ޚަބަރު

ރިޕޯޓު: ވެރިކަމަށް ދޮޅު އަހަރު ވެގެންދިޔައިރު، ރައްޔިތުން ނުކުމެ ވެރިމީހާ ވެރިކަމުން ފޭބުމަށް ގޮވާލާހިސާބަށް، ހާލަތު ދިޔަ ވެރިއެއް މިނޫނީ ދިވެހި ތާރިޚު ދެކެފައެއް ނެތް!

ދިޔަވަރު
ރިޕޯޓު: ވެރިކަމަށް ދޮޅު އަހަރު ވެގެންދިޔައިރު، ރައްޔިތުން ނުކުމެ ވެރިމީހާ ވެރިކަމުން ފޭބުމަށް ގޮވާލާހިސާބަށް، ހާލަތު ދިޔަ ވެރިއެއް މިނޫނީ ދިވެހި ތާރިޚު ދެކެފައެއް ނެތް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށްވެސް ފޮނި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ދައްކައިގެން, އެމަނިކުފާނަށް އާންމު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ތާއީދުން ވައްކަންކޮށްގެން މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ނަނާ ހުވަފެން ދައްކައިގެންކަން, މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފާއިތުވެގެން ދިޔައިރު މިވަނީ ވަރަށްވެސް ފުރިހަމައަށް ސާބިތުވެގެން ގޮސްފައެވެ.

އޭގެ ދިރިހުރި މިސާލުތައް މުއިއްޒު ރަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން މިދަނީ ސާބިތު ވަމުންނެވެ. ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެ ދޮގު ވައުދުތައް ވުމަށްފަހު, އެވައުދުތައް ނުފުއްދާ, ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ނުގެންގޮސް, މުއިއްޒު ރަށްތަކަށް ދަތުރު ކުރައްވަން ފެއްޓެވުމުން ރައްޔިތުން ވަނީ މުއިއްޒުއަށް "ބަހުލޫލު" އަށާއި "ކައްޒާބަށް" ގޮވާ އެމަނިކުފާނަށް އާޑަ ފުރައްސާރަވެސް ކުރަން ފަށާފައެވެ.

ވާނީވެސް އެހެންނެނެވެ. މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ހިންގި ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެންނާކަށް ނެތެވެ. ދޮޅު އަހަރު މުއިއްޒު ދުއްވާލީ ފެނަށެވެ.

މި ހަފްތާގައި މުއިއްޒު ހއ. ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި, މުއިއްޒުއާއި ދެކޮޅަށް ބައެއް ރަށްތަކުގައި ރައްޔިތުން އުތުރު އަރައިގަތް ހަގީގީ ސަބަބަކީ މުއިއްޒު ރައްޔިތުންނަށް ވީވައުދުތަކަށް ބޮޑުތަނުން ޚިޔާނާތްތެރިވެ, އަދިވެސް ރައްޔިތުންނަށް ދޮގު ވައުދުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ހަމައެއާއެކު, މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރު ވެގެންދާއިރު މުޅި ސަރުކާރުގައި ވަނީ ރެނދު ލާފައެވެ. މިސަރުކާރުގެ އެންމެ ވަރުގަދަ އެއް ތަނބުކަމަށް ބެލެވޭ, ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމްގެ ދަރިކަލުން, ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބުރާހިމް ފައިސަލް މުއިއްޒު މަގާމުން ވަކި ކުރުމާއެކު އަބުދުއްރަހީމް ވަނީ ސަރުކާރާ ފެއަށް ޖެހިވަޑައިގެންފައެވެ.

އޭގެ އިތުރަށްވެސް މުއިއްޒުގެ މުޅި ކެބިނެޓުގައި އޮތީ އުދާސްކަމާއި ހާސްކަމެވެ. މުއިއްޒު މަޖިލިހުގެ މެޖޯރިޓީ ހިފައްހައްޓަވަމުން ގެންދަވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށް މެމްބަރުންގެ ހަތަރެސް ފައިގައި ބިޑި އަޅުވައިގެންނެވެ. މުއިއްޒުގެ ދިފާއުގައި މެމްބަރުން އަޑެއް ނުއުފުއްލަވައެވެ. ދުލުން ބަސް ނުބުނެ ހަނު ތިއްބެވިއެއްކަމަކު, ޕީއެންސީގެ މެޖޯރިޓީ މެމްބަރުން ތިއްބެވީ އަނގޔާއަތާ ދިމާނުވެ, މުއިއްޒުގެ "މުސީބާތުން" ސަލާމަތްވޭތޯ ދުއާ ކޮއްލަކޮއްލައެވެ.

ހަގީގަތުގައިވެސް, ވެރިކަމަށް ދޮޅު އަހަރު ވެގެންދިޔައިރު, މުއިއްޒު ވެރިކަން މިއޮތީ ވެއްޔާއި މޮޑެވިފައެވެ. ކޮރަޕްޝަނާއި ޚިޔާނާތުން ކިލަނބުވެ, ދިވެހި ތާރީޚު ދުވަހުވެސް ނުދެކޭހާ ބޮޑެތި ބަނދުނާމުތައް މުއިއްޒި ހުންނެވީ ބޮލުގައި އަޅުއްވައިގެންނެވެ.

ވެރިކަމަށް ދޮޅު އަހަރު ވެގެންދިޔައިރު, ރައްޔިތުން ނިކުމެ ވެރިމީހާ ވެރިކަމުން ފޭބުމަށް ގޮވާލާހިސާބަށް ހާލަތު ދިޔަ ވެރިއެއް މިނޫނީ ދިވެހި ތާރިޚު ހަގީގަތުގައިވެސް ދެކެފައެއް ނެތެވެ. ޤާނޫނީ އިމުގެ ތެރެއިން މި ވެރިކަން ވައްޓާލަން ބޭނުން ނުވާ ހަމަ އެކަކު ވެސް ރާއްޖޭގައި ނެތެވެ.