މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާނަމަ އެ ފްލެޓެއް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ފްލެޓުތައް ހަވާލުކުރުން އާ ސަރުކާރަށް ދޫކޮލުމަށް ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޫކުރާ 4,000 ފްލެޓަށް ކޮލިފައިވި މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ އެކު އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލައިފަ އެވެ. މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ޝަކުވާގެ ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބީ ރައީސްގެ އޮފީހަށް ވެސް އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ގާތްގަނޑަކަށް ނުވަ ދުވަސް އޮތްއިރު މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން ފްލެޓުތައް ހަވާލުކުރުމުގެ ބަދަލުގައި އާ ސަރުކާރަށް އެ މަސައްކަތްތައް ދޫކޮށްލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ނުހައްގުން ފްލެޓުތަކެއް ދީފައިވާނަމަ އެފަދަ ފްލެޓެއް އަތުލާނެ ކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް މިއަދު އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ދީފަ އެވެ.
"ނުހައްގުން, ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ހާސިލުކޮށްފައިވާނަމަ, ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާނަމަ, ނުވަތަ އެފަދަ އެހެން ކަންކަން ހުރި ކަމަށް ވާނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ," މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މި ސަރުކާރުން ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ ޑރ. މުއިއްޒު ކުރައްވާނެ ކަމެއް ނޫނެވެ. އަދި, ހުދު އެމަނިކުފާނު ވެސް ވަނީ މި ސްކީމުތަކަށް ހުށަޅާފައިވާ އެއްވެސް ފޯމެއް ބާތިލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް, ފިރުޒުލް މިއަދު ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފްލެޓުތައް ދީފައިވާ ގޮތާ މެދު މައުލޫމާތުތައް އެއްކުރައްވައި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް އޮތް ނަމަ ފިޔަވަޅު އަޅުއްވާނެ އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓެއް ދިނުން ހިމެނޭނަމަ އެ ފްލެޓެއް އަތުލާނެ ކަމަށް ބެލެވެ އެވެ.
އެންމެ ފަހުން މުއިއްޒު ފްލެޓް ދީފައިވަނީ ހައުސިންގ މިނިސްޓަރ އަކަށް ހުރެ މެޑަމް ފާތުން ދިން ލިސްޓަކަށް ޕީޕީއެމް މީހުންނަށެވެ. އެމްޑީޕީގެ ގިނަ ބައެއްގެ ޝަކުވާ އިތުރުވެފައިވަނީ މިފަހަރުވެސް ނުގަވާއިދުން ޕީޕީއެމް ގިނަ ބަޔަކަށް ފްލެޓްދީފައިވާކަމަށް ތުހުމުަތުކޮށްފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީއިން އާންމު ބައެއް މެމްބަރުން ވަނީ ވަކިވެފައެވެ.