ޚަބަރު

ހުވާކުރާ ޖަލްސާއަށް ވެސް ނަޝީދުގެ މައްސަަލަ އެޖެންޑާކުރަން ޖެހޭ: އެމްޑީޕީ

ދިޔަވަރު
ހުވާކުރާ ޖަލްސާއަށް ވެސް ނަޝީދުގެ މައްސަަލަ އެޖެންޑާކުރަން ޖެހޭ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ މަސައްކަތް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވަައިދުގައި އޮތް މާއްދާ، އާ ރައީސް ހުވާކުރައްވާ ޖަލްސާއަށް ވެސް ފެތޭނެ ކަމަށް ސުޕްރީމްކޯޓުގައި އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް މަޖިލީހުގެ ނައިބުރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވެސް ކުރިއަށް ގެންދެވޭ ގޮތަށް މާނަކުރަން އެމްޑީޕީން ވަނީ ސުޕްރީކޯޓަށް މައްސަލައެއް ހުށަހަޅަައިފަ އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އާ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ވެސް ފުރަތަމަ ނަމްބަރަކަށް އޮންނަން ޖެހޭނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށެވެ. އޭނާ މިމޭރުމުން ޖަވާބުދެއްވީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ނުނިމި އޮތަސް އާ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާ ބޭއްވޭނެ ކަމަށް، ޝަރީއަތުގައި ދައުލަތުން ވަކާލާތު ކުރުމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުވާ ކުރާ ޖަލްސާގެ އެޖެންޑާގެ އެކަކަށް އެ މައްސަލަ ވާން ޖެހެނީ، މަޖިލީހުގެ ޖަލްސާއެއްގައި ކުރަން ޖެހޭ އެހެން ކަންކަން ކުރަން ވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ނިންމާފައި ކަމަށް ގަވައިދުގައި އޮންނާތީ ކަމަށެވެ.

ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މި މާއްދާ މާނަކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މިމާއްދާއަށް ފެތޭނީ ، މަޖިލީހުގެ ޖަލްސާއަކަށް އެ ގަރާރު ހުށަހެޅުމަށް ފަހުގަ އެވެ.

ކައުންސެލް ޖެނެރަލް ފިލްޒާއާއި، އަމީން އާންމު ނިއުޝާ، ޤާނޫނު މާނަ ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށެވެ.