ޚަބަރު

ސިޔާސީކޮށް އިންޓެލް ރިޕޯޓް ހަދައިގެން މުއިއްޒު ނަފްސާނީ ބިރުވެރި ކަމަކަށް ވައްޓާލައި، ޝައްކު ބަލި ޖެއްސީ އިހްސާން!

ދިޔަވަރު
ސިޔާސީކޮށް އިންޓެލް ރިޕޯޓް ހަދައިގެން މުއިއްޒު ނަފްސާނީ ބިރުވެރި ކަމަކަށް ވައްޓާލައި، ޝައްކު ބަލި ޖެއްސީ އިހްސާން!

ސިޔާސީ މަޤްޞަދު ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށައަޅާ، އިންޓެލް ރިޕޯޓް ހަދައިގެން މުއިއްޒު ނަފްސާނީ ބިރުވެރި ކަމަކަށް ވައްޓާލައި، ޝައްކު ބަލި މުއިއްޒަށް ޖައްސާފިއެވެ.

ދައުލަތުގެ އެންމެ އިސް މަޤާމުތަކަށް ބަލާއިރު، ކޮންމެ ސަރުކާރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާއާ އެންމެ ގާތުން މަސައްކަތްކުރާ އަދި އެންމެ ގިނައިން މަޝްވަރާކުރަންޖެހޭ އެއް ވަޒީރަކީ ހޯމް މިނިސްޓަރެވެ. ޤައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެންމެހައި ކަންކަމުގައި ދުވަހުން ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވައި، އިރުޝާދު ހޯއްދަވަންޖެހޭ މަޤާމަކަށްވުމުން، ހޯމް މިނިސްޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަވަސް އަދި ގިނަ އެޕޮއިންޓްމަންޓްތައް ލިބިވަޑައިގަންނަވާ އެއް ވަޒީރެވެ.

ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ގައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމާއި އެންމެ ބޮޑަށް ގުޅުން އޮންނަ މުވައްސަސާއަށް ވީމައެވެ. ސިޔާސީ އަދި ޙުކޫމަތް ހިންގުމުގެ ނަޒަރިއްޔާތުން މިނިސްޓްރީގެ ދައުރު މާނަކުރެވެނީ ދައުލަތުގެ ސިޔާދަތާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައެވެ. މިގޮތުން، ދައުލަތުގެ އަސާސީ އުސޫލުތަކާއި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމުކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ މިނިސްޓްރީގެ ޤާނޫނީ ޒިންމާއެކެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދައުލަތުގެ ސަލާމަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހިމެނެއެވެ.

މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަސްއޫލިއްޔަތަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އިންޓެލިޖެންސް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމީ ޒިންމާއެވެ. މި މަޤާމުގެ ޒާތުން، ހޯމް މިނިސްޓަރަކީ ވެރިކަމުގެ ނިޒާމުގައި މަޢުލޫމާތުގެ މަސްދަރެއްގެ ގޮތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަރާތެކެވެ. މި މަސްއޫލިއްޔަތުގެ ސަބަބުން، ދައުލަތުގެ އެންމެ އިސްވެރިޔާއާ ދެމެދު ޤާއިމުކުރެވޭ އިދާރީ ގުޅުމަށް ދެވޭ ވަގުތަކީ, ވަރަށް ފަސޭހައިން ހޯމް މިނިސްޓަރގެ ސިޔާސީ ނުފޫޒު ނާޖާއިޒް ގޮތުގައި އިތުރުވުމަށް ބޭނުން ކުރާ ފުރުޞަތަކަށް ހެދެއެވެ.

