ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫނީ ބެލެނިވެރި ފަރާތް ކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން, ރާއްޖެ ޓީވީން ފޮނުވި ވީޑިއޯއެއްގެ މައްސަލަ ތަޙްޤީޤު ކުރަން ފަށާއިފިއެވެ.
މި މައްސަލައަކީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް ބޭއްވި ހިނގާލުމުގެ ކަވަރޭޖާ ގުޅިގެން ރާއްޖެ ޓީވީން 26 ޖަނަވަރީ 2025 ގައި ފޮނުވި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" މި ނަމުގައި ތައްޔާރުކޮށްފައިވާ ލަވައަކާ ގުޅޭ މައްސަލައެކެވެ.
ބްރޯޑްކޮމްގެ ފަރާތުން ރާއްޖެ ޓީވީއަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ މި މައްސަލަ ބަލައި ވަކި ގޮތެއް ނިންމަންދެން އެ ކޮންޓެންޓް ރައްކާތެރިކަމާއެކު ބެހެއްޓުމަށް އަންގާފައެވެ.
މި މައްސަލަ ބްރޯޑްކޮމަށް ހުށަހަޅާފައިވަނީ މި ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި މައްސަލަ ހުށަހެޅި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި މި ލަވައަކީ ރާއްޖެ ޓީވީގެ ހުށަހެޅުންތެރިއެއް ކަމަށްވާ ޢާމިރު ސަލީމްގެ ޅެމަކަށް ހަދާފައިވާ ލަވައެއްކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީގެ ބޮޑު ހިނގާލުން މުއިއްޒުއަށް ހަޖަމް ނުކުރެވި, އެ ހިނގާލުމުގެ ތީމް ލަވަ ރާއްޖެ ޓީވީން ގެނައި މައްސަލަ ބެލުމަށް ބްރޯޑްކޮމްއަށް އަންގާފައިވަނީ މުއިއްޒުއެވެ.
އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވައުދު ވެފައިވަނީ, މި ވެރިކަމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގ އެންމެ ފުޅާ މިނުގައި ދޭނެކަމަށެވެ. އެހެންނަމަވެސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކުރާތާ އަހަރެއް ފާއިތުވެގެން ގޮސްފައިވާއިރު, މުއިއްޒު ގެންދަވަނީ ރިޔާސީ އިންތިޚާބުގަ ވީވައުދުތައް ޚިޔާނާތްތެރިވެ, ގާނޫނު އަސާސީން ލިބިދީފަ އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަމުންނެވެ.