ޚަބަރު

ދިއްދޫ އަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުރި ހެޔޮ މިސާލެއް، މުޅި ދިއްދޫގައި މުޒާހަރާގެ ފޯރި

ދިޔަވަރު
ދިއްދޫ އަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުރި ހެޔޮ މިސާލެއް، މުޅި ދިއްދޫގައި މުޒާހަރާގެ ފޯރި

ދިއްދޫ އަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުރި ހެޔޮ މިސާލެކެވެ. މުއިއްޒު 3 ވަނަ ބުރަށް ރަށްތަކަށް ދިޔައިރު، ހަށި ފޮޅާފަ ނުކުމެ، ރައްޔިތުންގެ ހައްޤުގައު ތެދުވާން ކެރުނު ރަށެވެ. ދިއްދޫ އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހެޔޮ މިސާލެކެވެ.

ރައީސް މުއިއްޒު ދައުލަތުގެ ފައިސާއިން ދަތުރުތައް ކުރަމުން ދަނީ، އެތައް މިލިއަނެއް ޚަރަދު ކުރަމުންނެވެ. ކުރަނީ އަމިއްލަ ކެމްޕެއިނެވެ. 31 ޖެނުައަރީގައި އޮތް މުޒާހަރާގެ ފޯރި ކެނޑުވޭތޯއެވެ. ރަށްރަށަށް އަރައި، ސަރުކާރު މުއައްޒަފުންނާއި ކުންފުނިތަކުގެ މުއައްޒަފުންނާއި، މާލެއިން ދާ ޓީމުގައި ތިބި 70 މީހުން އަތުރާލާފައި ރައްޔިތުންނަށް ދައްކަނީ ނެތް ސަޕޯޓެއް އޮތް މަންޒަރެވެ.

ދިއްދޫއަށް މުއިއްޒު ވެފައިވާ ވައުދުތައް ހުރީ އެވެ. އެއްވެސް ވައުދެއް ނުފުއްދައެވެ. ދެން މުއިއްޒު ދަތުރު ކުރި ރަށްރަށާއި، ދަތުރު ކުރަން ހުރި ރަށްރަށުގައިވެސް ހާލަތު ހުރީ މިހެންނެވެ. ރައީސް މުއިއްޒު ރަށްރަށަށް އަރާ ދޮގު ވައުދު ވުން ފިޔަވާ އެއްވެސް ކަމެއް ނުކުރެއެވެ.

މާލެ ވަޑައިގެން ކުރައްވާ ކަމަކީ ވައްކަމެވެ. ދައުލަތުގެ ބަޖެޓް ހުސްކޮށްލި އިރު، 55 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ސަރުކާރަކަށް ނުބުނެ ދެވުނެވެ. 55 ބިލިއަނަކީ ރާއްޖޭގެ ތާރީޚުގައި ވެރިކަން ކުރި ބަޔަކަށް ލިބުނު އެންމެ ބޮޑު ބަޖެޓެވެ.

ދިއްދޫ އިން ނުކުންނަނީ ތަކެތީގެ އަގު ބޮޑުވެގެންނެވެ. އެންސްޕާ ހުއްޓާލުމުންނެވެ. އާސަންދަ ލިބުމަށް ދަތިކޮށް، އާސަންދައިން ބޭސް ނުލިބެން ފެށުމުންނެވެ. ދިއްދޫއިން ނުކުންނަނީ ރައްޔިތުންގެ ކުރިމައްޗަށް އަރައި މުތުލަގަށް ދޮގު ހަދާ މަންޒަރު ބަލަން ބޭނުން ނުވާތީއެވެ. ދިއްދޫ އިން ނުކުންނަނީ އެމްއެމްޕީއާރުސީއިން ކުރި ވައްކަމާއި ނުބައްދަލު އެތައް ވައްކަމެއް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހޮވި ސަރުކާރުން ތަންމިނަށް ކުރަމުން ދާތީއެވެ.

މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ ކަންކަމެވެ. ދިއްދޫ އިން އެ ދައްކަނީ މިސާލެވެ. މި މިސާލުން، ފިލާވަޅު ލިބިގަންނަންވީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ރަށަކުންނެވެ. ދިއްދޫގައި ތިބީ ޑިމޮކްރަސީގެ ނަމޫނާ ރައްޔިތުންތަކެކެވެ.