އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ އެފްއެސްއެމްއިން މާލޭގައި ހިންގާ ހުރިހާ ޕެޓްރޯލް ޝެޑެއްވެސް މިމަހުގެ 22 އިން ފެށިގެން ނަމާދު ވަގުތަށް ބަންދު ނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, ޒަމާނުއްސުރެ ރާއްޖޭގައި އަމަލު ކުރަމުން އަންނަ, ވިޔަފާރިއާއި އަދި އާންމު ޚިދުމަތްތައް ދޭ ތަންތަން ނަމާދު ވަގުތަށް ބަންދު ކުރާގޮތަށް އޮން އޮތުން ބަދަލު ކުރުމަށް މުއިއްޒު ނިންމަވާފައިވާ ކަމަށާއި, މިއީ އިސްލާމީ ޝިއާރު ނެތިކޮށް, ދިވެހިން ދީނާ ދުރުކުރުމަށް މުއިއްޒު ގެންގުޅޭ ސިއްރު އެޖެންޑާގެ ދަށުން ގެންނަން ފަށާފައިވާ ބަދަލެއް ކަމުގައެވެ.
އެފްއެސްއެމްގެ އޮފިޝަލުން ވިދާޅުވެފައިވަނީ މި ބަދަލު ގެނައި ސަބަބު މުވައްޒަފުންނަށް ހާމަކޮށްފައި ނުވާކަމަށެވެ.
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަކީ އަބަދުވެސް ނަމާދު ވަގުތުގެ 10 މިނިޓް ކުރިން ބަންދު ކުރާ ތަންތަނެވެ. އަދި ނަމާދު ވަގުތު ފިލާ ދިއުމާއެކު ޝެޑްތައް ހުޅުވާގޮތަށް, މާލޭގެ ޕެޓްރޯލް ޝެޑްތަކުން ޚިދުމަތް ދެމުން އަންނަތާ އެތައް ޒަމާންތަކެއް ވެއްޖެއެވެ.
އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމާއެކު, ސަރުކާރުން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލަކީ ވިޔަފާރިކުރާ ހުރިހާ ތަނެއްވެސް ނަމާދުވަގުތަށް ބަންދު ކުރުމުވެ. މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި މި އުސޫލު ބަދަލު ކުރުމަށް މަޝްވަރާއެއްވެސް ކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރު ފެމުންދާއިރު, މި ސަރުކާރުން ވަނީ ޒަމާނުއްސުރެ ދިވެހިން އަމަލު ކުރަމުން އަންނަ ދީނީ އާދަތައް ބަދަލުކޮށް, އިސްލާމީ ޝިއާރުގެ އަޑުތަކާއި އަސަރުތައް ދިވެހި މުޖުތަމައުން ފިލުވާލުމުގެ ސިއްރު އެޖެންޑާއެއް ތަންފީޒުކުރަން ފަށާފައެވެ.
މިއީ ހުޅަނގުގެ އުސޫލުތައް ރާއްޖެއަށް ތައާރަފްކޮށް, ދިވެހިންގެ މެދުގައި އޮތް އިސްލާމީ ވަހުދަތު ފުނޑުފުނޑު ކޮށްލުމުގެ ބޭނުމުގައި މުއިއްޒު ހިންގަމުންދާ ވަރަށްބޮޑު ޖަރީމާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.