ޚަބަރު

ރަށްރަށުގައި މަރުހަބާ ދެންނެވުމަށާއި، ފުރުވުމަށް ނުކުތުމާއި، ޖަލްސާތަކަށް ހާޒިރުވުމަށް މުއައްޒަފުންނަށް މަޖުބޫރު ކޮށް ހާޒިރީ ނަގާހިސާބަށް ތާޢީދު ގެއްލިގެން ދިޔައީމާ އިސްތިއުފާ ދިނުން މާރީތިވާނެ!

ދިޔަވަރު
ރަށްރަށުގައި މަރުހަބާ ދެންނެވުމަށާއި، ފުރުވުމަށް ނުކުތުމާއި، ޖަލްސާތަކަށް ހާޒިރުވުމަށް މުއައްޒަފުންނަށް މަޖުބޫރު ކޮށް ހާޒިރީ ނަގާހިސާބަށް ތާޢީދު ގެއްލިގެން ދިޔައީމާ އިސްތިއުފާ ދިނުން މާރީތިވާނެ!

މުއިއްޒު ޒިޔާރަތް ކުރާ ރަށްރަށުގައި މަރުހަބާ ދެންނެވުމަށާއި، ފުރުވުމަށް ބަނދަރު މައްޗަށް ނުކުތުމާއި، ޖަލްސާތަކަށް ހާޒިރުވުމަކީ ސަރުކާރު މުއައްޒަފުންގެ ރަސްމީ މަސައްކަތެއް ގޮތުގައި ބަލައި ނުކުތުމަށް ވަނީ މަޖުބޫރު ކޮށްފައިއެވެ. މި ގޮތަށް ސަރުކާރު މުއައްޒަފުންނަށް އަންގާފައިވާ ލިޔުންތަކެއް ދިޔަވަރު ނޫހަށް ލިބިފައިވާއިރު، ރައްޔިތުންގެ މައްޗަށް ބަޖުބޫރު ކޮށްގެން އެމްޑީޕީ ސަރުކާރުން އެއްވެސް ބަޔަކު ރައީސް ސޯލިހު އަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނު ކުރެއްވި އެއްވެސް ދަތުރެއްގައި ރައްޔިތުންނަށް އަންގާފައި ނުވެއެވެ.

ސަރުކާރު މުއައްޒަފަކަށް ވުމުގެ ކުރިން އެމީހެއްގެ ފަރުދީ މިނިވަން ކަން އިސްވެގެން ވެއެވެ. އެ ފަރުދީ މިނިވަންކަން ނަގާލައި އަދާ ކުރަންޖެހޭ ވަޒީފާގެ ޒިންމާ އާއި ގުޅުމެއް ނެތް ކަމަކަށް މަޖުބޫރު ކުރުވުމަކީ އިންސާނީ ޤަދަރާއި އިއްޒަތް ނަގާލުމެވެ. އަދި ރައްޔިތުންގެ ފަރުދީ މިނިވަންކަން ނަގާލެވޭ ކޮންމެ ހާލަތަކީ އަޅުވެތި ކަމާއި، ޚުދުމުހުތާރު ކަން ރަމްޒުކޮށްދޭ ކަންކަމެވެ.

  • ސަރުކާރު މުއައްޒަފުންނަށް އަންގައި ހާޒިރީ ނަގާފައިވާ ހއ. ހޯރުފުށީ ސިއްހީމަރުކަޒުގެ ލިޔުން.

ފަރުދީ މިނިވަންކަމަށް އިޚްތިރާމް ނުކުރާ ވެރިއަކީ ރައްޔިތުންގެ މައްޗަށް ކުލުނެއް ލޯތްބެއް އޮތް ފަރާތެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ވިސްނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމެނެއެވެ. މީގެ ތެރޭގައި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ މިނިވަންކަންވެސް ހިމެނެއެވެ. ސަރުކާރު މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ފަރުދީ މިނިވަންކަމާ ދެމެދު ހުންނަންޖެހޭ ވަކި މިންގަނޑުތަކެއް ވެއެވެ. ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމަށް މުވައްޒަފުން މަޖުބޫރުކުރުވުމަކީ އެ މުވައްޒަފުންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމެކެވެ.

ރަށްރަށުން މުއިއްޒަށް ތާޢީދު ކުރާނެ ބަޔަކު ނުވެގެން ހަޒިރީ ނަގައިގެން ސަރުކާރު މުއައްޒަފުން ނެރޭ ހިސާބުގައި ހުރި މީހަކު ވެރިކަމުގެ ހުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އިސްތިއުފާ ދޭށެވެ.