އަބްދުއްރަހީމް މީޑިޔާ އާއި އިތުރަށް ވާހަކަ ދެއްކުން މަނާކޮށް، މުއިއްޒު އަންގައިގެން އޭނާ ހައިޖެކް ކޮށްގެން ގެއަށް ގެންގޮސްފި ކަމަށް ދިޔަވަރު ނޫހަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދީފިއެވެ.
އޭނާގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވުމާ ގުޅިގެން ދެއްވި އިންޓަވިއުއިން ސަރުކާރަށާއި ޕާޓީއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި، މީޑިއާއަށް އިތުރު ވާހަކަފުޅު ނުދެއްކެވުމަށް މުއިއްޒު ވަނީ އަންގާފައެވެ. އަދި އެގޮތަށް ޢަމަލުނުކުރައްވައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.
މި މައްސަލައިގައި އަބްދުލްރަހީމްގެ ބަސްފުޅެއް ހޯދުމަށް ނޫސްވެރިން ކުރި ގިނަގުނަ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އޭނާ ރާއްޖެ ވަޑައިގެންނެވި އިރު، ވެލާނާ އެއަރޕޯޓުގައި ތިބި ނޫސްވެރިންނާއި އޭނާ އާއި ބައްދަލު ނުވާނޭހެން ބަޔަކު ވަނީ އަބްދުއްރަހީމް ހައިޖެކް ކޮށްގެން ވަޑައިގެންފައެވެ. މިހެން މިކަން ކޮށްފައި ވަނީ މީޑިޔާއާއި އޭނާ ބައްދަލު ކުރުން މުއިއްޒު މަނާކޮށްފައި އޮތުމުންނެވެ.
އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ ގުޅިގެން، މެލޭޝިއާގައި ހުންނަވައި 'ދައުރު' ނޫހަށް ދެއްވި އިންޓަވިއުގައި އަބްދުލްރަހީމް ވިދާޅުވެފައިވަނީ، ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ ރައީސް މުއިއްޒު "ވަރަށް ދެރަވަރުކޮށް" ކުރެއްވި ކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒުއާ އޭނާއާ ދެމެދު ގުޅުން ރަނގަޅުނަމަ، މިފަދަ ފިޔަވަޅެއް ނާޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.