ހޯރަފުށީ ގައި ރައީސް މުއިއްޒު މިރޭ ބާއްވަމުން ދާ ޖަލްސާގައި އެ ރަށުން ބައިވެރިވީ އެންމެ 50 މީހުން ނެވެ. ޖަލްސާ ފެށިގެން ދިޔައިރު ނަގާފައިވާ ފޮޓޯތައް ދިޔަވަރު ނޫހަށް ވަނީ ލިބިފައެވެ. ސަރުކާރުގެ ރަސްމީ ލިސްޓްގައި މިދަތުރުގައި ބައިވެރި މީހުންގެ އަދަދު ކަމުގައި ވަނީ 59 މީހުންނެވެ. ނަމަވެސް ލިސްޓުން ބޭރުން މުއިއްޒު 80 މީހުން ހަމަކޮށް ފައިވެއެވެ.
ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި 59 މީހުންނަކީ މާލެއިން އެރަށް މުއިއްޒު އާއި އެކު ދިޔަ ޓީމުގައި ހިމެނޭ މީހުން ކަމަށް ބަލައި، ބާކީ ތިބި މީހުން ގުނާލި އިރު ތިބީ އެންމެ 50 މީހުންނެވެ. މި ދަތުރުގައި ކައިރީގެ އެހެން ރަށްރަށުން އައި މީހުންވެސް ޖަލްސާގައި ބައިވެރި ވެފައިވާއިރު މި 50 މީހުން ހަމަވަނީ ކައިރި ރަށްރަށުން އައި މީހުން ހިމަނައިގެންނެވެ. މިއީ 2400 އާބާދީއެއް އޮންނަ ރަށެކެވެ.
މުއިއްޒު ވަނީ ޖަލްސާތަކުގެ ކުރިއަށް ސަރުކާރުން ދާ ވަފްދުގައި ތިބޭ މީހުން ބޭތިއްބުމުގެ ބަދަލުގައި، ރަށުގެ އިސް ރަށްވެހިންނާއި އެހެން މީހުންނަށް ފުރަތަމަ ބަރިތަކުން ފުރުޞަތު ދީފައެވެ. އެއީ ޓީވީއިން އާންމުކޮށް މަންޒަރު ނަގާއިރު، ސަރުކާރުން ދާ 80 ވަރަކަށް މީހުން ނޫން ބަޔަކު ރަށްރަށުގައި ބާއްވާ ޖަލްސާތައް ދުރަށް ދައްކާއިރު ނުފެންނާތީއެވެ.
މުއިއްޒު ދަނީ ރަށްރަށަށް ވަޑައިގެން ބޮޑެތި ދޮގުތައް ހަދަމުންނެވެ. ރައީސް މުއިއްޒަށް ރަށްރަށުގައި "ކައްޒާބު"ގެ ނަމުން މުހާތަބު ކުރުން ވަނީ މިހާރު އާންމު ވެފައެވެ. މިކަމުގެ ސަބަބުން މުއިއްޒުގެ އިތުބާރު ގެއްލި ރަށްރަށުގައި މުއިއްޒަށް އިހްތިރާމެއް ތާޢީދެއް ނުކުރެއެވެ.