މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް މަގާމުން ވަކިކުރުމަށްފަހު, މުއިއްޒު މިއަދުވަނީ "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" އަދި "މިނިސްޓްރީ އޮފް ޓޫރިޒަމް" އެއްކޮށްލާ "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަމަށް ބަދަލު ކޮށްފައެވެ.
އަދި މުއިއްޒު ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް, މިސަރުކާރުގެ އެންޔަރމަންޓް މިނިސްޓަރަކަށް ހުންނެވި ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވާފައެވެ.
މުއިއްޒު ޓުއަރިޒަމް މިނިސްޓަރަކަށް ތާރިގް ހަމަޖައްސަވާފައިވާއިރު, މިއީ ފަތުރުވެރިކަމަށް ޚާއްސަ ވުޒާރާއެއް ހަމަނުޖެއްސި ފުރަތަމަ ސަރުކާރެވެ. ފާއިތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްސަ ވަކި ވުޒާރާއެއް ހަމަޖައްސަވާފައި ވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބެވެ. ރާއްޖޭގެ އިގްތިސާދުގެ %70 ސީދާ ގޮތުގައި އެސިނާއަތް ހިއްސާކުރާއިރު, ނުސީދާ ގޮތެއްގައި ރާއްޖޭގެ އިގްތިސާދުގެ %90 ހިއްސާކުރަނީ މި ސިނާއަތެވެ. ރާއްޖޭގެ އެންމެ ބޮޑު ލޭބަރ ފޯސްއެއް އޮތީވެސް މި ސިނާއަތުގައެވެ. ރާއްޖޭގެ އެންމެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ މިސިނާއަތުގައެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ, ފަތުރިވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މީހަކު ނިސްބަތް ނުވާ އާއިލާއެއް ރާއްޖޭގައި މަދުވާނެއެވެ.
އޭގެވެސް އިތުރަށް, ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ "މަލްޓި މިލިއަން ޑޮލަރ"ގެ ސިނާއަތެކެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ސިނާއަތެވެ. ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނުން ތިބީ މި ސިނާއަތުގައި އިންވެސްޓް ކޮށްގެންނެވެ. ދުނިޔޭގެ އެއްމެ މުއްސަނދި ބްރޭންޑްތަކާއި, "މަލްޓި މިލިއަން ޑޮލަރ" ކުންފުނިތަކުން ތިބީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކޮށްގެންނެވެ.
މިމުހިންމު ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބަށް ވުމުގެ އިތުރުން, މި ސިނާއަތަކީ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ, އަދި ފުޅާކޮށް ތަރައްގީވެސް ކުރާންޖެހޭ ސިނާއަތެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިނދަޖެހިއްޖެނަމަ ރާއްޖޭގެ ރައްޔިތުންގެ ބަނޑުފުރާނަވެސް މުއްތި ނުކުރެވޭނެކަމަށް, ދުނިޔެއަށް ކުރިމަތިވީ ކޯވިޑް ކާރިސާއިން އޮތީ ވަރަށްވެސް ފުރިހަމަޔަށް ސާބިތުވެގެން ގޮސްފައެވެ. އެފަދަ ހާލަތެއްގައި, ބޭރު ފައިސާ އެތެރެވާނެ މަގު ބަންދު ވީއެވެ. ދައުލަތުގެ އާމްދަނީ %60 ގެއްލިގެން ދިޔައީއެވެ.
އެހެންކަމުން ހުރިހާ ހާލަތެއްގައިވެސް ފަތުރުވެރިކަމުގެ ސިނާއަތަކީ އެސިނާއަތަށް ޚާއްސަ ވުޒާރާއެއް އޮތުން ލާޒިމް ސިނާއަތެކެވެ. ފާއިތުވި ހުރިހާ ސަރުކާރެއްގައިވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަ ވުޒާރާއެއް އޭރުގެ ރައީސުން ހަމަޖެއްސެވި ސަބަބުތަކަކީ މިއީއެވެ. މިސިނާއަތު ދިރުވާ އާލާކޮށް, މިސިނާއަތު ހީނަރުވެގެން ދިޔަ ނުދިނުމުގެ މުހިންމުކަން އެ ރައީސުންނަށް ފަހުމް ކުރެވުނީއެވެ. ވަކި ވުޒާރާއެއް މިސިނާއަތަށް ޚާއްސަ ކުރެވިގެން މެނުވީ, ހަގީގީ ނަތީޖާ ނުނެރެވޭނެކަން އެރައީސުންނަށް ވަޒަން ކުރެވުނީއެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި އަމަލުކުރާ އުސޫލަކީ މިއީއެވެ. އެގައުމުގެ އިގްތިސާދަށް މުހިންމު ސިނާއަތްތައް ދިރުވާ އާލާކުރުމަށް ވުޒާރާތައް ޚާއްސަ ކުރެއެވެ.
ސައުދީ އަރަބިއްޔާގައި، ތެލަކީ އެޤައުމުގެ މައިގަނޑު އިޤްތިޞާދީ ވަސީލަތް ކަމަށްވުމާއެކު، މިނިސްޓްރީ އޮފް އެނަރޖީ އުފައްދާފައިވެއެވެ. މި ވުޒާރާއިން ތެލުގެ ވަސީލަތްތައް ބެލެހެއްޓުމާއި، ތެލުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރެއެވެ.
އޮސްޓްރޭލިއާގައި، މައިނިންގ (މަޢުދަނު ކޮނުމުގެ) ޞިނާޢަތަށް ޚާއްޞަކޮށް ޑިޕާޓްމަންޓް އޮފް އިންޑަސްޓްރީ، ސައިންސް، އެނަރޖީ އެންޑް ރިސޯސަސް އުފައްދާފައިވެއެވެ. މި ވުޒާރާއިން މަޢުދަނު ވަސީލަތްތައް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރެއެވެ.
ނޯވޭގައި، ކަނޑުގެ މުއްސަނދިކަމަށް ބިނާކޮށް މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީ އެންޑް ފިޝަރީޒް އުފައްދާފައިވެއެވެ. މި ވުޒާރާއިން މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ކުރެއެވެ.
މި ގޮތަށް ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ވަސީލަތްތައް ބެލެހެއްޓުމަށް އެކަށީގެންވާ ވުޒާރާތައް އުފައްދާފައި ހުރެއެވެ.
އެހެންނަމަވެސް މިރާއްޖޭގެ ވަލިއްޔުލްއަމުރަށް, ރާއްޖެއަށް އެންމެ މުހިންމު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވުޒާރާއެއް ހުންނަންޖެހޭކަމަށް ވިސްނިވަޑައެއް ނުގެންނެވިއެވެ. މިއީ މުއިއްޒުގެ ދުރުވިސްނުން ހިނގާ މިންވަރެެވެ. ގައުމާ މެދު ވިސްނުން ހިނގާ މިންވަރެވެ.
މުއިއްޒުގެ ސިޔާސަތުތަކުން ހަގީގަތުގައި ހާމަވެގެން ދަނީ, "ވިޝަނަރީ ލީޑަރ"އެއްވެސް އެއްވެސް ސިފައެއް މުއިއްޒުގެ ކިބައިގައި ނެތްކަމެވެ. ހާމަވަމުންދަނީ މުއިއްޒުއަކީ ވިސްނުމެއް ސިޔާސަތެއް ނެތް ރައީސެއްކަމެވެ.