ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު މަޤާމުން ވަކިކޮށްފި އެވެ.
ފަތުރުވެރިކަމުގެ ވަޒީރުގެ މަޤާމުން އޭނާ ވަކިކުރެއްވިކަން އަންގަވައި ރައީސް އޮފީހުން ފޮނުއްވި ރަސްމީ ލިޔުން ލިބިވަޑައިގަތީ މިއަދު ހެނދުނުކަމަށް ވިދާޅުވިއެވެ.
"މިއަދު އެ ލިޔުން ލިބުނީ. އެކަން ނިމިއްޖެ. މިހާރު މިއައީ ގެއަށް،" ފައިސަލް ކުރުކޮށް ވިދާޅުވިއެވެ.
ފައިސަލް މަޤާމުން ވަކިކުރެއްވުމާ ގުޅިގެން، ފަތުރުވެރިކަމާބެހޭ މިނިސްޓްރީގެ ވަގުތީ ހިންގުމުގެ ޒިންމާ ވަނީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާ ހަވާލުކުރައްވާފައެވެ.
މި ކުއްލި ބަދަލު އައިސްފައިވަނީ، ފައިސަލްގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ދެމެދު ސިޔާސީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ސަރުކާރުގެ އެހެން ބައެއް ވަޒީރުންނާއި ފައިސަލްއާ ދެމެދުގައިވެސް ވަނީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ.
ފައިސަލް އާއި މައްސަލަ ގޯސް ވެފައިވަނީ، ޕާޓީއަށް ވަގު ފޯމުތައް ވެއްދި މައްސަލާގައި ހޯމް މިނިސްޓަރ އިހްސާންގެ ދައުރު އޮތް ކަން ދެނެގަނެވޭ ވަރުގެ ހެކީގެ ގޮތުގައި ބެލެވޭ ފޮޓޯތަކެއް ސޯޝަލް މީޑިޔާއަށް ލީކް ވުމާއި ގުޅިގެންނެވެ. ރައީސް މުއިއްޒު ބައިވެރި ވަޑައިގެން ހިންގެވި މި ޖިނާޢީ ކުށް (ސޮއެ ފޯޖު ކުރުމާއި، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއި، ޑީއެންއާރު ޑާޓާބޭސްގައި ހުރި ފޮޓޯތައް ނަގައި އޭއައި އިން ބަދަލު ކޮށް ޕްރިންޓް ކުރުމާއި، އިނގިލީގެ ނިޝާން ފޯޖް ކުރުން) އާންމުންނަށް ހާމަ ވެގެން ދިޔުމަކީ ރައީސް މުއިއްޒު އެކަމުގައި ފައިސަލް އާއި މެދު އިންތިހާއަށް ރުޅި އައި ސަބަބު ކަމަށް ބުނެވެއެވެ.
އިހްސާން އަކީ އާންމުންގެ އެއްވެސް ތާޢީދެއް ވޯޓެއް އޮތް މީހެއް ނޫނެވެ. އަދި އާންމުން ގަޔާވާ އެއްވެސް ސިފައެއް ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް އިހްސާނުގެ ބައްޕަ މަޖިލީހުގައި އިނުމުން، މުއިއްޒު ބަލަނީ އިހްސާން އަކީ ވަރަށް ތާޢީދު އޮތް މީހެއް ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އިހްސާން މުއިއްޒުއާއި ގާތްކަން އުފައްދާފައިވަނީ އޭނާ ބަދަލުކޮށް ހުށައަޅާ އިންޓެލް ރިޕޯޓް ތައް މެދުވެރި ކޮށެވެ. ވަޒީރުން އިހްސާން އެ ޖައްސަވާ ސަކަރާތް ޖަހާނެތީވެ، ރައީސް ޔާމީން ސަރުކާރުން ވަނީ، އިންޓަލިޖެންޓް ހެޑް ލައްވައި ނޫނީ އިންޓެލް މައުލޫމާތު ރައީސް އާއި ހަމައަށް ނުގެނެވޭ ގޮތް ހަދާފައެވެ. އެކަން ވެސް އޮތްގޮތުން ބޭރުން ކުރަމުން ދަނީ ނާގާބިލް މުއިއްޒު އެވެ. މިހާރު މުއިއްޒުގެ ކޮންޓްރޯލް ވެރިކަމުގެ މައްޗަށް އޮތް ވަރާއި މެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިހްސާން ބޭނުންވާ އިރަށް މިނިސްޓަރުން ވަކި ކުރެވޭ ހާލަތަށް ކަންކަން ދިޔާމާ މުއިއްޒަކީ ދެއުޅިއެއް ނުވާ ނާގާބިލު ބޮލެއް ކަން ރައްޔިތުންނަށް ދަނީ ސާފުވަމުންނެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް މިއަދު ވަކި ކުރެއްވި އިރު، އޭނާ ރަސްމީ ދަތުރުތައް ކުރުން ހުއްޓާލަން ރައީސް އޮފީހުން އެންގި ކަމަށް ބުނެ ވާހަކަ ދެކެވިފައިވެ އެވެ.
ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ.