ކްރޫޒްލައިން ޓާމިނަލް، ބަންކަރިން ޚިދުމަތް، އަދި ޗައިނާގެ ކުންފުނިތަކަށް ދީފައިވާ އެހެން ރާއްޖޭގެ އެހެން ޕްރޮޖެކްޓްތަކަށް ވެސް އެ ޤައުމުގެ ބޭންކުތަކުން ލޯނު ނުދޭން ނިންމައިފިއެވެ.
މި ޕްރޮޖެކްޓްތައް ޗައިނާގެ ކުންފުނިތަކަށް ރައީސް މުއިއްޒު ދީފައިވާތާ އަހަރެއް ވަމުން ދާއިރު، މިއިން އެއްވެސް ޕްރޮޖެކްޓެއް ފަށާފައި ނުވަނީ އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ޗައިނާގެ ބޭންކު ތަކުން ޗައިނާގެ ކުންފުނިތަކަށް ނުދީގެން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޗައިނާގެ ކުންފުނިތަކަށް ލޯނު ނުދިނުމަށް ޗައިނާގެ ބޭންކު ތަކުން ނިންމާފައިވަނީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން، ބޭންކުން ދޫކުރާ ލޯނު ޗައިނާގެ ކުންފުންޏަށް ނުދެއްކޭ ހާލަތުގައި، ރާއްޖެއިން އެފައިސާ ހޯދޭނެ ފަދަ މާލީ ހާލަތެއް ރާއްޖޭގައި ނެތުމުންނެވެ.
2026 ވަނަ އަހަރު ޗައިނާ އަށް އެކަނި 1.52 ބިލިއަން ޑޮލަރާއި މުއިއްޒުގެ ސަރުކާރުން ދައްކަން ޖެހެއެވެ. މީގެ އިތުރުން 500 މިލިއަން ޑޮލަރުގެ ސްކޫކް ބޮންޑެއްވެސް 2026 ގައި ސަރުކާރުން އަދާކުރަން ޖެހެއެވެ.
ދެވަނަ ސަބަބެއް ކަމަށް ބެލެވެނީ މި ޕްރޮޖެކްޓްތަކަކީ އެއްވެސް ގޮތަކަށް ރޭވުންތެރި ކަމާއި އެކު ހިނގާ ޕްރޮޖެކްޓްތަކަށް ނުވުމެވެ. ކްރޫޒްލައިން ޓާމިނަލް، ބަންކަރިން ޚިދުމަތް މިތަނުން ފަށާއިރު ކަސްޓަމަރުން އެކަމަށް ހޯދާނެ ގޮތެއް، ނުވަތަ އެ ޚިދުމަތް ދުނިޔޭގެ ބާޒާރަށް ވިއްކާނެ ގޮތެއް މުއިއްޒުގެ ސަރުކާރުން އެކުލަވާލާފައި ނުވުމާއި، އަދި އެކަންކަމާއި ގުޅޭ ފަންނީ ފަރާތްތައް ރާއްޖޭގެ ނެތުމަކީ ވެސް މީގެ ސަބަބެއް ކަމުގައި ބެލެވެއެވެ.
ތިންވަނަ ސަބަބަކަށް ބެލެވެނީ މުއިއްޒުގެ މުޅި ސަރުކާރުގައި އޮތީ ކޮރަޕްޝަނާއި ވައްކަން ކަން ބޭރުގެ ބޭންކު ތަކާއި ކުންފުނިތަކަށް ވަނީ ސާފު ވެފައެވެ. އެހެންކަމުން ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ޗައިނާގެ ކުންފުނިތައް އަތުން ސަރުކާރުން ނަގަން ބޭނުންވާ ފައިސާ އެތައް ޕަސެންޓަކަށް މައްޗަށް ގޮސް، ޕްރޮޖެކްޓްތައް ކުރިއަށް ނުދިޔުމުގެ ބިރުވެސް ބޭންކު ތަކަށް ވަނީ ހީވެފައެވެ.
މުއިއްޒުގެ ސަރުކާރުގެ ކަންކަން ހުރި ގޮތުން، އެއްވެސް ބޮޑު ޕްރޮޖެކްޓަކަށް ބޭރުން ރާއްޖެއަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަމެއް ނުގެންގުޅެއެވެ.