އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް މިއަދު ޓުއަރިޒަމް މިނިސްޓަރުކަމުން ވަކި ކުރުމަށްފަހު, މަޖިލިސް ރައީސް އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމަށް, އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ރައީސް މުއިއްޒު އަންގަވައިފިއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން, ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީގެ މެމްބަރަކު ވިދާޅުވި ގޮތުގައި, އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް މިއަދު ހެނދުން ފެށިގެން ކުރިޔަށް އެބަ ދާކަމުގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ވަގުތެއްގައި އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މުއިއްޒު ވަނީ އަންގަވާފައެވެ.
އެހެންނަމަވެސް މައްސަލަ މަޖިލިހަށް ވެއްދުމަށް ހަމަޖެހިފައިވާ ދުވަސް އޭނާ ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކު ހުށައަޅާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ސޮޔެއެވެ. މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮވެއެވެ. މަޖިލީހުގެ ރައީސް މަޤާމުން ވަކިވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންކަމަށްވެސް މަޖިލީހުގެ ޤަވާއދިގައިވެއެވެ.
"ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެފައިވާ ގޮތުގައި ފައިސަލް މަގާމުން ވަކިކޮށްފައިވަނީ ހޯމް މިނިސްޓަރުކަމުގައި ހުންނެވި އަލީ އިހުސާން މުއިއްޒުއާއި ހަމައަށް ގެންގޮސްފައިވަ އިންޓެލިޖެންސް މައުލޫމާތުތަކަށް އިތުބާރު ކޮށްފައެވެ.
ހަގީގަތާއި ޚިލާފް ދޮގު މައުލޫމާތު ފޯރުކޮށްދީގެން އިހުސާން ދަނީ އޭނާ ސަރުކާރުން ބޭރު ކުރަން ބޭނުންވާ މީހުން މަގާމްތަކުން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މުއިއްޒުގެ އަރިހަށް އިހުސާން ގެންދަވާ ފޭކް އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރުކޮށް މުއިއްޒު ގެންދަވަނީ އިހުސާން ދޭ ރިކޮމެންޑޭޝަންތަކަށް ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތައް މަގާމްތަކުގެ ޒިންމާތަކުން އެކަހެރި ކުރަމުންނެވެ.
އެހެންނަމަވެސް މުއިއްޒުއަށް އަދި މިހާތަނަށް ވަޒަން ނުކުރެވި އޮތްކަމަކީ, އިހުސާންއަކީ ވެރިކަމުގެ ހުވަފެން ދެކެމުން އަންނަ ފަރާތެއް ކަމެވެ. މުއިއްޒުއަށް ދެވަނަ ދައުރެއްގެ ހުވަފެން އިހުސާން ދައްކަމުން އައި ނަމަވެސް, އިހުސާންގެ ހަގީގީ އެޖެންޑާއަކީ ސިޔާސީގޮތުން މުއިއްޒު ބަލިކަށި ކުރުން ކަމެއްވެސް މުއިއްޒުއަށް ވަޒަން ކުރެވިފައެއް ނުވެއެވެ.
ހަގީގަތުގައިވެސް މުއިއްޒު ހުންނެވީ އަވާ މެންދުރެއްގައެވެ. އިހުސާން ހައްދަވާ އިންޓެލިޖެންސް ރިޕޯޓުތަކުގެ އަވާގައި ޖެހިފައެވެ. އޭނާގެ އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރުކޮށް, ސަރުކާރުގެ ތެރޭގައި ތިއްބެވި, އެތައް ޒަމާނެއްވަންދެން ޕީޕީއެމްގެ ފިކުރުގައި ތިބި އެތައް ބައެއް މުއިއްޒު ގެންދަވަނީ ބާކީ ކުރަމުންނެވެ.
ޕީޕީއެމްގެ ހަގީގީ ފިކުރާއި ބީރައްޓެހި, ސިޔާސީ އެއްވެސް ތަޖުރިބައެއް ނެތް, ”އީގޯ“ އެހާމެ ބޮޑު, ހޯމް މިނިސްޓަރު އިހުސާންގެ ކެހިވެރި މަޅީގައި ޖެހި މުއިއްޒު އެ ގެންދަވަނީ އޭނާ ސިޔާސީ ހަޔާތުގައި ކޫރުން އަޅަމުންނެވެ. މުއިއްޒުގެ ނިމުން އަންނަމުންދާގޮތް ކެތްތެރިކަމާއެކު ބަލަން ތިބެމާތޯއެވެ.