މި ސަރުކާރުގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު އެ މަގާމުން ވަކިކުރެއްވި ނަަމަވެސް ކުރިއަށް އޮތްތަނުގައި ސިޔާސީ މަސައްކަތްތަކުން މާ ގަދަކޮށް ފެންނާނެކަމަށާއި، އަދި މިހާރު މިހިރީ ސަރުކާރާއި އެކުގައި ނޫން ކަމަށް މިއަދު އޭނާ ވިދާޅުވެއްޖެއެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން ވާހަކަަދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާއަށް މަގާމުން ވަކިކުރިކަމުގެ ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ. ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް މަގާމުން ވަކިކުރީ ކީއްވެކަން ބުނެދީފައިނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ސިޔާސީ ގޮތުން ދެން ކުރިއަށްދާނެ ވަކި ގޮތެއް ނިންމަވާނީ ބައްޕާފުޅު އަބްދުއްރަހީމާ ވެސް މަަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ސިޔާސީ މަސައްކަތުގައި މިއަށްވުރެ ގަދަޔަށް ފެންނާނެ. މިހާރު ދެން މިހުރީ ސަރުކާރާ އެކުގައެއް ނޫން ދެއްތޯ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވަޒީރެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވެސް ސިޔާސީ ހަރަކާތަކުން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.