އެމްޕީއެލް އާއި، ފުލހުންގެ ފްލެޓް މަޝްރޫޢުގައި ކޮރަޕްޝަން އޮތް ކަމަށް އޮޑިޓާ ޖެނެރަލް ހާމަކުރެއްވި ނަމަވެސް، މި ކޮރަޕްޝަންގެ ޖަރީމާ ތަކުގެ މައްސަލަ ތަހުގީގުކުރަން އަމުރެއް ނެރެން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް ކެރިވަޑައެއްނުގަތެވެ.
މި ދެ މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް އޮޑިޓް އޮފީހުން ދާދިފަހުން ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ.
ފިތްކަނޑައިގެންދާވަރުގެ މި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން ޕީޖީ އައްބާސް އަމުރު ނުކުރަނީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ހިންގާފައިވާ ދެ މަޝްރޫއަށްވާތީއެވެ. ޕީޖީ ކަމަށް ވަޑައިގަތުމުގެ ކުރިން އައްބާސް ހުންނެވީ މުއިއްޒުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައެވެ.
މުއިއްޒު ވެރިކަމަށް އައިސް ފުރަތަމަ އަހަރުގައި ހައުސިންގ މިނިސްޓްރީ ވަނީ އަންދާލާފައެވެ. މިކަން ކޮށްފައި ވަނީ މުއިއްޒު ކޮށްފައިވާ ބޮޑެތި ވައްކަމުގެ ހެކި ނައްތާލުމުގެ ގޮތުންނެވެ.
އެމްޕީއެލްގެ ފްލެޓް މަޝްރޫއަށް ބަލާއިރު، ކުންފުނީގެ އާންމު އުސޫލުތަކާއި ދައުލަތުގެ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ގަވާއިދާ އެއްގޮތަށް މަޝްރޫއުގެ ބިޑިން މަރުހަލާގެ ތެރެއިން ބިޑް ސެކިއުރިޓީ ނަގާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މަޝްރޫއު ވަކި ކުންފުންޏަކާ ހަވާލުކޮށްފައި ކަމަށާއި، އެ ކަން ކޮށްފައިވަނީ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށްކަމަށް އޮޑިޓުން ވަނީ ހާމަވެފައެވެ.
އެމްޕީއެލް ފްލެޓްތަކަކީ ރާއްޖޭގެ ތާރީޚްގައި ވެސް މިހާތަނަށް އަޅާފައިވާ އެންމެ ފެންވަރު ދަށް ފްލެޓެވެ. އެމްޕީއެލްގެ ތިން ޓަވަރު ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާއިރު، ގިނަ އެޕާޓްމަންޓްތަކުގައި ފެންލީކްވުމުގެ މައްސަލަ ބޮޑެވެ.
ބައެއް ފްލޯތަކުގެ ސިޑިން ވެސް ފެން ލީކްވެއެވެ. މި މަޝްރޫއު ހިންގިއިރު، އެމްޕީއެލްގެ ސީއީއޯ އަކަށް ހުންނެވީ މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ، އައިޖީއެމްއެޗްގެ މިހާރުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. މިހާރު މުއިއްޒަށް އައިޖީއެމްއެޗްގެ ތެރެއިން، ސަޕްލަޔަރުން އަތުން ނަގާ ކޮރަޕްޝަނުން މުއިއްޒަށް ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާ އެއް ދަނީ ދެމުންނެވެ.
ފުލުހުންގެ ފްލެޓް މަޝްރޫއަކީ ވެސް ބޮޑު ވައްކަމެކެވެ. ފުލުހުންގެ ފްލެޓް މަޝްރޫއުން ހިންގި ބޮޑު ވައްކަމުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
ޕޮލިސް ފްލެޓްތަކުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާއެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތިއެވެ. ނޫމަޑިއަށް އެ މަސައްކަތް ނުވެގެން ދެން އެ މަސައްކަތް ހަވާލުކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އެފަދައިން މަސައްކަތް ހަވާލުކުރިޔަސް އެކަމުގެ މާލީ ބޮޑު މަންފާ ލިބުނީ ނޫމަޑިއަށެވެ.
ނޫމަޑީގެ އަތުން އެ ޕްރޮޖެކްޓް އަތުލީ ވެސް މުއިއްޒު ހައުސިން މިނިސްޓަރުކަމަށް ހުރެގެންނެވެ. އެހެންވެ ނޫމަޑިން ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލާގައި އާބިޓްރޭޝަނުން މުއިއްޒު އޭނާ އަމިއްލަ އަށް ނިންމި ނިންމުން ގޯސް ކަމަށް ބުނެ ދައުލަތަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންދީ، ރާއްޖެއާއި ބެހޭ ގޮތުން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގައި ދޮގު ހަދައިގެން ވަނީ އެތައް ފައިސާއެއް މުއިއްޒު ނަގާފައެވެ.
މި ގޮތުން ދުގު ހަދައި، ބަޔާން ބަދަލުކުރި ކަމަށް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވެސް އެއްބަސްވެފައެވެ. ބަޔާން ބަދަލުކުރި ސަބަބު އޮޅުންފިލުވުމަށް ސުވާލުކުރުމުން މުއިއްޒު އެކަމަށް ޖަވާބު ދެއްވާފައެއްނުވެއެވެ. މުއިއްޒު އެ ބަޔާން ބަދަލުކުރީ ރިޝްވަތު ނަގައިގެން ކަމަށް އޭރުވެސް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
އެ މައްސާލާގައި މުއިއްޒުގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ދައުލަތުން އުފުލުމުން މުއިއްޒު ވަނީ ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އިންކާރުކޮށްފައެވެ. އެކަމަކު މަޖިލީހުގެ ކޮމިޓީގައި ވަނީ ބަޔާން ބަދަލުކުރި ކަމަށް އެއްބަސްވެފައެވެ.
ދައުލަތުން ވަނީ މުއިއްޒު އާބިޓްރޭޝަނަށް ދިން ބަޔާން ވެސް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މުއިއްޒު ވަނީ އެ ބަޔާނުގައި ވަނީ އޭނާގެ ސޮއި ނޫން ކަމަށް ބުނެ ކޯޓުގައި ދޮގު ހަދާފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީއަށް ނުފޫޒުފޯރުވައިގެން އެ މައްސަލަ ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ކޯޓަށް އެ މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއްވީނަމަވެސް މުއިއްޒު ގާޒީއަށް ނުފޫޒުފޯރުވައިގެން އެ މައްސަލަ ކޯޓުން ނިންމީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށެވެ. އެ މައްސަލަ އިސްތިއުނާފުކޮށްގެން ޝަރީއަތުގެ އެހެން މަރުހަލާތައް ނުނިމެނީސް ރިޔާސީ އިންތިޚާބު ނިމިއްޖެއެވެ. މުއިއްޒުގެ ވެރިކަމެއްގައި ދެން އެ މައްސަލަ ކުރިއަކަށްނުދާނެކަން އެނގި ކަށަވަރުވެއްޖެ ނޫންތޯއެވެ.
މުއިއްޒު އުޅުނީ ބަޔާން ބަދަލުކޮށްގެން ނޫމަޑިއަށް 155 މިލިއަން ޑޮލަރުގެ ބަދަލެއް ދޭށެވެ. އެއީ އެ ކުންފުނިން އާބިޓްރޭޝަންގައި އެދުނު ވަރެވެ. މުއިއްޒު ނޫމަޑިއާ އެއްކޮޅަށް ބަޔާންދިނުމުން އެ ބަދަލު އާބިޓްރޭޝަނުން ނަގައިދޭން ފަސޭހަވިއެވެ.
ނަމަވެސް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހިކްމަތުގެ އަމަލީގެ ސަބަބުން އެ ބަދަލު އެއަށްވުރެ ކުޑަކުރެވޭނެ ގޮތް ހެއްދެވިއެވެ. ރައީސް ސޯލިހު މަސައްކަތް ކުރެއްވީ ރައްޔިތުންގެ ފައިސާއިން ނޫމަޑިއަށް ބައި ރުފިޔާއެއް ވެސް ނުދީ އެކަން ނިންމާށެވެ. ނަމަވެސް މުއިއްޒު އާބިޓްރޭޝަނަށްގައި ދިވެހި ސަރުކާރާ ދެކޮޅަށް ދޮގު ބަޔާންދިނުމުން ރައީސް ސޯލިހަށް އެކަން ކުރެވޭގޮތެއްނުވިއެވެ.
އެހެންވެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދިނީއެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުނުކުރިނަމަ 155 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާއިން ނޫމަޑިއަށް ދޭންޖެހޭނެއެވެ.
ކޮރަޕްޝަންގެ އަމަލެއް ހިންގަން ތިމަން މަނިކުފާނު ޖާގައެއް ނުދެއްވާނެ ކަމަށާއި ތިމަން މަނިކުފާނަކީ ކޮރަޕްޝަނާ ދެކޮޅު ބޭފުޅެއް ކަމަށް މުއިއްޒު ކިޔަންމެ ވަރަކަށް ވިދާޅުވިޔަސް އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނެއްކަން މިކަމުން ވެސް އެނގި ހާމަނުވޭތޯއެވެ.
ރައީސް މުއިއްޒު އަކީ މުޅި ރާއްޖޭގެ ތާރީޚުގައި ދިވެހިން ދުށް އެންމެ ކޮރަޕްޓް ރައްޔިތެވެ. އަދި މިއިން އެއްވެސް މައްސަލަ އެއް މުއިއްޒުގެ ބާރު ވެރިކަމުގައި އޮތް ހާދުވަހަކު ނުބެލެވޭނެއެވެ.