ޚަބަރު

"ބަހުލޫލަށް" މަރުހަބާ ދެންނެވުމަށް ދިއްދޫގެ މިނިވަން ޖައްވު އޮތީ ފައްކާވެފަ!

ދިޔަވަރު
"ބަހުލޫލަށް" މަރުހަބާ ދެންނެވުމަށް ދިއްދޫގެ މިނިވަން ޖައްވު އޮތީ ފައްކާވެފަ!

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދިއްދޫގައި ޝުއޫރު ފާޅުކޮށްފާނެތީ އިންޒާރު ދީފައި ވަނިކޮށް، އެ ރަށު އެމްޑީޕީގެ މެންބަރުން، ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބެނާތައް ރޭ ދަމައިފި އެވެ.

އެ ބެނާތަކުގެ ތެރޭގައި "ދިވެހީންގެރާއްޖެ ވެރިޔަކަށް އިސްކުރެވުނީ ބަހުލޫލެއް" ކަމަށް ލިޔެފައިވާ ބެނާއެއް، ބަނދަރު މަތީގައި ދަމާފައިވެ އެވެ. އެ ބެނާ ހުރީ މިއަދު ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާތީ މަރުހަބާ ކިޔުމަށް ހަދާފައިވާ ގިޑިގޭގެ ތެރެއިން ރަށުތެރެއަށް އަންނައިރު މޫނުޖެހޭ ގޮތަށެވެ.

"ބަހުލޫލު" މަޝްހޫރު ވެގެން ދިޔައީ، ޑިސެންބަރު 10، 2024 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ހުށަހަޅައިދިން "ތީ ބަހުލޫލެކޭ" ލަވަޔަށް ފަހު އެވެ.

އެ ލަވައިގެ މައްސަލަ ތަހުގީގުކުރަން ނިންމައި، ޔަޝްފާ ޕޮލިހަށް ހާޒިރުވުމަށް ޑިސެމްބަރު 18 ގައި ފުލުހުން ޗިޓު ފޮނުވި އެވެ. ނަަމަވެސް ފާޑުކިޔުން އަމާޒުވުމުން، އެ ޗިޓު ކެންސަލްކުރި އެވެ.

ބަހުލޫލުގެ މާނައަކީ މަކަރުވެރިޔާ، ހީލަތްތެރިޔާ އެވެ.

ރައީސް މުއިއްޒަށް މަރުހަބާ ކިޔުމަށް ދިއްދޫ ބަނދަރު މަތި، ގައުމީ ދިދަ އާއި ގައުމީ ކުލަތައް ކަމުގައިވާ، ފެއްސާއި ރަތާއި ހުދުން ޒީނަތްތެރިކޮށްފައި ވާއިރު، އެމްޑީޕީގެ މެންބަރުން ނުކުމެ ދެމީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާންކޮށް ދިނުމާއި ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ފޮތިގަނޑުތަކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ދިއްދޫއަށް ވީ ވައުދުތައް

  • ބިން ހިއްކައިގެން އެއާޕޯޓެއް އެޅުން
  • ރައްޔިތުން އެދޭ ގޮތަށް މަގުތައް ހެދުން
  • ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުން
  • ބައިނަލްއަގުވާމީ މެޗްތައް ކުޅެވޭނެ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުން
  • ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން

މި ވައުދުތަކުގެ ތެރެއިން ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ފަށާނެ ދުވަހެއް ނޭނގޭތީ، "ދިއްދޫ އެއާޕޯޓު ވާނުވާގައި" ލިޔެފައިވާ ބެނާއެއް ދަމާފައިވެ އެވެ.

ދިއްދޫއަށް ވީ އެންމެ ބޮޑު ދެ ވައުދުކަމުގައިވާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫއު މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގައި ވެސް ހިމަނާފައެއް ނުވެ އެވެ.