ރައީސް މުއިއްޒުގެ އިތުބާރު ގެއްލިފައިވާ, މަޖިލިސް ރައީސް އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ދުރުކޮށް, ދިއްގަރު ދާއިރާގެ މެމްބަރު, އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ޖަނގިޔާ ނާޒިމް މަޖިލިސް ރައީސްކަމަށް އައްޔަން ކުރުމަށް މުއިއްޒު ނިންމަވައިފިއެވެ. އަދި މަޖިލިހުގެ ނައިބު ރައީސްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު, ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހު އައްޔަން ކުރުމަށްވެސް މުއިއްޒު ވަނީ ނިންމަވާފައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި, މެލޭޝިއާއިން ވަޑައިގަތުމަށްފަހު މަޖިލިސް ރައީސް އަބުދުއްރަހީމް މީޑިއާތަކަށް މައުލޫމާތު ނުދެއްވާ ހަނު ހުންނެވި ނަމަވެސް, މުއިއްޒު މިވަގުތު ހުންނެވީ އަބުދުއްރަހިމް ދެކެ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިގެންނެވެ. މުއިއްޒު އަބުދުއްރަހީމް ދެކެ ކޯފާާ އިސްކުރެއްވީ, އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް ޓުއަރިޒަމް މިނިސްޓަރުކަމުން ވަކިކުރި ދުވަހު, މުއިއްޒުގެ ނިންމެވުމަށް ފާޑު ވިދާޅުވެ, "ދައުރު" ނޫހަށް އަބުދުއްރަހީމް އިންޓަރވިއު ދެއްވުމާއި ގުޅިގެންކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރެވި ޕީއެންސީގެ މަޖިލިސް މެމްބަރު ވިދާޅުވިއެވެ.
އަބުދުއްރަހީމް ރޭ ރާއްޖެ ވަޑައިގަތުމާއެކު, ސަރުކާރުން ވަނީ އޭނާ އެހެން އެއްވެސް ފަރާތަކާ ބައްދަލު ވިޔަނުދީފައެވެ. އަދި އަބުދުއްރަހީމް ކާރުގައި މުރައިދޫ ގެއަށް ވަޑައިގެންނެވީވެސް ވަލު ދޮރާށިން, މީޑިއާތަކަށް ފިއްލަވައިގެންނެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒުވަނީ އެއްވެސް ފަރާތަކާ އަބުދުއްރަހީމް ބައްދަލުކޮށް މީޑިއާތަކަށް މައުލޫމާތު ދިނުންވެސް މަނާ ކޮށްފައެވެ.
“ދިޔަވަރު އޮންލައިން” އަށް މައުލޫމާތުދިން, ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީގެ މެމްބަރު ވިދާޅުވި ގޮތުގައި, އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމަށް ސޮއިވެސް މިހާރުވަނީ ހަމަ ކޮށްފައެވެ. ޕެޓިޝަން މަޖިލީހަށް ނުވައްދާ އަދި ބާއްވާފަ އޮތީ މުއިއްޒުގެ އޯޑަރު އަންނަންދެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކު ހުށައަޅާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ސޮޔެއެވެ. މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮވެއެވެ. މަޖިލީހުގެ ރައީސް މަޤާމުން ވަކިވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންކަމަށްވެސް މަޖިލީހުގެ ޤަވާއދިގައިވެއެވެ.
“ދިޔަވަރު އޮންލައިން” އަށް ކަށަވަރު ވެފައިވާ ގޮތުގައި, އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް މަގާމުން ވަކިކޮށްފައިވަނީ ހޯމް މިނިސްޓަރުކަމުގައި ހުންނެވި އަލީ އިހުސާން މުއިއްޒުއާއި ހަމައަށް ގެންގޮސްފައިވަ އިންޓެލިޖެންސް މައުލޫމާތުތަކަށް އިތުބާރު ކޮށްފައެވެ.
ހަގީގަތާއި ޚިލާފް ދޮގު މައުލޫމާތު ފޯރުކޮށްދީގެން އިހުސާން ދަނީ އޭނާ ސަރުކާރުން ބޭރު ކުރަން ބޭނުންވާ މީހުން މަގާމްތަކުން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މުއިއްޒުގެ އަރިހަށް އިހުސާން ގެންދަވާ ފޭކް އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރުކޮށް މުއިއްޒު ގެންދަވަނީ އިހުސާން ދޭ ރިކޮމެންޑޭޝަންތަކަށް ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތައް މަގާމްތަކުގެ ޒިންމާތަކުން އެކަހެރި ކުރަމުންނެވެ.
އެހެންނަމަވެސް މުއިއްޒުއަށް އަދި މިހާތަނަށް ވަޒަން ނުކުރެވި އޮތްކަމަކީ, އިހުސާންއަކީ ވެރިކަމުގެ ހުވަފެން ދެކެމުން އަންނަ ފަރާތެއް ކަމެވެ. މުއިއްޒުއަށް ދެވަނަ ދައުރެއްގެ ހުވަފެން އިހުސާން ދައްކަމުން އައި ނަމަވެސް, އިހުސާންގެ ހަގީގީ އެޖެންޑާއަކީ ސިޔާސީގޮތުން މުއިއްޒު ބަލިކަށި ކުރުން ކަމެއްވެސް މުއިއްޒުއަށް ވަޒަން ކުރެވިފައެއް ނުވެއެވެ.
ހަގީގަތުގައިވެސް މުއިއްޒު ހުންނެވީ އަވާ މެންދުރެއްގައެވެ. އިހުސާން ހައްދަވާ އިންޓެލިޖެންސް ރިޕޯޓުތަކުގެ އަވާގައި ޖެހިފައެވެ. އޭނާގެ އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރުކޮށް, ސަރުކާރުގެ ތެރޭގައި ތިއްބެވި, އެތައް ޒަމާނެއްވަންދެން ޕީޕީއެމްގެ ފިކުރުގައި ތިބި އެތައް ބައެއް މުއިއްޒު ގެންދަވަނީ ބާކީ ކުރަމުންނެވެ.
ޕީޕީއެމްގެ ހަގީގީ ފިކުރާއި ބީރައްޓެހި, ސިޔާސީ އެއްވެސް ތަޖުރިބައެއް ނެތް, ”އީގޯ“ އެހާމެ ބޮޑު, ހޯމް މިނިސްޓަރު އިހުސާންގެ ކެހިވެރި މަޅީގައި ޖެހި މުއިއްޒު އެ ގެންދަވަނީ އޭނާ ސިޔާސީ ހަޔާތުގައި ކޫރުން އަޅަމުންނެވެ. މުއިއްޒުގެ ނިމުން އަންނަމުންދާގޮތް ކެތްތެރިކަމާއެކު ބަލަން ތިބެމާތޯއެވެ.