ވެފައިވާ 12 ވައުދުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދާފައެއް ނުވޭ، އެއްވެސް ކަމެއް ކުރުމަށް ބަޖެޓް ކޮށްފައި ވެސް ނުވާ ކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ.

މުއިއްޒު ރިޔާސީ އިންތިހާބުގައި އަދި މަޖިލީސް އިންތިހާބާއި، އަންހެނުންގެ ކޮމިޓީ އާއި ބައްދަލުކޮށް އިހަވަންދޫ އަށް ވެފައިވާ ވައުދު ތަކަކީ:

  1. ހޮސްޕިޓަލެއް ފުރަތަމަ އަހަރު އަޅައި ނިންމުން
  2. ކުޅިވަރު ކުޅުމަށް މަލްޓިޕަރޕަސް ހޯލެއް ގާއިމް ކުރުން (ފުރަތަމަ އަހަރުގައި ނިންމާނެ ކަމަށް ވައުދުވި)
  3. މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމު ކުރުން (ފުރަތަމަ އަހަރުގައި ނިންމާނެ ކަމަށް ވައުދުވި)
  4. ރަނގަޅު ފެންވަރަކަށް މަގުތައް ހެދުން
  5. ކުނި މެނޭޖް ކުރުމަށް ރަނގަޅު ނިޒާމެއް ޤާއިމު ކުރުން
  6. ރަށުގެ މަސްވެރިންގެ ސިނާއަތު ކޮޅަށް ޖެހުން (އަހަރުގެ ބޮޑު ބައެއް ދިޔައީ މަސްވެރިން ކިރި މަހަށް ފައިސާވެސް ނުދީ)
  7. މަސް ކަލެކްޓް ކުރުމަށް ސެންޓަރެއް ގާއިމް ކުރުން
  8. އައިސް ޕްލާންޓެއް ގާއިމް ކުރުން
  9. އައިސް ޕްލާންޓުން ތެޔޮ ލިބޭ ގޮތް ހަމަޖެއްސުން
  10. ދިގު ފަރާއި އިހަވަންދޫ ގުޅުވާލުން
  11. ދިގު ފަރަކީ ސިނާއީ މަސައްކަތް ކުރާ ތަނަކަށް ހެދުން
  12. ގެދޮރު ބިނާ ކުރުމަށް އިހަވަންދޫ ރައްޔިތުންނަށް ލޯނު ދިނުން
  13. ރަށުގެ ކުނި މެނޭޖް ކުރުން ވެމްކޯގެ ދަށަށް ގެންދާނަން
  14. ހޮސްޕިޓަލް އެޅުމުގެ ކުރިން، ރަށު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިދޭނަން
  15. ތަޢުލީމުގެ ކެމްޕަސް ގާއިމް ކޮށްދިނުން
  16. ރަށުގައި ބޯހިޔާވަހި ކަމުގެ މަޝްރޫޢު ފެށުން
  17. ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރިވެޓްމެންޓް ޖަހައިދިނުން
  18. ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކޮށްދިނުން

ސަރުކާރަށް ދޮޅު އަހަރު ވަމުންދާއިރު މިއިން އެއްވެސް މަސައްކަތެއް މުއިއްޒު ފަށާފައި ނުވެއެވެ. ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮކްޓްތައްވެސް ވަނީ ހުއްޓާލާފައެވެ.

އިހަވަންދޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. އަމަލީ މަސައްކަތް މި ސަރުކާރުން ފެށި ކަމުގައި ވީނަމަވެސް، މި ޕްރޮޖެކްޓް އެދެވޭ ގޮތަކަށް ކުރިއަކަށް ނުދެއެވެ.

އިހަވަންދޫ އިން ދިޔަވަރު ނޫހަށް މައުލޫމާތު ދެމުން އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ، ރަށުގައި މާ ކުރިން އަޅާފައި ހުރި، ކުޑަކުދިން ޕާކް ހަލާކުވެގެން ސަރުކާރުގައި އެދި އެދި ކުޑަ މިނުން އެތަން މަރާމާތް ކޮށް ނުދީގެން އެ މަސައްކަތް އެންމެ ފަހުން ކޮށްފައިވަނީ، ކައުންސިލުން ކަމަށެވެ. ކައުންސިލުން ވަނީ އެއްލަކަ ރުފިޔާ ޚަރަދުކޮށްގެން ރަށުގައި އައުޓްޑޯ ޖިމެއްވެސް އަޅާފައެވެ. ސަރުކާރުގެ އެއްވެސް އެހީތެރި ކަމެއް ނުލިބެއެވެ. ނަމަވެސް ރައީސް މުއިއްޒު މިއިން ތަނެއް ހުޅުވުމަށް ރަސްމިއްޔާތެއް ބޭއްވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް މިހާރު މުއިއްޒު މަސައްކަތް ކުރަމުންދަނީ ކައުންސިލްގެ ބަޖެޓް ޤާނޫނުން ކުޑަކޮށް، ކައުންސިލްތަކުގެ ބާރުތައް އެޓޯލް މިނިސްޓްރީއަށް ނެގުމަށެވެ. އެހެން ކަމުން، ރަށު ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ދެން ރަށަށް ކޮށް ދިނުމުގެ ބާރު ކައުންސިލުން ގެއްލިގެން ދާނެ ކަމަށް ޕީއެންސީ ކައުންސިލް މެމްބަރަކު ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.