ދިވެހިރާއްޖޭގެ ފާއިތުވި ސަރުކާރުތަކުން ލިބޭ ތަޖުރިބާއަށް ބަލާއިރު، އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުމުގައި ދިމާވެފައިވާ އިދާރީ މައްސަލަތަކުގެ ދެ މުހިންމު މިސާލެއް ފާހަގަކުރެވެއެވެ. ފުރަތަމަ މިސާލަކީ ރައީސް ވަހީދުގެ ވެރިކަމުގައި، ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ކާނަލް ނާޒިމް، ހުށަހެޅުއްވި ނުސާބިތު އިންޓެލިޖެންސް ރިޕޯޓުތަކަށް ބަރޯސާވެވަޑައިގަތުމުގެ ސަބަބުން ދިމާވި ސިޔާސީ ހީނަރުކަމެވެ. އަނެއް މިސާލަކީ، ޖެހިގެން އައި ރައީސް ޔާމީންގެ ވެރިކަމުގައި މި މައްސަލަ ޙައްލުކުރެއްވި ގޮތެވެ. ރައީސް ޔާމީން އިންޓެލިޖެންސް މަޢުލޫމާތު ސީދާ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިންގެ ފަރާތުން ހޯއްދެވުމަށް ނިންމެވުމާއެކު، މިނިސްޓަރެއްގެ ސިޔާސީ ނުފޫޒުން ސަލާމަތްވެވަޑައިގަތެވެ. މި ދެ ތަފާތު އުސޫލުގެ ނަތީޖާއަށް ބަލާއިރު، އިންޓެލިޖެންސް މަޢުލޫމާތު އެއް މަސްދަރަކަށް ބަރޯސާވުމުގެ ނުރައްކާތެރިކަން ވަރަށް ސާފުކޮށް ފެންނަން އޮތެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގެ ސަލާމަތީ ނިޒާމުތަކަށް ބަލާއިރު، އެއްވެސް ޤައުމެއްގައި އިންޓެލިޖެންސް މަޢުލޫމާތު އެއް މިނިސްޓަރެއްގެ އަތްމައްޗަށް އެކަނި ދޫކޮށްލާފައެއް ނުހުރެއެވެ. މިސާލަކަށް، އެމެރިކާގެ ރައީސަށް އިންޓެލިޖެންސް މަޢުލޫމާތު ލިބިވަޑައިގަންނަވަނީ ސީދާ ސީ.އައި.އޭ، އެފް.ބީ.އައި، އަދި ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ ފަރާތުންނެވެ. ހަމައެހެންމެ، ބްރިޓިޝް ބަންޑާރަނައިބު (ހޯމް ސެކްރެޓަރީ) އަށްވެސް އެމް.އައި.5 އާއި އެމް.އައި.6 ގެ ރިޕޯޓުތައް ސީދާ ބަންޑާރަނައިބުގެ އަތްޕުޅަށް ގެންދިއުމުގެ ބާރެއް ނޯވެއެވެ. އިސްރާއީލްގައި މޮސާޑްގެ ރިޕޯޓުތައް ބަލަހައްޓަނީ ސީދާ ޕްރައިމް މިނިސްޓަރުގެ އޮފީހުގެ ދަށުން ވަކި ޚާއްސަ ކޮމިޓީއަކުންނެވެ.

މިފަދަ ގައުމުތަކުގައި އިންޓެލިޖެންސް މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ގިނަ ފަރާތްތަކެއް ޝާމިލުވާ "މަލްޓި-ލޭޔަރޑް" ނިޒާމެއް ޤާއިމްކޮށްފައި ހުރެއެވެ. މިއީ ވަކި މީހެއްގެ ނުވަތަ ވަކި ފަރާތެއްގެ ނުފޫޒަށް ޤައުމުގެ ސަލާމަތީ ނިޒާމު ހުޅުވާނުލުމަށް ކުރެވިފައިވާ ކަމެކެވެ. ރާއްޖޭގައި ހިނގާފައިވާ ތަޖުރިބާއިން ދައްކައިދެނީ، މިފަދަ ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކެވެ. ދިވެހިރާއްޖެއަށް މިހާރު ބޭނުންވެފައި މިވަނީ، އިންޓެލިޖެންސް މަޢުލޫމާތު ބެލެހެއްޓުމާއި، ހިއްސާކުރުމުގެ ހަރުދަނާ، ޕްރޮފެޝަނަލް އަދި މިނިވަން ނިޒާމެއް ޤާއިމްކުރުމެވެ.

