އެމްޑީޕީގެ ވެރިކަން ނިމެންދެންކަހަލަ ގޮތަކަށް ސިޔާސީ މަގާމުގައި ހުރުމަށްފަހު, މިސަރުކާރު ވެރިކަމަށް އައުމާއެކު މިސަރުކާރުންވެސް ސިޔާސީ މަގާމް ހޯދައިގެން, ހުރިހާ ސަރުކާރަކަށްވެސް "ގުލާނު" ކޮށްދެމުންދާ ލޫކަސް ޖަލީލަށް ލިބެމުންދާ 25,000 ރުފިޔާގެ އިނާޔަތް ކެނޑިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ލޫކަސް ޖަލީލަށް ލިބެމުންދާ އިނާޔަތް ކެނޑިދާނެކަމުގެ ބިރު ހީވެފައިވަނީ, އޭނާ ޕްރޮމޯޓު ކުރަމުންދިޔަ މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބުރާހިމް ފައިސަލް މިއަދު މަގާމުން ވަކިކުރުމާއެކުއެވެ.
ފައިސަލް މަގާމުން ވަކިކުރުމަށްފަހު މުއިއްޒުވަނީ, ފައިސަލްގެ ބައްޕަ އަދި މަޖިލިސް ރައީސް އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އަމުރު ކޮށްފައެވެ.
ލޫކަސް ޖަލީލު ދިރިއުޅުމަށްޓަކާ ސަރުކާރުން ދަނީ އޭނާއަށް މަހަކު 25,000 ރުފިޔާ ދެމުންނެވެ. އޭނާގެ މަސައްކަތަކަށް ހަމަޖައްސާފައިވަނީ ރައީސް މުއިއްޒުއަށް ސަނާކިޔާ ޓުވީޓް ކުރުމާއި, އޭގެ އިތުރުން އަދުރޭގެ ދަރި, އިބުރާހިމް ފައިސަލް ޕްރޮމޯޓުކޮށް ޓުވީޓު ކުރުމެވެ.
އެހެންނަމަވެސް ފަހަކަށް އައިސް އޭނާ ރައީސް މުއިއްޒުއަށް ސަނާ ކިއުމުގެ ބަދަލުގައި މުޅިންވެސް ޕްރޮމޯޓު ކޮށްފައިވަނީ ފައިސަލްއެވެ.
ލޫކަސްގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރު ނިމެންދެން ސިޔާސީ ވަޒީފާއެއްގައި ހުރި ސިމްވާރަށްވެސް މިސަރުކާރުން ވަނީ ސްރީލަންކާގެ އެމްބަސީން ވަޒީފާއެއް ހަމަޖައްސާ ދީފައެވެ. ފައިސަލް މަގާމުންވަކިކޮށް, ލޫކަސް ޖަލީލުގެ އިނާޔަތް ކެނޑިދާނެކަމުގެ ބިރު ހީވެފައިވާއިރު, ސިމްވާރުގެ ވަޒީފާވެސް ގެއްލިދާނެކަމުގެ ބިރު ވަނީ މިހާރު ހީވެފައެވެ.
މި ފަރާތްތަކަކީ ކޮންމެ ވެރިކަމެއްގައިވެސް ސިޔާސީ އިސް ބައެއް ފަރާތްތަކަށް ގުލާނުކޮށްދީގެން ލިބޭ ފައިސާ ކޮޅަކުން ދިރިއުޅެމުންދާ މީހުންނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި މި މީހުން ދިރި އުޅެފައިވަނީ ރައީސް ނަޝީދަށް ސަނާ ކިޔާތީ, އޭރު ރައީސް ނަޝިދު ދިން ފައިސާގެ އެގީތެރިކަމުގައެވެ. އެއަށްފަހު ރައީސް ސާލިހުގެ ވެރިކަމުގައި ދެ ފަރާތަށްވެސް ސިޔާސީ ވަޒީފާ ދީފައި ވެއެވެ.
އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ހަމަވަންދެން މުސާރަ ނަގަން ތިބުމަށްފަހު ލޫކަސްއާއި ސިމްވާރު ވަނީ, ދައުރު ހަމަވަންދެން "މުސާރަ ކެއުމަށްފަހު" ދައުރު ނިމެން ކައިރިވީމަ ވަޒީފާއިން ވަކިވެ ޑިމޮކްރެޓްއާއެކު މަސައްކަތް ކޮށްފައެވެ. އެއަށްފަހު, ރައީސް މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން, މިސަރުކާރުގެ ސިޔާސީ އިސް ފަރާތްތަކުގައި އާދޭސްކޮށްގެން މިހާރު ލޫކަސްއާއި ސިމްވާރު ދިރިއުޅެމުންދަނީ މި ސަރުކާރުގެ ސިޔާސީ އިސް ފަރާތްކުން ދޭ ފައިސާއިންނެވެ.