އިހަވަންދޫ އިން އެއްލައްކަ އަކަފޫޓުގެ ބިމެއް އެމްޕީއެލްއިން ކުށްޔަށް ހިފައި އެތާގައި ޑޮކްޔާޑެއް އަޅާނެ ކަމަށް ބުނެ ސިޓީ ކައުންސިލާއި އެކު އެއްބަސް ވުމަކަށް އައިސްފައި ވީނަމަވެސް، މި ޑޮކްޔާޑުގެ މަސައްކަތެއްވެސް އެ ރަށުގައި ނުހިނގައެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ތެޔޮ ވިއްކޭނެ ގޮތް ހއ. އިހަވަންދޫގައި ހަދާ ދޭނެ ކަމަށް މުއިއްޒު ވައުދު ވެފައި ވީނަމަވެސް، މިކަމާއި ގުޅުން ހުރި އެއްވެސް މަސައްކަތެއް އަދި ކޮށްފައި ނުވެއެވެ. ބާކީ 9 މަސް އޮތް އިރު، މަޝްރޫއު ހިންގާނެ ބަޔަކު ހޯދުމަށް ކުޑަމިނުން އިއުލާން ކޮށްފައިވެސް އަދި ނުވެއެވެ.

ފެންޕްލާންޓް އެޅުމަށް ސައުދީ ފަންޑުން ވަނީ އެހީ ދީފައެވެ. މި ޕްރޮޖެކްޓް އިއުލާން ކޮށްފައި ވީނަމަވެސް، މި ޕްރޮޖެކްޓާއި ގުޅޭ އަމަލީ މަސައްކަތެއް އަދިވެސް ކުރިއަށް ނުދެއެވެ.

ކަން މިހެން އޮތް އިރު، އިހަވަންދޫގެ ނަރުދަމާގެ ނެޓްވޯކް ވަނީ ފުރި، ފާހާނަ ތަކުގެ ދަނީ ފެންބޮޑުވަމުންނެވެ. އަދި ރަށުތެރެއަށް ނަޖިސް ބޭރުވުމުގެ ފުރުޞަތު އެބައޮތެވެ. މިކަމާއި ގުޅިގެންވެސް ސަރުކާރަށް އެތައް ޝަކުވާއެއް ކައުންސިލުން ކޮށްފައި ވީނަމަވެސް، މުއިއްޒުގެ ސަރުކާރުން އިހަވަންދޫ އަކަށް އެހީތެރިކަމެއް ނުދިނެވެ. ފެނަކައިންވެސް އެވާހަކަ ދެއްކުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.

2024 ވަނަ އަހަރު މުއިއްޒު ނިންމާލީ ރާއްޖޭގެ ތާރީޚުގައި މި ޤައުމުގެ ވެރިއަކަށް ލިބުނު އެންމެ ބޮޑު ބަޖެޓާއި އެކުއެވެ. އެއިން ވައްކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައި ނެތުމުން، ރައްޔިތުން ކައިރިއަށް ގޮސް ރާއްޖޭގެ ތާރީކުގައި ރާއްޖޭގައި ކަނޑައެޅި އެންމެ ބޮޑު ބަޖެޓު އޮތީ ބޭނުން ކުރެވޭ ގޮތަކަށް ނޫން ކަމަށް ބުނެ ދަނީ ދޮގު ހަދަމުންނެވެ. ޕްރޮޖެކްޓް ތައް ކުރިއަށް ގެންދިޔުމުގެ ޝައުގެއް ސަރުކާރުގައި ނެތް ކަން އެނގިގެން ދަނީ 2024 ވަނަ އަހަރު ނިމުނު އިރު 6 ބިލިއަން ރުފިޔާ މުއިއްޒުގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ނުދީ އޮތުމުންނެވެ.