މިއިން އެއްވެސް ކަމެއް ދެނެގަނެ އެކަމެއް ރަނގަޅު ކުރުމުގެ ގާބިލިއްޔަތެއް މުއިއްޒުގެ ކިބާގައި ނެތް ނެތުމަކީ، އޭނާގެ ވެރިކަމުގެ މައްޗަށް ހޯމް މިނިސްޓަރ އިހްސާން ވެރިވެ، ވޯޓު ލައިގެން ރައްޔިތުން ވެރިކަމަށް އައްޔަން ކުރިމީހާގެ ހުކޫމަތެއް ނުހިނގުމެވެ.

އިންޓެލިޖެންސް ރިޕޯޓުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި، އެންމެ ފުރަތަމަ ކަމަކަށް މަޢުލޫމާތު އެއްކުރާ ފަރާތްތަކާއި، އެ މަޢުލޫމާތު ދިރާސާކޮށް ތަޙްލީލުކުރާ ފަރާތްތަކާއި، އަދި އެ މަޢުލޫމާތު ރިޕޯޓުކުރާ ފަރާތްތަކަކީ ވަކިވަކި މުސްތަޤިއްލު ފަރާތްތަކަކަށް ވާންޖެހެއެވެ. މީގެއިތުރުން، ކޮންމެ މަޢުލޫމާތެއްގެވެސް މަސްދަރު ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަދި މި މަޢުލޫމާތު ކްރޮސްޗެކްކޮށް ވެރިފައިކުރުމަށް އެހެން މަސްދަރުތަކުން ލިބޭ މަޢުލޫމާތު ބޭނުންކުރަންވާނެއެވެ. އިންޓެލިޖެންސް ރިޕޯޓުތަކުގައި ހިމެނޭ މަޢުލޫމާތުގެ ފެންވަރާއި ސައްޙަކަން ބެލުމަށް ވަކި މިނިވަން އޮޑިޓް ކޮމިޓީއެއް އޮންނަންވާނެއެވެ. މި ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ ތަޖުރިބާކާރު، ޕްރޮފެޝަނަލް އަދި ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ ބައެއް ކަމުގައި ވާންޖެހެއެވެ. އަދި ހަމައެއާއެކު، އިންޓެލިޖެންސް ރިޕޯޓުތަކުގައި ހިމެނޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ޚާއްސަ ސެކިއުރިޓީ ޕްރޮޓޮކޯލްތަކެއް އެކުލަވާލެވި، އެ ޕްރޮޓޮކޯލްތަކަށް ޢަމަލުކުރެވެމުންދާކަން ކަށަވަރުކުރަންޖެހެއެވެ. މިހުރިހާ ކަމެއް ހިމެނޭގޮތަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވި، އެ އޮނިގަނޑުގެ ދަށުން އިންޓެލިޖެންސް ރިޕޯޓިންގ އާއި ގުޅޭ އެންމެހައި ކަންކަން ހިނގަމުންދާކަން ކަށަވަރުކުރަންޖެހެއެވެ.

އެހެން ނޫނީ ރައީސް މުއިއްޒު އުޅުއްވަން ޖެހޭނި ހިޔަންޏަށް މުޑި ނެގުމުގައެވެ. ވެރިކަމުގެ ނިޒާމީ އަދި ހިންގުމުގެ ތަޖުރިބާއާއި ޤާބިލުކަން އެއްވެސް ވަރަކަށް ނެތް، ހަނގުރާމަވެރި އަސްކަރީ ވިސްނުން ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް، ވެރިކަމުގެ ދަހިވެތިކަމުގައި ހުރި އިޙްސާނު ފަދަ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ނަތީޖާއަކީ، ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، ރައްޔިތުންނަށް އަނިޔާވެރި ފިޔަވަޅުތަކެއް އެޅިގެންދިޔުމެވެ. މި މަންޒަރު މިދަނީ ފެންނަމުންނެވެ. މުއިއްޒުގެ ވެރިކަން ބަލިކަށިވެ، ނިކަމެތި ވަމުންދާ މަންޒަރެވެ. ސިންގާ ޝިކާރަ ކުރުމުގެ ކުރިން ޝިކާރައަށް ވާ ޖަނަވާރު، އޭގެ އެކުވެރިން ކައިން ނެރެ އެކަނިވެރި ކުރާ ގޮތަށް މުއިއްޒު އެކަނިވެރި ކުރަމުންދާ މަންޒަރެވެ.

