މިއަދަކީ ރައްޖޭގެ ފަޚުރުވެރި ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްޠާލުންގެ ޒިކުރާ އާކުރުމަށެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.
އެ ޝަހީދުންނަކީ, ދީނާ މިނިވަންކަމުގެ ދިފާއުގައި ފުރާނައިން ގުރުބާންވީ އަބުތާލުންނެވެ. އެއީ ގައުމަށްޓަކާ ހަށިގަޑާއި ޖާނާއި މާލުން ވީ ގުރުބާނީއެވެ. އެ އަބުތާލުން އެދުވަހު އެގުރުބާނީ ނުވިނަމަ, މިނިވަން އަބުރުވެރި ގައުމެއްގެ ގޮތުގައި މިއަދު މިގައުމު އަދުގެ ޖީލުތަކާއި ހަމައަށް ވާރުތަ ވެގެން ނައީހެވެ. ދިވެހީންގެ ދީންވެސް ދިވެހީންގެ ކިބައިން ގެއްލިގެން ދިޔައީހެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއަދު ރާއްޖޭގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު, އަނެއްކާވެސް, ދިވެހިންގެ ގައުމިއްޔަތާއި, ދިވެހިންގެ ދީނާއި, ދިވެހިންގެ މިނިވަންކަމާމެދު މިވަނީ ބޮޑި ސުވާލުތަކެއް އުފެދިފައެވެ. ލާދީނީ ފިކުރުރައް ދިވެހިންގެ މެދަށް ތައާރަފްކޮށް, ހުޅަނގުގެ ނުފޫޒު މިވަނީ އިންތިހާއަށް ފެތުރިގެން ގޮސްފައެވެ.
ފަލަސްތީނުގައި ބޮޑެތި ގަތުލު އާންމު ހިންގަމުންދާއިރު, އިސްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަސްޖެހުނު ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ. ސަރުކާރުން ޚިދުމަތް ދޭ ތަންތަން ނަމާދު ވަގުތަށް ބަންދުކުރުން ވަނީ ހުއްޓާލާފައެވެ. ކޮރަޕްޝަނާއި ފަސާދަ މިވަނީ އޭގެ އިންތިހާއަށް އާންމު ވެފައެވެ.
މިނިވަން ޑިމޮކްރަސީއެއްގައި, ވެރިކަމެއް ޚުދުމުޚްތާރު ވެގެން ދިޔަ ނުދިނުމުގެ ހަގީގީ ޒިންމާ އުފުލާން ތިބޭ ބަޔަކީ އެގައުމެއްގެ ރައްޔިތުންނެވެ. އެ ޒިންމާއަކީ ދައުލަތުގެ މިނިވަން މުވައްސަސާތަކުން އެ އުސޫލުން އުފުލާން ޖެހޭ ޒިންމާއެއްގެ ގޮތުގައި ގާނޫނު އަސާސީގައާއި ގާނޫނުތަކުގެ ލިޔެވި ބަޔާން ކުރެވިފައި އޮތް ނަމަވެސް, ރާއްޖެފަދަ, ކޮރަޕްޝަނުން މޫލާފަ އޮތް, އަދި ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއްގައި އެވާޖިބު އެންމެ ބޮޑަށް މަތިވެފައި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަނީ, ވެރިކަމުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައެވެ. އަދި ވެރިކަމުގެ އެންމެހާ ބާރުތަކެއް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައެވެ. ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މި މަހުފޫންގެ ހަގީގީ މާނައަކީ, ވެރިކަމެއް ފާލުން ކައްސާލައިގެން ދިޔަ ނުދިނުމުގެ ބާރުތައް ސީދާ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިނުމެވެ. އެ ރައްޔިތުން އިންތިޚާބުކުރާ ވެރީން ޒިންމާދާރު ކުރުވުމުގެ އެންމެހާ ޒިންމާއެއް ސީދާ ގާނޫނު އަސާސީން ރައްޔިތުންނާއި މަތި ކުރުމުވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ މިޒިންމާ އަދާކުރުމަށް ސީދާ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުތަކާއި އިޚްތިޔާރުތަކެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަަށް ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އިޚްތިޔާރަކީ ނުވަތަ ހައްގަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި, ޚިޔާލު ފާޅުކުރުމުގެ ހައްގެވެ. އެހެން ގޮތަކަށް ދަންވަނީނަމަ އިހުތިޖާޖު ކުރުމުގެ ހައްގެވެ.
އެއީ ވެރިޔަކުން ޚުދުމުޚްތާރު ވެގެންދިޔަ ނުދިނުމަށް ގާނޫ އަސާސީން ޖަހާދީފައިވާ ކަޑަތަކެވެ. ވެރިމީހާ ޒިންމާދާރު ކުރުވުމަށް ގާނޫނު އަސާސީން މުތުލަގަށް ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި, މުއިއްޒުގެ އަނިޔާވެރިކަމާއި, ދޮގާއި މަކަރާއި, ކޮރަޕްޝަނާއި ފަސާދަ މިވަނީ ހައްދު ފަހައަޅާ ގޮސްފައެވެ. ދިވެހި ތާރީޚު މީގެކުރިން ދެކެފައި ނުވާ މިންވަރަށް, މި ނުރައްކާތެރި ވަބާތައް މިވަނީ މިއަދު މޫލާފައެވެ.
މުއިއްޒުއަށް ބައި އަޅައިގެން, ގޯތި ގެދޮރުންވެސް މިސަރުކާރުގެ ވެރިން ވައްކަން ކުރަނީއެވެ. ރައްޔިތުންގެ ފްލެޓް ލިބުނަ ނުދީ ހިފައްހައްޓާ, އާދައިގެ ނިކަމެތި ރައްޔިތު މީހާގެ މައްޗަށް އަނިޔާވެރި ވަމުންދަނީއެވެ. ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި, ވަޒީރުން, ނުއަގުގައި, އުސޫލާ ޚިލާފަށް ހުޅުމާލެއިން ގޯތި ގަނެ, ރައްޔިތުންގެ ހައްގުތަކަށް ވަނީ އަރައިގެންފައެވެ. މުއިއްޒުގެ ސިޔާސީ ކުރިމަގަށް ދައުލަތުގެ މުޅި މާލިއްޔަތު ދަނީ ގުރުބާން ކުރަމުންނެވެ.
ގާނޫނު އަސާސީވެސް, ރައްޔިތުންގެ ގާތުގައި “ހޭވެސް” އަހާ ނުލާ, އެންމެ 12 ގަޑިއިރުތެރޭ ބަދަލު ކޮށްލީއެވެ. މުއިއްޒުގެ އަމިއްލަ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމުގެ މަގުސަދުގައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, ރައްޔިތު މީހާ ނިކަމެތި ވެއްޖެއެވެ. އަނގަޔާ އަތާ ދިމާނުވާ ހާލަތަށް, ރައްޔިތުން ނިކަމެތި ވެއްޖެއެވެ. ފްލެޓްތައްވެސް ބަހާލަމުން ދަނީ ސާޖިދާގެ ލިސްޓަށާއި, މަޖިލިސް މެމްބަރުންގެ ލިސްޓުތަކަށެވެ.
މިއީ ހަގީގައިވެސް މިރާއްޖޭގެ ތާރީޚު މިއުސޫލުން މީގެ ކުރީން ދެކަވައިވާ ކަންކަން ނޫންކަމުގައި ދަންނަވާން ޖެހެއެވެ.
މިހާލަތަށް ގައުމެއް ދިއުމުން, އަދި އެގައުމެއްގެ ސަރުކާރު ފަސާދަވެ އަނިޔާވެރި ވުމުން, އެސަރުކާރެއް ޒިންމާދާރު ކުރުމުގެ ޒިންމާ އުފުލާން ތިބޭނީ ރައްޔިތުންނެވެ. ރައްޔިތުން ނިކުމެ އެރައްޔިތުންގެ ބާރު ދައްކާލުމުން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވާން މަޖުބޫރުވާނެއެވެ.
އަވައްޓެރި ސްރީލަންކާއިންނާއި ބަންގްލާދޭޝްއިންނާއި އަދި އެނޫނަސް ދުނިޔޭގެ އެތައް ގައުމަކުން މިހަގީގަތުގެ ދިރިހުރި މިސާލުތައް ދަނީ ފެންނަމުންނެވެ. މިކަންކަމުން މިސާލު ނަގާ, އައްޔަކަން އަނދިރިއަކަސް ވާނީ އެއްވަރޭކަމުގައި ނުބުނެ, އަނިޔާވެރި އަދި ދޮގުވެރި މުއިއްޒު ޖަވާބުދާރީ ކުރުވުމަށް އިހުތިޖާޖަށް ނިކުތުން މިއަދު މިވަނީ ރައްޔިތުންގެ މައްޗަށް ވާޖިބުވެފައެވެ.
އެހެންނަމަވެސް, މުއިއްޒު އަނިޔާވެރިކަމާއި, ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް މިރޭ ބެއްވުމަށް ހަމަޖެހިފައިވާ މުޒާހިރާއަށް ބިރުދެއްކުމަށް, ރޭ މުއިއްޒު ވަނީ ޓޭންކަރުތަކާއި ބަރުހަތިޔާރު މާލޭ މަގުތަކަށް ނެރެފައެވެ.
މީގެ ކުރިން މާލޭގައި ބާއްވާ އެފަދަ އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުންނާއެކު ސިފައިން ހަރަކާތްތެރިވެފައިވެ އެވެ. ފެބްރުއަރީ 7، 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވީ ވެސް ސިލްސިލާ މުޒާހަރާތަކެއް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްތްކެއް ކުރަމުން ގޮސް، މުޒާހަރާތަކުގައި ސިފައިންނާއި ފުލުހުން ބައިވެރިވެގެންނެވެ.
އެހެންނަމަވެސް, ރައްޔިތުން ސުލްހަވެރި އިހުތިޖާޖަކަށް ނިކުންނާތީ ބަރު ހަތިޔާރު, އެއްވެސް ވެރިކަމެއްގައި މި އުސޫލުން މަގުތަކަށް ނެރެ, އާންމު ރައްޔިތުންނަށް ބިރު ދެއްކުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
ރޭ މާލޭގެ މަގުތަކަށް ބަރުހަތިޔާރު ނެރުމާއި ގުޅިގެން އާންމު ރައްޔިތުންގެ މެދުގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.
އެހެންނަމަވެސް, ގާނޫނު އަސާސީން ރައްޔިތުންނަށް ލިބި ދީފައިވާ މިނިވަންކަމާއި ހައްގުތައް ޓޭންކަރުތަކާއި ބަރު ހަތިޔާރުން ބިރު ދައްކައިގެން ނިގުޅައިގަނެވިދާމެކަމަށް މުއިއްޒުއަށް ހީ ކުރެވުމަކީ ހަގީގަތުގައިވެސް މުއިއްޒުގެ ވިސްނުމުގެ ކޮށިކަން ކަމުގައި ގިނަ ބަޔަކު ވަނީ ސިފަކުރާން ފަށާފައެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި, ދިވެހި ކާބަފައިންނަކީ މާޒީވެދިޔަ ތަނުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެކޮޅަށްވެސް ޖިހާދުކޮށް, އަޅުވެތިކަމާއި ދެކޮޅަށް ހަށިފޮޅާލި އަބުތާލުންތަކެއްކަން ދިވެހި ތާރީޚުން ވަރަށްވެސް ފުރިހަމަޔަށް އޮތީ ފެންނާށެވެ. އަދި ފަހުގެ ޒަމާނުގައި ދިވެހިން ކުރިމަތިލީ ނޮވެމްބަރު 3ގެ އުދުވާންގައިވެސް ދިވެހި އަބުތާލުން ދެއްކި ހިތްވަރާއި ފަންވަރުން ސާބިތުވާން އޮތް އެއް ހަގީގަތަކީ ދިވެހިންނަކީ ކަނޑިއާއި ބަޑީގެ ކުރިމަތީގައި ބޯ ގުދުކުރާނޭ ބައެއް ނޫންކަމެވެ.
އެހެންކަމުން, ދިވެހިރައްޔިތުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކުން މަހުރޫމް ކުރުވުމަށް, ޓެންކަރާއި, ބަރު ހަތިޔާރުން ބިރު ދެއްކިދާނެކަމަށް މުއިއްޒުއަށް ހީކުރެވުމަކީ ހަގީގަތުގައިވެސް މުއިއްޒުގެ ވިސްނުމުގެ ކޮށިކަމެވެ. ވަލިއްޔުލްއަމުރުގެ މަގާމަށް ތަސައްރަފް ނުފުދޭކަމުގެ ފުރިހަމަ ހެއްކެވެ.
ޓެންކަރާއި ބަރުހަތިޔާރުތަކަށް ދިވެހިންނެއް ނުސިހޭނެއެވެ. ކަށިން ހިތްވަރުނެރެ, މިއަނިޔާވެރި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ރައްޔިތުން މިއަދު ތިބީ އަތުކުރު އޮޅާލައިގެންކަން ފެންމުންދާ މަންޒަރުތަކުން ދަނީ ވަރަށްވެސް ފުރިހަމަޔަށް ސާބިތު ވަމުންނެވެ.
އާދޭހެވެ! މިއަދަކީ ޝަހީދުންގެ ދުވަހެވެ. މިއަދި ގައުމަށްޓަކާ އަދާކުރެވެން އޮން އެންމެ ބޮޑު އެއް ވާޖިބަކަށް ވެގެންދާނީ, ދިވެހިންގެ ދީނީ ވަހުދަތު ފުނޑުފުނޑުކޮށް, އަދި މިރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުކޮށްފައިވާ މިސަރުކާރުން ޖަވާބުދާރީ ކުރުވާ, މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަކަށް ގެނެސް, އަނިޔާވެރި މުއިއްޒު “ސައިޒް” ކުރުމަށް އެންމެހާ ރއްޔިތުންވެސް މަގުތަކަށް ނިކުތުންކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.