މި ސަރުކަރުގެ އިސް ވެރިންގެ މުސާރަ ކުޑަނުކޮށް, ސިޔާސީ އެހެން މަގާމްތަކުގައި ތިބި މުވައްޒަފުންގެ މުސާރަތައް ކުޑަ ކޮށްފިއެވެ.
އެގޮތުން މިމަހުން ފެށިގެން ސަރުކާރުން ސިޔާސީ މުވައްޒަފުންގެ މުސާރަތައް ޖަމާކޮށްފައިވަނީ ކޮންމެ މުވައްޒަފެއްގެ މުސާރައިންވެސް %10 އިންސައްތަ އުނިކޮށްފައެވެ. އެހެންނަމަވެސް, އެނގިފައިވާ ގޮތުގައި ރައީސުލްޖުމުހޫރިއްޔާއާއި ކެބިނެޓް ވަޒީރުންގެ މުސާރައިން އެއްވެސް މިންވަރެއް އުނިކޮށްފައެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, މިސަރުކާރުން ވަނީ ސްޓޭޓް މިނިސްޓަރުންގެ މުސާރައިންވެސް އުނިކޮށްފައެވެ. އޭގެ އިތުރުން, ރޯދަމަސް ކުރިޔަށް އޮއްވާ, މުއިއްޒުގެ އެންގުމަށް ސަރުކާރުން ވަނީ އެންމެ އާދައިގެ ސިޔާސީ މަގާމްތަކުގަ ތިބި މުވައްޒަފުންގެ މުސާރައިންވެސް ބައެއް އުނިކޮށްފައެވެ. އެހެންމަވެސް މިމަހުވެސް ރައީސުލްޖުމުހޫރިއްޔާއާއި ވަޒީރުން އެބޭފުޅުންގެ "މުޅި މުސާރަ" ގެއަށް ގެންދަވާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުން ގެންގުޅެމުން އަންނަނީ އަޅު މުވައްޒަފުންގެ ގޮތުގައިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މުއިއްޒު ސިޔާސީ ވަޒީފާތަކަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބައެއް ސިޔާސީ މުވައްޒަފުން އެކަށީގެން ސަބަބު ނެތި, ކުއްލިގޮތަކަށް ވަޒީފާތަކުން ވަކިކުރަމުންވެސް ދެއެވެ.
އަދި, ރިޔާސީ އިންތިޚާބުގައި ވައުދުވަމުން, އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވައުދުވުމަށްފަހު, ވެރިކަން ލިބިވަޑައިގަތުމާއެކު މުއިއްޒުވަނީ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް, އެތައް އާއިލާއެއް ހާލުގައި ޖައްސާފައެވެ.