މި ޒަމާނުގައި ފޭކް ވީޑިޔޯ ހެދެއެވެ. ފޭކް ފޮޓޯ ހެދެއެވެ. ފޭކް ނުކުރެވޭ އެއްވެސް އެއްޗެއް ނެތެވެ. މިއީ އޭއައިގެ ޒަމާނެވެ. މުއިއްޒަށް ދައްކާ އިންޓެލް ރިޕޯޓް ތަކާއި މެދު އެއްވެސް ވެރިއަކު ސަމާލު ނުވާ ވަރަށް މުއިއްޒު ސަމާލުވާން ޖެހެއެވެ.

ސިޔާސީ ވަކި ކަމެއް ހާސިލް ކުރަން ވަކި މީހަކު ދުއްވާލަން ހޯދާ އިންޓެލް އެކަމަށް މަގުފައިވާ ގޮތަށް ނޫނީ ނުފެންނާނެއެވެ. އެއް ވަކި ނަޒަރަކުން އަދި ވަކި މަޤްޞަދެއް ހާސިލްކުރުމަށް އެއްކުރެވޭ އިންޓެލިޖެންސް މަޢުލޫމާތަކީ އޭގެ ޒާތުގައި ބައަސްކޮށް، ޙަޤީޤަތް އޮޅޭގޮތަށް އެއްކުރެވޭ މަޢުލޫމާތަކަށް ވެގެންދެއެވެ. މިއީ "ކޮންފަރމޭޝަން ބައިއަސް" ގެ ވަރަށް ރަނގަޅު މިސާލެކެވެ. އެބަހީ، މީހަކު ދުއްވާލަން ބޭނުންވާ ފަރާތަކާ ދެކޮޅަށް ހެކި ހޯދަން ފެށުމުން، އެ އިންޓެލިޖެންސްގެ ސަމާލުކަން ހުންނާނީ ހަމައެކަނި އެކަމާ ގުޅޭ ނޭދެވޭ ކަންކަން ފާހަގަކުރުމަށެވެ. އަދި އިންޓެލިޖެންސަށް ފެންނަ ކޮންމެ ކަމެއްވެސް އެ "ނަޒަރަށް" ބެލި، އަސްލު ގެއްލޭ ގޮތްވެއެވެ.

އެހެން ކަމުން ޤައުމަށް އަންނަ ވެރިން މިކަންކަމަށް ރިއާޔަތްކޮށް، ހިކްމަތްތެރިކަމުގެ އަމަލީ އުސޫލުން ކަންކަން ކުރަން ޖެހެއެވެ. މުއިއްޒަށް ވެފައިވާހެން، ސިޔާސީ އިންޓެލް ރިޕޯޓުން ވެރިކަން ވައްޓާލަފާނެ ކަމުގެ ބިރުވެރިކަން ދައްކައިގެން، ޝައްކު ބައްޔަށް ޕޮޒިޓިވްކޮށް ދޫކޮށްލީމާ، އަމިއްލަ އަތުން ވެރިކަން ކަފުން ކޮށް ނިންމާއިރުވެސް، ހޭ ބުއްދިއަށް ނާންނާނެއެވެ. ނާގާބިލު ވެރިން ހޮވީމާ، ރައްޔިތުން ނިކަމެތިވެ، ޤައުމު ހަފުސްވެ މިދަނީއެވެ.