ޚަބަރު

މުއިއްޒު ދެކެ ލޯބިވި، ޝަމްނާޒްގެ އާއިލާގެ ދުރުތާ ތިމާގެ މީހުންވެސް ސަރުކާރު މަގާމުތަކުން ވަކިކޮށްފި

ދިޔަވަރު
މުއިއްޒު ދެކެ ލޯބިވި، ޝަމްނާޒްގެ އާއިލާގެ ދުރުތާ ތިމާގެ މީހުންވެސް ސަރުކާރު މަގާމުތަކުން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ސިހުރު ހެދުމުގެ ތުހުމަތުގައި, އަދި ލޯބި ވުމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހު ހައްޔަރުކުރި، ތިމާވެށީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ރަސްމީކޮށް މަގާމުން ވަކިކުރި ލިޔުން ފޮނުވައި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އޭނާގެ އާއިލާގެ މެންބަރުންވެސް ވަކިކޮށްފައިވެއެވެ.

ޝަމްނާޒް މަގާމުން ވަކި ކުރިއަސް މިހުރިހާ ދުވަހެއް ވީއިރު ރަސްމީކޮށް އެކަން އޭނާ އަށް އަންގާފައި ނުވެއެވެ.

މި ނޫހަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، މަގާމުން ވަކިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޝަމްނާޒްގެ ދެ ކޮއްކޮއެވެ. އެއީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި، ފޮރިން މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ދެ ކޮއްކޮގެ ތެރެއިން އެކަކު ވަނީ ސިހުރުގެ މައްސަލައިގައި ޝަމްނާޒާއެކު ހައްޔަރުކުރެވިފައެވެ. ނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަކަށް ދަޢުވާއެއް އުފުލިފައެއް ނުވެއެވެ.

މި ހުރިހާ ފަރާތެއްވެސް މަގާމުން ވަކިކުރެވިފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މީގެއިތުރުން، ރައީސް މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްވެސް މަގާމުން ވަކިކުރައްވާފައެވެ. އެހެންނަމަވެސް، ފައިސަލް ވަކިކުރެއްވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.